ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ނުވަތަ ސްޓެލްކޯ އޭ ބުނުމުން އެންމެންނަށް ވެސް ތަސައްވަރު ކުރެވޭނީ ނުވަތަ ކުންފުނި ސިފަކުރެވޭނީ ކަރަންޓު ގުޅައިދީ މަހުން މަހަށް ކަރަންޓުގެ ޚިދުމަތަށް ބިލު ހަދައި އެޚިދުމަތަށް އަގުނަގާ ސަރުކާރުގެ ކުންފުނީގެ ގޮތުގައެވެ. މިހާތަނަށް ވެސް އެނޫން ގޮތަކަށް އެކުންފުނި ސިފައެއް ނުކުރެވެއެވެ. ނަމަވެސް ސްޓެލްކޯގެ މިހާރާއި ކުރިމަގު އޮތީ ތިޔަ ހީފުޅުކުރަށްވާ ގޮތަކަށް ނޫނެވެ. އެއީ އިއްޔެގެ މާޒީކަން އަޅުގަނޑުމެންނަށް ކަށަވަރުވީ އެކުންފުނީގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއާއި ބައްދަލުކޮށްލުމުނެވެ.


ރަނގަޅު ވާހަކައެކެވެ. ހަސަން މުޣުނީ އެތަނަށް ވަންނަވައި ކުންފުނީގެ ޒިންމާތަކާއި ހަވާލުވެ ވަޑައިގެންނެވި އިރު އެތަން އޭނާއަށް ސިފަ ކުރެއްވުނީ ކުރިން އެޚިދުމަތް ފެށިގެން އައިއިރު އޮތް ބޯޑުގެ ގޮތުގައެވެ. މުޣުނީ އެދޮރުން ވެންނެވި އިރު އެއްގޮތަކަށްވެސް ސްޓެލްކޯއަކުން އޭނާ ހީފުޅުކުރެއްވި އެބޮޑު ނަމެއް ތަސައްވަރެއް ނުކުރެއްވުނެވެ. ކުޑަމިނުން ޒަމާނީ ކުންފުންޏެއްގެ ތަސައްވަރެއް، މިސްރާބެއް އެފަދަ ކުލަވަރެއް ވެސް ނެތެވެ. އެފަދަ އުއްމީދެއް، އިންތިޒާމެއް އަދި ހަރުދަނާ އުސޫލެއް ވެސް ނެތެވެ. ޓެކްނިކަން އެތައް މުވައްޒަފުން ތަކަކާއެކު ޓެކްނިކަލް މަސައްކަތްތަކެއް ކުރާ ތަނަކަށް ވާންޖެހޭ ސްޓެލްކޯގައި އެ މުވައްޒަފުން ހަދާނެ ގޮތެއް ކުރާނެ ކަމެއް އެމީހުންގެ ކުރިމަގެއް ވެސް ނެތެވެ. މުވައްޒަފުން އުއްމީދު ކުރާނެ ކުރިމަގުގެ ތަސައްވަރެއް އަމުދުން ނެތެވެ. ސަރުކާރުގެ އެފަދަ ބޮޑު މުހިންމު ކުންފުންޏެއްގެ އަހަރީ ބަޖެޓު އެކަށީގެންވާ ގޮތަކަށް ހެދިފައެއް އަދި ހަދާނެ ގޮތެއް ކަނޑައެޅިފައެއް ވެސް ނެތެވެ. މުޣުނީއަށް ސްޓެލްކޯ ފެނިވަޑައިގެންނެވީ މާލިމީއެއް ނެތި އެއްވެސް މިސްރާބެއް، ދާނެ މަންޒިލެއް ނެތި ދަތުރުކުރަމުންދާ އޮޑިއެއްގެ ގޮތުގައެވެ.

ކޮންމެ ގޮތަކަށް ކުންފުނީގެ މާޒީ އޮތް ނަމަވެސް މުޣުނީ ބޭނުންފުޅުވީ މާޒީގެ ވާހަކަ ނުދައްކަވައި އޭނާއާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ހަވާލު ކުރެއްވި އެ މުހިންމު ޒިންމާއާއި މަސައްކަތް ކުރެއްވޭނެ ގޮތްތައް ހޯއްދަވައި އަވަހަށް އެމަސައްކަތް ފެއްޓެވުމަށެވެ. ކުރީގެ ހަޑިތައް ސާފުކުރަށްވަން އޭނާއަށް ވެސް ޖެހިވަޑައިނުގަންނަވަނީކީ ނޫނެވެ. އެކަން ކުރަށްވަމުން ކުންފުނި ކޮޅަށް ޖައްސަވައި ޒަމާނީ ޕްރޮފެޝަނަލް ކުންފުންޏަކަށް ކުންފުނި ބަދަލުކޮށް ރައްޔިތުންނަށާއި ގައުމަށް ޚިދުމަތް ކޮށްދޭ މީހުން ބަލައިގަންނަ ކުންފުންޏަކަށް ކުންފުނި ހެދުމަކީ މުޣުނީގެ އެންމެ މުހިންމު އަމާޒެވެ. ގައުމުގެ ތަރައްގީއާއި އިޖުތިމާޢީ ޚިދުމަތުގައި ކުންފުނީގެ ބައިވެރިވުން އިތުރުކޮށް ޒަމާނީ އީޖާދީ މަސައްކަތްތަކެއް ކުރާ އަދި އިންޖިނިއަރިންގގެ ދާއިރާއިން މުހިންމު ފަންނީ މަސައްކަތްތަކެއް ކުރާ ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯއާއި އެކުންފުނީގެ މުވައްޒަފުން، ބައްޓަންކޮށް ތައްޔާރު ކުރެއްވުމަކީ މުޣުނީގެ އެންމެ މުހިންމު މަސައްކަތް ކަމުގައި ހައްދަވައިގެން ފެށްޓެވި އެ މަސައްކަތުން ލިބިފައިވާ ބައެއް ކާމިޔާބީ ތަކާއި ކުރިމަގުގެ ބައެއް ތަސައްވަރުތައް ކުންފުނީގެ އެމްޑީ ވަނީ "ރަސް އޮންލައިން" އާއި ހިއްސާ ކުރަށްވާފައެވެ.މުޣުނީ ކުންފުންޏަށް ވެންނެވިއިރު ކުންފުނީގައި ހަރުދަނާ އުސޫލެއް ނެތެވެ. ކުރިމަގާ ބެހޭ ގޮތުން ލިޔެވިފައި އޮތް ރަނގަޅު ތަސައްވުރެއް ވެސް ނެތެވެ. ކުންފުނީގައި ހަރުދަނާ ރަނގަޅު ލީޑަރޝިޕެއް އުފެއްދިފައެއް ނެތެވެ. ކަމެއް ފަށަންވީ ތަނެއް ނިމެންވީ ތަނެއް ނެތެވެ. 70 އަހަރުވީ ސަރުކާރުގެ ބޮޑު ކުންފުންޏެއްގައި އެފަދަ ކުންފުންޏެއްގެ އެއްވެސް ސިފައެއް ސަގާފަތެއް ވެސް ނެތެވެ. މީގެ ކުޑަ މިސާލެއް ނަންގަވަމުން މުޣުނީ ވިދާޅުވީ ކޮންމެ އަހަރަކުވެސް ހޫނު މޫސުމުގައި މާލޭގެ ގޭގޭގެ ކަރަންޓްބިލްތައް ބޮޑުވާ ވާހަކައަކީ ކޮންމެ އަހަރަކު ދައްކަމުން އަންނަ އަދި ކުންފުންޏަށް އެކަމާމެދު ޖަވާބުދާރީ ވާންޖެހޭ މައްސަލައެއް ނަމަވެސް އެމައްސަލައަށް ހައްލެއް ހޯދައިދިނުމަށްވެސް ހައްލު ހޯދޭނެ ގޮތެއް ހޯދުމަށްވެސް އެއްވެސް ހަރުދަނާ ސިޔާސަތެއް އުސޫލެއް، ހަދާނެ ގޮތެއް ލިޔެވި ކަނޑައެޅިފައި ވެސް ނެތް ކަމަށެވެ.

"ކޮންމެ އަހަރަކު ވެސް މާލޭގެ ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާއެއް މީ. ހޫނު މޫސުމުގައި ކަރަންޓުބިލު މައްޗަށްދާ މައްސަލައަކީ ކޮންމެ އަހަރަކު ކުންފުންޏާ ކުރިމަތިލާންޖެހޭ މައްސަލައެއް. ޖަވާބުދޭން ޖެހޭ ރައްޔިތުންގެ ޝަކުވާއެއް. ނަމަވެސް ކޮންމެ އަހަރަކުވެސް އެ މައްސަލައާއި ކުރިމަރިލައިގެން ތިބީ. މައްސަލައަށް ހައްލެއް ހޯދައި މިވެގެން އުޅޭ ގޮތް ބުނެދީ ރައްޔިތު މީހާއަށް ހައްލެއް ހޯދައިދޭކަށް އެއްވެސް ކަމެއް ކޮށްފައެއް ނެތް." އެމައްސަލަ ހައްލުކުރަން ކުރަށްވާ މަސައްކަތް ހިއްސާ ކުރަށްވަމުން މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވާ މައްސަލަ ހައްލުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވައި ބިލު ކުޑަކުރާނެ ގޮތްތައް ކިޔައިދިނުމުން ނުވަތަ ކަރަންޓުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ބުނެދީ އެކަމަށް ރަނގަޅަށް ޖަވާބުދާރީވާން ފެށުމުން ރައްޔިތުން އެކަމަށް ހޭލުންތެރިވަމުންދާ ކަމަށެވެ. އަދި އޭގެ ނަތީޖާވެސް ފެންނަމުންދާ ކަމަށް މުޣުނީ ވިދާޅުވިއެވެ.
"އެއްވެސް ކަމެއްގައި ދުރު ރާސްތާ ޕްލޭނެއް ކުންފުނީގައި ނެތް. ކަމެއް ހިނގީމާ އެކަމެއް ހައްލުކޮށްލަނީ. އެކަން ދިމާވީ ކީއްވެތޯ ބަލާ ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރެވިފައެއް ނެތް. މިސާލަކަށް ކަރަންޓު ކެނޑުނީމާ ކަރަންޓު ދިނީމަ ނިމުނީ. އެކަން މެދުވެރިވި ސަބަބު ހޯދައި އެކަމަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރެވިފައެއް ނެތް. އަސްލު އޮޕަރޭޝަނަލް ލެވަލްގެ ޕްލޭނެއް ވިސްނުމެއް ނެތް ގެންގުޅެފައެއް." ސްޓެލްކޯއަށް ދިމާވެފައި އޮތް ކަރަންޓު ކެނޑުމުގެ މައްސަލައަށް ބޮޑު ހައްލެއް މިހާރު ހޯދިފައިވާކަން ހާމަ ކުރަށްވަމުން މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު މިހާރު އެމައްސަލަ ސަތޭކަ ޕަސެންޓާއި ހަމައަށް ހައްލު ކުރެވިފައިވާ ކަމަށެވެ. މުޣުނީ ވިދާޅުވީ މިމައްސަލައިގެ އަސްލު އެންމެ ބޮޑަށް ގުޅިފައި ވަނީ މާލޭގައި އަޅާފައިވާ ޒަމާންވީ ބާ ނެޓްވޯކާ ކަމަށެވެ.

"ވަރަށް ދުވަސްވީ ނެޓްވޯކެއްގެ މައްސަލަ މީގެ އެންމެ ބޮޑު އަސްލަކީ. ބޮޑު ޚަރަދެއް ކުރަން ޖެހޭތީ އާނުކޮށް ދޫކޮށްލާފައި އޮތީ. އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރި އެއް ކަމަކީ އެ ނެޓްވޯކް ރަނގަޅުކުރުން." މުޣުނީ ވިދާޅުވިއެވެ.

އެމްޑީ މުޣުނީގެ އެންމެ މުހިންމު އެއް އަމާޒަކީ ސްޓެލްކޯ ގޮވައިގެން ޒަމާނީ އީޖާދު ތަކުގެ ތެރެއަށް ވަނުމެވެ. ސްޓެލްކޯއަކީ ހަމައެކަނި ކަރަންޓު ގުޅައިދީ ކަރަންޓު ބިލް ހަދާ ކުންފުންޏެއް ކަމުގައި ބެލިފައި އޮތް އޮތުން ނިމުމަކަށް ގެނަސް އެކުންފުންޏަކީ ޕްރޮފެޝަނަލް އިންޖިނިއަރިން ކުންފުންޏަކަށް ހެދުމެވެ. ޒަމާނީ ޓެކްނޯލަޖީގެ އީޖާދީ އުފެއްދުންތަކާއި ހޯދުންތައް ހޯދައި ރައްޔިތުންނަށް ޚިދުމަތްދޭ ކުންފުންޏަކަށް ސްޓެލްކޯ ބަދަލު ކުރުމަށް މުޣުނީ ދަތުރުފެށީ ވެސް ވަރަށް އުހުންނެވެ.މުޣުނީ ފެއްޓެވީ އެކުންފުންޏާއި އެންމެ ގުޅޭ ކުންފުންޏަށް އެންމެ ދަތިވާ މައްސަލައިން އެމަސައްކަތް ފެށްޓެވުމަށެވެ. އެގޮތުން ސްޓެލްކޯއިން އަމިއްލައަށް ޖެނެރޭޓަރު ސެޓް އުފައްދަން ފެށުމަކީ އެމްޑީޕީ އެވިދާޅުވާ ދަތުރުގެ މުހިންމު ފެށުމެކެވެ. ޖެނަރޭޓަރު އުފެއްދުމޭ މިދެންނެވީ އަޅުގަނޑަށް އޮޅިގެނެއްނޫނެވެ. އެއީ ހަމަ ގަސްތުގައެވެ. މިސާލަކަށް މިވެނި ކަހަލަ ފޯނެއް އުފެއްދީ އެމެރިކާގައޭ ބުނާއަޑު އައްސަވާނެއެވެ. ނޫނީ އެހެން ލިޔެފައިވެސް އޮންނާނެއެވެ. ނަމަވެސް ހަގީގަތަކީ އޭގެ ބެޓެރީ އުފައްދާނީ އެހެން ގައުމަކުންނެވެ. އޭގެ ބިއްލޫރި ގަނޑާއި ކެމެރާއަކީ އެހެން ބައެއްގެ އުފެއްދުމެކެވެ. އެކަމަކު އެއީ އެމެރިކާގެ މިވެނި ކުންފުންޏަކުން އުފެއްދި ފޯނެކެވެ. ސްޓެލްކޯއިން ވެސް ޖެނެރޭޓަރު ސެޓް އުފައްދަނީ މިދެންނެވި ގޮތަށެވެ. އެސެމްބްލް ކުރުމޭ ސްޓެލްކޯއިން ބުންޏަސް އަޅުގަނޑު ދަންނަވާހިތް އޮތީ އެއީ ސްޓެލްކޯގެ އުފެއްދުމެއް ކަމަށެވެ.

ސްޓެލްކޯގެ މިހާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ޖެނެރޭޓަރު ސެޓް ބޭރުން ނުގަތުމެވެ. އޭގެ ބަދަލު ދެން އެކުންފުނިން ބޭނުން ކުރާނީ އެކުންފުނިން އުފައްދާ ނޫނީ އެސެމްބްލްކުރާ ޖެނެރޭޓަރު ސެޓެވެ. އެކުންފުނިން ޚިދުމަތްދޭ ތަންތަނުގައި ދެން ބަހައްޓާނީ އެކުންފުނިން އުފައްދާ ޖެނެރޭޓަރެވެ. މުޣުނީ ވިދާޅުވީ އެކުންފުނިން އާންމުންނަށް ވެސް މިދެންނެވި ޖެނެރޭޓަރު ސެޓް ގަންނަން ލިބޭ ވަރަށް އެސެމްބްލް ކުރާނެ ކަމަށެވެ. އަދި މިގޮތަށް އެސެމްބްލް ކުރުމުން ބޭރުން ގަންނަން ލިބޭ އަގަށްވުރެ އެތައް ތަނެއް އަގުހެޔޮވާނެ ކަމަށެވެ. އަދި އެކުންފުނީގެ އުފެއްދުންތަކަށް ވޮރެންޓީ ސެޓްފިކެޓްވެސް ދޭނެ ކަމަށް މުޣުނީ ވިދާޅުވިއެވެ. މިއީ ވެސް ސްޓެލްކޯއާއެކު މުޣުނީ އަރާވަޑައިގެންނެވި މުޅިން އާ އުސް ހަރުފަތެކެވެ.

ދެން އޮތީ އަދި މާ އުފާވެރި ވާހަކައެކެވެ. ސްޓެލްކޯއިން އިލެޓްރިކް ވެހިކަލް އުފައްދާ ވާހަކައެވެ. ވަރަށް ވެސް ޔަގީންކަމާއި ހިތްޕުޅު ހަމަޖެހުމާއެކު މުޣުނީ ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސްޓެލްކޯގެ އިލެކްޓްރިކް ވެހިކަލް ބާޒާރަށް ނެރޭނެ ކަމަށެވެ. ސްޓެލްކޯއިން އުފައްދާ އިލެކްޓްރިކް ވެހިކަލް އުފެއްދެމުގައި މިހާރު އެފަދަ ވެހިކަލް ތަކަށް ދިމާވާ ޗާޖު ކުރުމުގައި ކުރިމަތިވާ ދަތިތަކަށް ވެސް ހައްލެއް ހޯދައިދޭނެއެވެ. މިކަން ކުރާނީވެސް ކުންފުނީގެ އިންޖިނިއަރުންނެވެ. އެމީހުން އެކަމަށް ތަމްރީންކޮށް އެގާބިލުކަން ހޯދައިދޭނީވެސް ކުންފުނިންނެވެ. ކަމުގެ ތަޖުރިބާކާރުން ގެނަސްގެން ކުންފުނީގެ އިންޖިނޭރުން ތަމްރީނުކޮށް އެކަން ކުރާނީ ސީދާ ކުންފުނީގެ ދިވެހި އަތްތަކުންނެވެ. މިއީ ސްޓެލްކޯއާއެކު މުޣުނީ އެރުއްވި މާ އުސް ހަރުފަތެކެވެ.

ކޮންމެއަކަސް ހީވާގި އެމްޑީ މުޣުނީ ސްޓެލްކޯއާއެކު މިފެއްޓެވި ދަތުރު ޖެނެރޭޓަރު ސެޓާއި އިލެކްޓްރިކް ވެހިކަލާއި ހިސާބަކުން ނިމުނީއަކީ ނޫނެވެ. އެމްޑީ މުޣުނީ ހުންނެވީ ރައީސް ޞާލިހުގެ އިރުޝާދާއެކު އެއަށްވުރެ މާ އުހަށް ކުންފުންޏާއެކު ދަތުރު ކުރަށްވާށެވެ. އެހެންވީމާ މުޣުނީ ސްޓެލްކޯއާއެކު ކުރަށްވާ މި ދަތުރުގެ ވާހަކައެއް އަދި ނުނިމެއެވެ.

ކިޔުންތެރިންގެ ހިޔާލު


8

މުހައްމަދު

30-Dec-2021

ޚުޝާނަދު ކުރުމުގެ ލާމަސީލު މިސާލެއް