އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުالله ދަތުރު ކުރައްވަމުން ގެންދެވި ކާރުގައި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން އެ މައްސަލަ ހައްލުކުރަން ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) އަމަލުކުރެއްވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ފާޑުވިދާޅުވެއްޖެ އެވެ.

އިއްޔެ ހިނގި އެ އެކްސިޑެންޓާ ގުޅިގެން ޕިކަޕް ދުއްވި މީހާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން އިމްރާން އުޅުއްވިކަމަށް ބުނެ އިމްރާން ލަތީފް ވަނީ ޕިކަޕް ދުއްވި މީހާއަށް މައާފު ކޮށްދޭން އިމްރާންގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.

އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުން، އިމްރާން ލަތީފު ވިދާޅުވަނީ، ޕިކަޕް ޑްރައިވަރަށް ޝެއިޚް އިމްރާން މައާފު ދެއްވުން އެދޭ ކަމަށާއި ނޫންނަމަ، ކާރު ހެދުމަށް ދާ ހަރަދު އިމްރާން ލަތީފް ހަމަޖައްސައިދެއްވާނެކަމަށެވެ. ނަމަވެސް، އެކަމާ ޝެއިޚް އިމްރާން އެއްވެސް އެއްޗެއް ވިދާޅުވާތަނެއް ވީޑިއޯއަކުން ނުފެނެއެވެ.

އެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން ކުރީގެ ހޯމް މިނިސްޓަރު އިމްރާންއަށް އަމާޒުވި އިރު ބައެއް ފަރާތްތަކުން ވަނީ އިންމު އަމަލުކުރެއްވި ގޮތަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

ނަމަވެސް ރީކޯ މޫސަ އެކްސްގައި ވިދާޅުވީ މަގުމަތީ އެކްސިޑެންޓެއް ހިނގުމުން ނުވަަތަ ފުލުހުންނަށްޖަވާބުދާރީ ވާންޖެހޭނެ އެއްވެސްކަމެއް ޢާއްމު މީހަކު ވިޔަސް އަދި ދައުލަތުގެ ޒިއްމާދާރު މަޤާމެއްގާހުރި މީކަށް ދިމާވިޔަސް ނުވަތަ މާޤާމުއަދާކޮށް ނިމިފަހުރި މީހަކާ ދިމާވިޔަސް އެއްމެ ރަނގަޅުގޮތަކީ ފުލުހުންގެ ނިންމުމެއް ލިބެންދެން ކެތްތެރިވުން ކަމަށެވެ.

ރީކޯ ވިދާޅުވީ އަމިއްލަ އަށް ނިންމަންޖެހޭ ފަދަ މައްސަލަތައް، ދެފަރާތުން އެއްބަސްވެ ނިންމޭނެ ކަންކަން ގާނޫނުގައި އޮންނާނެ ކަމަށެވެ.

"އެކަމަކު ދެބަސްވެދާނެ ކަންކަމުގާ ރަނގަޅުގޮތަކީ ފުލުހުންގެ ނިންމުމަކާއެކު ޝަރީޢަތަށް ޖަވާބުދާރީ ވެވޭނެ ގޮތެއް ހޯދާފައި އޮތުމެވެ. އެހެންނޫނީ މަގުމަތީ ކޯޓުހެދީތީ އެކަމާ ރުޅިއައިސް ޖޯކުޖަހާ ޝަރީއަތަށް ގެންދާހިސާބަށް ކަންކަން ނުދާނެތާއެވެ؟" ރީކޯ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން