މީހަކަށް ކުރެވޭ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި، ވީޑިއޯކޮށް ފަޟީހަތްކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި މެސެޖަކީ ރަނގަޅު ވެރިކަމެއްގެ ފެށުން ކަމަށް ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަޙްމަދު ސައުދު ވިދާޅުވެއްޖެ އެވެ.

ސައުދު މިހެން ވިދާޅުވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާންގެ ކާރުގައި، އަމިއްލަ މީހެއްގެ ޕިކަޕަކުން ޖެހުމުން، އެ މައްސަލައިގެ ތެރެއަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން އިމްރާން ލަތީފު ވަންނަވައި ވީޑިއޯކޮށް ޕިކަޕު ޑްރައިވަރަށް މައާފުކޮށްދިނުމަށް މިނިސްޓަރު އިމްރާންގެ ކިބައިން އެދިވަޑައިގަންނަވާ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި އާންމުވުމާ ގުޅިގެން އެހާދިސާއަށް އިޝާރަތް ކުރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާއްމުންގެ ތެރޭގައި ފަޟީހަތް ކުރުމަކީ އަހުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަންކަމެއް ނޫން ކަމަށެވެ.

އެކަމަށް އިޝާރަތް ކުރަށްވައި ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަޙްމަދު ސައުދު ވިދާޅުވީ އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި ކުލުނުވެރި ޒިންމާދާރު މުޖުތަމައެއް ބިނާކުރަން މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ.

"ރައީސްގެ މެސެޖުން ޔަގީން ކޮށްދެއްވީ ރަނގަޅު ވެރިކަމެއްގެ ފެށުން،" ސައުދު ވިދާޅުވިއެވެ.

އެމައްސަލަ އާއި ގުޅިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދެއްވި މެސެޖްގައި ވިދާޅުވީ، ކުށެއް ކޮށްފި ނަމަ އެ މީހަކާ މެދު އަމަލުކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެެ. އެގޮތުން އެފަދަ ކަންކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމްވެފައި އެބަ ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ،" ރައީސްގެ މެސެޖްގައިވެއެވެ.

ރައީސް ދެއްވި މެސެޖްގައި އެމަނިކުފާނު ވަނީ އެންމެން ވެސް އޯގާތެރިކަމާއި ކުލުނުވެރި އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވާން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން