2008 ވަނަ އަހަރު ރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރެސީގެ ވެރިކަމުގެ ނިޒާމެއް ގާއިމުވި ފަހުން ވަރުގަދަ ވާދަވެރި ތިން ރިޔާސީ އިންތިޚާބު ބާއްވާފައިވާއިރު ތިން ރައީސުންގެ ވެރިކަމުގެ ހަޔާތް ނިމިގޮސް މިހާރު ދިވެހިން ތަޖުރިބާ ކުރަމުން މިދަނީ ހަތަރުވަނަ ރައީސެއްގެ ވެރިކަމެވެ. ރާއްޖޭގައި ތިން ރިޔާސީ އިންތިޚާބެއް ބޭއްވިއިރު ހަތަރު ރައީސެއްގެ ވެރިކަން ފެންނަން މެދުވެރިވި ސަބަބާއި މެދު އެކި މީހުންގެ ޚިޔާލު ތަފާތުވި ނަމަވެސް ގިނަ ބަޔަކަށް އެއްބަސްވެވޭ އެއް ސަބަބެއް އެބައޮތެވެ. އެއީ ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ ގާބިލުކަމާއި ހިތްވަރާއި ކެރުމާއި ކަންކަމާއި ކުރިމަތިލާން ކެރުމާއި ދުރުވިސްނުމާއި ހާލަތާއި ވަގުތާ އެއްގޮތަށް ކަންކަން ނިންމަން އެނގުމާއި ދިމާވާ ގޮންޖެހުންތަކާއި އުނދަގޫތަކާއި ދަތި ހާލަތްތަކަށް ކެއްކުރަން އެނގުމާއި ފިޔަވަޅު އެޅުމުގައި ހިކުމަތްތެރިކަމާއި ކެތްތެރިކަން އިސްކުރުމެވެ.


ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިންމުމަށް ދިވެހީންގެ ގިނަ ބައަކު ނުކުމެ ސިޔާސީ ގޮތުން އެތައް ފިއްތުން ތަކެއް ކުރިމަތިކުރުވި އިރުވެސް ރައީސް މައުމޫން އަމިއްލަފުޅަށް އިސްތިއުފާއެއް ނުދެއްވިއެވެ. ބޭރާއި އެތެރެއިން އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ފިއްތުން ތަކަށް އެއިރެއްގެ އެހާލަތަކާއި ގުޅޭގޮތަށް ކުޅިބައި ރާވާލައި ޖަވާބުދާރީ ވެވަޑައިގަންނަވަމުން ގެންދެވީ ވެސް އެމަނިކުފާނުގެ ހިކުމަތްތެރިކަމާއި ކެތްތެރިކަމާއި ދުރުވިސްނުންފުޅާއި ތަޖުރިބާ ބޭނުން ކުރަށްވައިގެންނެވެ. ވަގުތާއި ހާލަތާއި ގުޅޭ ގޮތަށް ބާރުގެ ބޭނުން ވެސް ކުރެއްވިއެވެ. އެއީ ހަރުކަށިކަމާއި އަނިޔާވެރިކަމާއި ބޭއިންސާފާއި ޚުދުމުޚުތާރުކަމޭ ކިޔަމުން ދިޔަ ނަމަވެސް މަގުމަތީން ސަރުކާރު ވައްޓާލުމަކަށް ވެސް އަދި ކުރިއަށް ވަޑައިގެންނެވުމުގައި ދަތި އެޅުވުމަކަށް ވެސް ފުރުސަތެއް ނުދެއްވިއެވެ. އަނިޔާވެރިކަމާއި ޚުދުމުޚުތާރު ކަމުގެ ލަގަބު އެމަނިކުފާނަށް އެރުވި ނަމަވެސް ވެރިކަން ނިންމަވާލެއްވީ އިންގިލާބީ އިސްލާހީ މަސައްކަތްތަކުގެ ފޮނިމީރުކަމާއި ޝަރަފާއެކު ޒަމާނީ ޑިމޮކްރެސީ ރާއްޖެއަށް ތަޢާރަފުކޮށް މަލްޓި ޕާޓީ ޑިމޮކްރެސީގެ ނިޒާމެއްގެ ތެރެއިން ސިޔާސީ ޕާޓީ ނިޒާމު ތަޢާރަފުކޮށް ގިނަ ޕާޓީތަކަށް ވާދަކުރެވޭ ރިޔާސީ އިންތިޚާބެއް ބާއްވައިގެން އިންތިޚާބުގައި ވާދަކުރަށްވައި އިންތިޚާބުން ބަލިވެ ވަޑައިގެން ބަލި ގަބޫލު ކުރަށްވައިގެންނެވެ.

ދެން އޮތީ އޭގެ ފަހުން ހިނގާދިޔަ މިއާއި މުޅިން ޚިލާފު ހާދިސާއެކެވެ. ރައީސް މައުމޫންގެ ދިގު ތިރީސް އަހަރަށްފަހު ރާއްޖޭގައި ގާއިމު ކުރި ޒަމާނީ ޑިމޮކްރެސީގެ ނިޒާމުގެ ތެރެއިން ފުރަތަމަ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވައި ރާއްޖޭގައި ފުރަތަމަ ރައީސްކަން ކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ވާހަކައެކެވެ. އެންމެ ޒަމާނީ ޑިމޮކްރެސީއަށް ފައްތައިގެން ލިޔުނު ގާނޫނު އަސާސީ ތަންފީޒުކޮށް އެ ގާނޫނު އަސާސީއާއި ފައިހަމަވާ ގޮތަށް ވެރިކަމުގެ ނިޒާމުގެ ކަންކަން ބަދަލުކޮށް ރާއްޖޭގައި ފުރަތަމަ ވެރިކަން ކުރަން ލިބުނީ މަލްޓިޕާޓީ ޑިމޮކްރެސީއަށް ދޮންވެ ފައްކާވެފައި އޮތް އަދި އެނިޒާމަށް އެންމެ ފަރިތަކަމަށް ބުނާ އެމްޑީޕީގެ މެންބަރަކަށެވެ. ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ މިހާރުވެސް މިކިޔާފަދަ ބޮޑު ކޯލިޝަނަކުންނެވެ. ނަމަވެސް އޭރުވެސް ކޯލިޝަން އޮތީ ހަމަ ނަމަކަށެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ކޯޅުންގަނޑު ގަދަވެ ކޯލިޝަން ރޫޅާލައި ކަފުންކޮށް ވެރިކަން ކުރަން ފެށީ އެމްޑީގެ ފުރިހަމަ ބާރުގައެވެ.

ނަމަވެސް ދެން އައީ އުނދަގޫ ދުވަސްތަކެވެ. ޑިމޮކްރެސީގެ ވާހަކަ އެންމެ އަޑުގަދަކޮށް ދައްކައި އެއީ ހައްގުތަކާއި ހަމަހަމަކަމާއި އިންސާފާއި ރައްޔިތުންގެ އަޑުއެހުމާއި ފާޑުކިއުމާއި މުޒާހަރާ ކުރާ ނިޒާމުގެ ގޮތުގައި ދިވެހީންނަށް ދަސްކޮށްދިން ލީޑަރާއި އެލީޑަރުގެ ޓީމުން ވެރިކަން ކުރަން ޖެހުނީ އެވެރިން ދަސްކޮށްދީ ބުނެދީ ނަމޫނާ ދެއްކި ގޮތަށް ފާޑުކިއުމާއި މައްލަވަކުރުމާއި ޖެއްސުންކުރުމާއި މުޒާހަރާ ކުރުމާއި ވެރިކަމާއި ދެކޮޅަށް ނުކުތުމުގެ ސަގާފަތެއްގެ ތެރެއިންނެވެ. މިދެންނެވި ކަންކަމަށް ވަކާލާތުކޮށް އެކަންކަމަށް ގޮވާލަމުން ވެރިކަމަށް އައި ނަމަވެސް އިދިކޮޅު ފަރާތްތަކުން މިދެންނެވި ފިލާވަޅުތައް ދަސްކޮށްގެން އަމަލީ މައިދާނަށް ނުކުމެ އެކަންކަން އަމަލީ ގޮތުން ކުރާން ފެށުމުން އެފިލާވަޅުތައް ދަސްކޮށްދިން މުދައްރިސުންނަށާއި މުދައްބިރުންނަކަށް ކެތެއް ނުކުރެވުނެވެ. އަދި އެވެރިން ތިބީއަކީ އެކަންކަމުގެ މައިތިރި ދަސްކޮށްގެން ނޫންކަން އެހާހިސާބުން އެނގުނެވެ.

ދެން ފެންނަން ފެށީ އެއްފަހަރު ހަކުޅި ކުރިއަށް ކުޅެފައި އަނެއްފަހަރު ކުޅިބައި އެއްކޮށް ރޫޅާލާފައި އަލުން ރާވަން މަސައްކަތްކުރަމުން ގެންދިޔަ ތަނެވެ. އެބުނާ ޒަމާނީ ޑިމޮކްރެސީގައި ވެރިކަން ކުރާއިރު އިދިކޮޅު މީހުން އަބަދު މަގުމަތީގައި ތިބޭނެ ކަމާއި ހައްގާއި އިންސާފު ހޯދަން ލަޓިބުރިއާއި ގާބުރިވެސް ނަގާނެކަން ހަނދާނުގައި އަމުދުން ނުވެސް ނެތީއެވެ. އެންމެފަހުން އެންމެ މުހިންމު އެއްކުޅި ނުބައި ގޮޅިއަކަށް ކުޅެވިގެން މުޅި ގޭމްގެ ކޮންޓްރޯލް އަތުން ގެއްލި ދެން ހަދާނެ ގޮތެއް، ހިކުމަތެއް، ވިސްނުމެއް ބޮލަށް ނުވަދެގެން އެންމެ ފަހު ގޮތް އިހުތިޔާރުކުރަން ޖެހުނީއެވެ.

މިދަންނަވާލީ ރައީސް ނަޝީދުގެ ވެރިކަން ތިން އަހަރާ ދުވަސްކޮޅަކުން ނިންމާލަން ޖެހުނު ސަބަބުތަކާމެދު ބައެއް މީހުން ދެކޭ ގޮތެވެ. މިދެންނެވި ހާދިސާއާމެދު މީހުން ކިޔައި އުޅޭ އަނެއް ގޮތަކީ އޭރުގެ އިދިކޮޅު ފަރާތްތަކުން ސަލާމަތީ ބާރުތަކާއި ގުޅިގެން ބަޣާވާތްކޮށްގެން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ ކަމަށެވެ. މިއިން ކޮންމެ ގޮތަކަށް ވެރިކަން ނިމިގެން ދިޔަ ނަމަވެސް ހަމަގައިމުވެސް އެންމެ ފަހުވަގުތާއި ޖެހެންދެން ވެސް ހިކުމަތުޢަމަލީ ބޭނުން ކުރަށްވައިގެން ވެރިކަމުގައި ދެމި ހުންނެވެން އޮތް ކަމަށް އޭރުގެ މަޝްރަހު ދިރާސާ ކުރަށްވާ ބޭފުޅުން ވިދާޅުވެއެވެ. ރައީސް ނަޝީދުގެ އެންމެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ފަހުން އެގޮތަށް ވިދާޅުވެ ވާހަކަ ދައްކަވާފައި އެބަހުއްޓެވެ.

ރާއްޖޭގައި ޒަމާނީ ޑިމޮކްރެސީ ނިޒާމު ގާއިމުކޮށް އެނިޒާމުގެ ދަށުން މިހާތަނަށް ތިން ރިޔާސީ އިންތިޚާބު ބާއްވައިގެން ހަތަރު ރައީސުން ވެރިކަން ކުރަން މެދުވެރިވި ސަބަބަކީ މިއީއެވެ. މިހުރިހާ ވާހަކަތަކެއް ކުރުކޮށްލާފައި މިހާރުގެ ވެރިކަމުގެ ހާލަތަށް އެނބުރިލަމާ ހިންގަވާށެވެ.

މިދެންނެވި ތިން ރިޔާސީ އިންތިޚާބުން ފެނިގެން ދިޔަ ހަތަރު ވެރިންގެ ތެރެއިން ރާއްޖޭގެ މިފަހުގެ ތާރީޚުގައި އެންމެ ދަތި އުނދަގޫ ހާލަތުގައި ވެރިކަން ކުރަށްވާން ޖެހިވަޑައިގެންނެވި ބޭފުޅަކީ މިހާރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. މިއީ ހަގީގީ މަންޒަރު އަސްލު ލޮލަކުން ބަލާ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. އެއްގޮތަކަށް ވެސް ދަންނަވާން މިއުޅެނީ މި ވެރިކަމުގައި ހުރިހާ ކަމެއް ބަރާބަރަށް ހިނގާ ވާހަކައާއި އެއްވެސް ގޯސްކަމެއް، ނުރަނގަޅު ކަމެއް މި ވެރިިކަމުގައި ނުހިނގާ ވާހަކައެއްވެސް ނުމެ ނޫންމެއެވެ.

ރައީސް ޞާލިޙުގެ ވެރިކަމަށް ފުރިހަމަ އަހަރެއް ނުވަނީސް ދުނިޔޭގައި ފެށުނު ބަލިމަޑު ކަމަކީ ރައީސް ޞާލިހުގެ އެންމެ ބޮޑު ބަދު ނަސީބު ކަމުގައި ވެސް ބުނެވިދާނެއެވެ. އެހެނީ އެމަނިކުފާނަކީ މިހާތަނަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ރައީސުންގެ ތެރެއިން ރައްޔިތުންނަށް އެންމެ ބޮޑެތި ވަޢުދުތަކާއި އަދި އެންމެ ގިނަ ވަޢުދުތައް ވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް ކަމީ އެއްވެސް މީހަކު ދެބަސް ނުވާނެ ކަމެކެވެ. އެމަނިކުފާނުގެ ރިޔާސީ ވަޢުދު ތަކުގެ އިތުރުން ޖެހިގެން އައި 2019 ވަނަ އަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން އެޖެންޑާ ނަވާރައިގެ ނަމުގައި އެއިންތިޚާބަށް ވީ ވަޢުދުތަކެއް ވެސް މަދެއް ނޫނެވެ. އެހެންކަމުން ރައީސް ޞާލިހުގެ މިފަސް އަހަރުގެ ދައުރަކީ އެންމެ ގިނަ ވަޢުދު ފުއްދަން ޖެހޭނެ ފަސްއަހަރުކަމީ އެއްވެސް މީހަކު ދެބަސް ނުވާނެ ކަމެކެވެ.

ރައީސް ޞާލިހުގެ ވެރިކަމަށް ފުރިހަމަ އަހަރެއް ނުވަނީސް މުޅި ދުނިޔެއަށް ލައިގެން ވަބާއިން އަދިވެސް ސަލާމަތް ވެވޭނެ މަގެއް ސަލާމަތްވެވޭނެ ދުވަހެއް، އެކަމުގެ ކޮޅެއް މެދެއް ފެންނާންވެސް ނެތެވެ. މިދެންނެވި އާލަމީ ވަބާ މުޅި ދުނިޔެއަށް ފެތުރި ގައުމުތަކުގެ އިގުތިޞާދު އިނދަޖެހި ގައުމުތައް ބަންދުކޮށް ރައްޔިތުންވެސް ގޭބަންދުގައި ހޭދަކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވަނީއެވެ. މިދެންނެވި ކޯވިޑްގެ އާލަމީ ވަބާއާއެކު މުޅި ދުނިޔެއަށް ކުރިމަތިވި ހަނަފަސްކަމާއި ނިކަމެތިކަމާއި ދަތިކަމާއި ހައިހޫނުކަން އެންމެ ބޮޑަށް އިހުސާސް ކުރަންޖެހޭނެ ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނޭނެކަން ބައިނަލްއަޤްވާމީ ބޮޑެތި ޖަމިއްޔާތަކާއި ޖަމާއަތް ތަކުން މާކުރިން ވެސް ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ އިގުތިޞާދު އެކަމަކަށް ބިނާވެފަައި އޮތް ފަތުރުވެރިކަމުގެ ސިނާޢަތަކީ މިބަލިމަޑުކަމުގައި އެންމެ ބޮޑަށް އަސަރުކުރި ސިނާއަތް ކަމަށް ވެގެންދަނީ ކޯވިޑާއެކު ދުނިޔޭގެ ގައުމުތައް އުޅޭތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމެވެ.

ނަމަވެސް މާބޮޑު އިތުރު އިގުތިޞާދީ ވަސީލަތްތަކެއް ނެތް، އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް، މަގުތަކެއް ނެތް ދިވެހިރާއްޖެ މި ބަލިމަޑުކަމުން އަރައިގަންނަން ކުރި މަސައްކަތް ތަކުގެ އެންމެ އިސް މޭސްތިރިއަކީ ހަމަގައިމުވެސް ރައީސް ޞާލިހެވެ. އެއްފަރާތުން އިދިކޮޅުގެ ޕްރެޝަރެވެ. އަނެއްކޮޅުން ކޯވިޑްގެ ބަލިމަޑުކަމާއެކު ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކެވެ. އެއްފަހަރާ އެތައް ބައެއްގެ ވަޒީފާ ގެއްލުނީއެވެ. އެއްފަހަރާ ހުރިހާ ރިސޯޓްތަކެއް ބަންދުކޮށް ގައުމުގެ މުޅި އިގުތިޞާދު ހުއްޓުނީއެވެ. އެއާއެކު އާންމު ވިޔަފާރިތައް ހުއްޓި އެތައް ރައްޔިތުންނެއް މަގުމަތިވެދާނެ ކަމުގެ ބިރާއި ކުރިމަތިލާން ޖެހުނީއެވެ. އެންމެ ދުވަހެއްގެ އާމްދަނީ ބަންދު ވިޔަސް ކައިބޮއި ހެދޭނެ ގޮތެއްނެތް އެތައް ރައްޔިތުންނެއް ތިއްބެވެ. ކާޑާއި ތެލާއި ހުސްވެ ބޭސްފަރުވާއަށް ޖެހި މުޅި ގައުމު ބަނޑަށް ޖެހިދާނެ ކަމުގެ ބިރުވެސް އޮތެވެ.

އަނެއްކޮޅު ލީޑަރު ޖަލުގައި ހުރުމުންނާއި ވެރިކަން ހޯދުމަށް އިދިކޮޅުން ކުރަމުން ގެންދިޔަ މަސައްކަތްތައް އިތުރުކޮށް އެބުނާ ޒަމާނީ ޑިމޮކްރެސީގެ މުޒާހަރާ ގާނޫނު އަސާސީން ލިބުނު ފިލާވަޅުތަކުގެ އަލީގައި އެމީހުން ތިބީ މަގުމަތީގައެވެ. ހުކުރެއް ހޮނިހިރެއް، ރެއެއް ދުވާލެއް ކޯވިޑެއް ލޮކްޑައުނަކަށް ބެލުމެއް ނެތިއެވެ. ކޯވިޑްގެ ފިޔަވަޅުތައް ކިތަންމެ ވަރުގަދަކޮށް މަތިމައްޗަށް ޖޫރިމަނާކޮށް މުޒާހަރާކުރާ ވާހަކަ ބުނާއިރަށް މަގުތައް ބަންދުކޮށް ލަޓިބުރިއާއި ސްޕްރޭތައް ޖަހައި ހުސްކުރިއަސް އެމީހުންވެސް އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގަނެގެން ގިނަ ވަގުތު ހޭދަކުރީ މަގުމަތީގައެވެ. މައްސަލައަކީ މަގުމައްޗަށް ނުކުތް ބޮލެއް ނޫނެވެ. ކިތަންމެ މަދު ބަޔަކު ނުކުމެގެން ވެސް ސަރުކާރަށް ކުރިމަތިވި ގޮންޖެހުންތަކާއި ކުރަމުން ގެންދިޔަ ޕްރެޝަރެވެ.

އިދިކޮޅުން ކުރަމުން ގެންދިޔަ މިދެންނެވި ޕްރެޝަރުގެ އިތުރުން ޕާޓީގެ އެތެރެއިން ކުރިމަތިވާންފެށި ގޮންޖެހުންތަކާއި ޕްރެޝަރެއް ވެސް ވަކީން ކުޑައެއް ނޫނެވެ. މަޖިލީހުގެ ތެރެއިން އެންމެ ގާތް އެކުވެރި މަޖިލީހުގެ ރައީސާއި އާއިލީ ގޮތުން ގާތް ގުޅުމެއް އޮތް ނާއިބްރައީސްގެ ފަރާތްޕުޅުންނާއި ދެ ފެކްޝަނަށް ބެހިފައިވާ މަޖިލީހުގެ އަމިއްލަ ޕާޓީގެ އިދިކޮޅު ފެކްޝަނުން އެހެރަ އަންނަ ޕްރެޝަރާއި ފާޑުކިއުމާއި މައްލަވަތަކަކީ އިދިކޮޅުން އެކުރާ މައްލަވައާއި ޖެއްސުމާއި ފާޑުކިއުމަށްވުރެ ވަކީން ކުޑަކަމެއް ނޫނެވެ.

ހައެއް މޭގައި ދިން ޓެރަރިސްޓް ހަމަލާއަކީ އަނެއްކާވެސް ރިހޭފައިމައްޗަށް ފޮއިވެއްޓުން ކަހަލަ ކަމަކަށް ވެފައި އޮއްވާ އެންމެ ގާތް ރަހުމަތްތެރިޔާ މުޅިން ވަކިވެ ސިޔާސީ ދުޝްމަނަކަށްވިކަން އިއުލާން ކުރި ހިސާބުން ރައީސް ޞާލިޙަށް ކުރިމަތިވާންފެށި ގޮންޖެހުންތައް އަދި މާވަރުގަދައެވެ. މިހާރު އިދިކޮޅުން އަންނަ ސިޔާސީ ހަމަލާތަކަށްވުރެ އަމިއްލަ ޕާޓީގެ ރައީސާއި ރައީސްގެ ފެކްޝަނުން އެއަންނަ ވަރުގަދަ ހަމަލާތަކެއް ވަކީން ކުޑައެއް ނޫނެވެ. އެހެން ކަމުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާރު ރައީސް ޞާލިހު އެހުންނެވީ 2012 ގައި ރައީސް ނަޝީދަށް ކުރިމަތިވި ދުއްތުރާތަކާއި ގޮންޖެހުންތަކާ އަޅާބަލާއިރު މާ އުނދަގޫ ދަތި ހާލަތެއްގައެވެ. ރައީސް ނަޝީދަށް ހަމައެކަނި ކުރިމަތިލާން ޖެހުނީ އިދިކޮޅުގެ ދުއްތުރާތަކާއެވެ. ނަމަވެސް ރައީސް ޞާލިޙަށް މިހާރު އިދިކޮޅުގެ ދުއްތުރާތަކާއި އަމިއްލަ ޕާޓީގެ ތެރެއިން އަންނަ ދުއްތުރާތަކާއި ބިޔަ ރާޅުތަކަށް ކޮނޑުވިއްދާން އެވަނީ ޖެހިވަޑައިގެންފައެވެ.

މިހުރިހާ ކަމެއްގެ އިތުރުން ރައީސް ޞާލިހު މިއަދު ކުރިމަތިލާން ޖެހިވަޑައިގެންފައިވާ އެންމެ ބޮޑު، ބުރަ އަދި އުނދަގޫ މަސައްކަތަކީ ކޯވިޑްގެ އާލަމީ ވަބާއިން ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާއި މައްސަލަތައް ހައްލުކޮށް ކުރިއަށް ވަޑައިގެންނެވުމެވެ. އިދިކޮޅުން މުޒާހަރާ ކުރަމުން ޖެއްސުން ކުރަމުން ޕްރެޝަރ ކުރަމުން ދާއިރު ކޯވިޑްގެ އާލަމީ ވަބާގެ ބިރުވެރިކަމާއި ހާސްކަން އިންތިހާއެވެ. ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގައުމަށް ކުރިމަތިވެފައިވާ އިގުތިޞާދީ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަމާއި ހާސްކަން ފިލުވުމަށް ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަށްވަމުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައި ދެއްވުމަށް މަސައްކަތް ކުރަށްވަމުން އެކުވެރިއާގެ ފަރާތުންނާއި އަމިއްލަ ޕާޓީގެ ތެރެއިން ނަގައި ބިންދަމުންދާ ހުރިހާ ރާޅެއް މައިތިރި ކުރާން ކޮނޑުފުޅު ވިއްދުމަކީ ވެސް ވަކީން ކުޑަ ކަމަކަށް ނުވާނެއެވެ.

އަނެއްކޮޅުން ކޯވިޑުން އަރައިގަތުމަށް ހޭބޯނާރާ ރެއާ ދުވާލު މަސައްކަތް ކުރަން ޖެހުމާއި ދުނިޔޭގައި މިހާރު އެންމެ ޑިމާންޑްއޮތް، އަދި ލިބުން އެންމެ ދަތި، ތަދު ކޯވިޑް ވެކްސިން ހޯދަން މަސައްކަތް ކުރަމުން އިގްތިޞާދު އަލުން އާރާސްތުކޮށް ގައުމުގެ އިގުތިޞާދު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުން އަތްނުފޯރާފަށަށް އަރައިގެން ގޮސްފައިވާ ގައުމުގެ ދަރަނި އަދާކުރަމުން ސަރުކާރާ ދިމާއަށް އަންނަ ފާޑުފާޑުގެ ބިޔަ ތުހުމަތުގެ ރާޅުތަކަށް ކޮނޑު ވިއްދަވައި ޖަވާބުދާރީވެވަޑައިގަންނަވަމުން މިއަދާ ހަމައަށް ވަޑައިގެންނެވިއިރު އުޅުއްވާ އުޅުއްވުމަކުން ވެސް ދައްކަވާ ވާހަކަފުޅަކުންވެސް މޫނުފުޅުމައްޗަކުން ވެސް އަދި އަމަލުފުޅަކުންވެސް އެއްވެސް މާޔޫސްކަމެއް ހިތްވަރު އެލުމެއް ގޮތް ހުސްވެ ތެޅިފޮޅޭ ތަނެއް ނުފެނުމަކީ ހަމަ ހައިރާންވެ އަންތަރީސްވާ ވަރުގެ ކަމެކެވެ.

މިދަތި އުނދަގޫ ހާލަތުގައި ވެސް ރައީސް ޞާލިހު ހޯއްދަވަމުން ގެންދަވާ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ކަތި ފިޔަވަޅެއް ނާޅުއްވައި ހިކުމަތްތެރިކަމާއި ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ކެރިވަޑައިގެން މައްސަލަތަކާއި ކުރިމަތި ލެއްވުމެވެ. ދޫދެއްވަން ޖެހިވަޑައިގަންނަވާ ތަންތަނުގައި ދޫދެއްވައި ގޮތް ދޫކުރަށްވައި އަޑުއައްސަވަން ޖެހޭ ހާލަތު ތަކުގައި އަޑުއައްސަވައި އެހެން މީހުންގެ މަޝްވަރާތަކާއި ޚިޔާލުތައް ބަލައިގަންނަން ޖެހޭ ތަންތަނުގައި ޚިޔާލާއި މަޝްވަރާ ބަލައިގަނެ، މުރަނަކަމާއި ގަދަކަން ނުދައްކަވައި ބަދަލު ކުރައްވަން ޖެހިވަޑައިގަންވަން ޖެހޭ ކަންކަމަށް ބަދަލު ގެންނަވައި ކުރެއްވިފައި ހުންނަ ގޯސްތައް ރަނގަޅު ކުރަށްވައި މަޑުމައިތިރިކަމާއި ހިތްތިރިކަން އިހުތިޔާރު ކުރެއްވުމަކީ އެމަނިކުފާނުގެ މި ކާމިޔާބީގެ އެންމެ ބޮޑު ސިއްރު ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ދީނީ ޢިލްމުވެރިންގެ އަޑު ނާއްސަވައި، ރައްޔިތުންގެ އަޑު ނާއްސަވައި އަދި ޖަމިއްޔާ ޖަމާއަތްތަކުގެ އަޑު ވެސް ނާއްސަވައި ލިއެފައި އޮންނަ ގޮތަށް، ވިދާޅުވާ ގޮތަށް ކަންކަން ނިންމާލުމުގެ ފުރިހަމަ އިހުތިޔާރާ ބާރު ރައީސް ޞާލިހަށް ވެސް އެބައޮތެވެ. ނަމަވެސް ހަރުކަށިކަމާއި ގަދަކަމާއި މަވެތިކަން އިސްކޮށް އިސްތިއުފާ ދެއްވުމުގެ ބަދަލުގައި ރައީސް ޞާލިޙުގެ ކިބައިން ފެންނަމުންދަނީ ދޫދެއްވަން ޖެހޭ ތަންތަނުގައި ދޫދެއްވައި ބަދަލު ކުރަށްވަން ޖެހޭ ތަންތަނާއި ކަންކަން ބަދަލު ކުރަށްވައި އަޑުއައްސަވަން ޖެހޭ ތަންތަނުގައި އައްޑުއައްސަވައިގެން ކުރިއަށް ވަޑައިގަންނަވާ މަންޒަރެވެ. ރާއްޖޭގެ މިފަހުގެ ތާރީޚެއްގައި އެންމެ އުނދަގުލާއި ދަތީގައި ވެރިކަން ކުރަށްވައި ކާމިޔާބު ހޯއްދަވަމުން ގެންދެވުމުގެ ފަހަތުގައި ވަނީ މިދެންނެވި ސިފަތައްކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އެމަނިކުފާނަކީ މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެންމެ ދަތި އުނދަގޫ ހާލުގައި ވެރިކަން ކުރަށްވަން ޖެހިވަޑައިގެންނެވި ރައީސެވެ. އެކަމަކު މިހުރިހާ ދައްޗާއި އުނދަގުލާއެކުވެސް ފަސް އަހަރު ނިންމަވާ ލައްވާތަން މިފެންނަނީ ވަރަށް ވެސް ކާމިޔާބުކަމާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު


-2

ބޯހަލާކުމ

23-Oct-2021

ބަސް އަހާ ކުޑަކުއްޖެ ޤައުމު އަޅުވެތި ކޮށްފި އެވަރުން ފުދޭނެ ދިވެހިންނަށް


2

ބޯހަލާކު

23-Oct-2021

މަޑުން ހުރެ ޤައުމު ވިއްކާ ހުސް ކުރަނީ ނުމޮށެ ގުރައެއް


4

އަހްމަދު

18-Sep-2021

ރައީސް ޞާލިހަކީ މިހާތަނަށް އަޅުގަނޑު ދުށް ވެރިކަމުގެ އެންމެހާ ސިފަތަކެއް ލިބިވަޑައިގެން ހުންނެވި ރައީސަކީ.ކެތްތެރިކަމާ ދެއްވުމާއި ހިތްވަރުގަދަ ކަމާއި ނުގުޑާ އަޒުމަކީ އެމަނިކުފާނުގެ ކާމިޔާބުގެ ސިއްރެވެ.ކިތަންމެ ކައިރި ބޭފުޅަކު ވިދާޅުވިޔަސް ކަންކަން އޮތްގޮތް ބެއްލެވުމަށް ފަހުގައި މެނުވީ ފިޔަޅު ނާއްޅުއްވާ ހަމައެކަނި ރައީސަކީ ރައީސްޞާލިހް