ސަލްމާން ޚާންގެ ގެއަށް ހަމަލާދިނުމުގެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަނުޖް ތަޕަން، ފުުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ހާދިސާ ތަހުގީގުކޮށްދިނުމަށް އޭނާގެ އާއިލާއިން އިންޑިއާގެ ހައިކޯޓުގައި އެދިއްޖެއެވެ.

ފުލުހުން ބުނާގޮތުގައި ތަޕަން މަރުވެފައިވަނީ ދަންޖެހިގެންނެވެ. ނަމަވެސް އެކަން ތަޕަންގެ މަންމަ ރީތާ ދޭވީ ދޮގުކުރެއެވެ. ރީތާ ދޭވީ ހައިކޯޓަށް ހުށައެޅި ޕެޓިޝަނުގައި ބުނާގޮތުން އޭނާގެ ދަރިފުޅު ވަނީ މަރާލާފައެވެ. އަދި އެކަން ސީ.ބީ.އައި މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް އެ ޕެޓިޝަނުގައި އޭނާ އެދިފައިވެއެވެ.

މީގެއިތުރުން، ހެކީގެ ގޮތުގައި، ތަޕަން ހައްޔަރުކޮށްފައިހުރި ފުލުހުންގެ އޮފީހާއި ޖަލު ގޮޅީގެ ސީ.ސީ.ޓީވީ. ފުޓޭޖް ފޯރުކޮށްދިނުމަށާއި، ބަޑީގެ ހަމަލާ ތަހުގީގު ކުރަމުންދިޔަ ފުލުހުންގެ ފޯނުތަކުގެ ކޯލް ރެކޯޑިންގ ފޯރުކޮށްދިނުމަށާއި އަދި އަލުން ތަޕަންގެ ޕޯސްޓް މޯޓަމް ހެދުމަށް ރީތާ ދޭވީ އެދިފައިވެއެވެ.

ސަލްމާން ޚާންގެ ގެއަށް ބަޑީގެ ހަމަލާއެއް ދީފައިވަނީ ހުސްވި އޭޕްރީލް މަހުއެވެ. މި ހާދިސާ ހިނގާފައިވަނީ ސަލްމާން ޚާން ދިރިއުޅޭ ބަންޑްރާގެ ގެލެކްސީ އެޕާރޓްމަންޓްސްގެ ބޭރުގައެވެ. ސީ.ސީ.ޓީ.ވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި އެމީހުން ވަނީ ޖައްވަށް ހަތަރު ވަރަކަށް ފަހަރު ބަޑި ޖެހުމަށްފަހު ފިލާފައެވެ. މި ހަމަލާ ދިން ވަގުތު ސަލްމާން ޚާން ގޭގައި ހުއްޓެވެ. ނަމަވެސް މިހަމަލާގައި އެއްވެސް މީހަކު ޒަހަމްވެފައެއް ނުވެއެވެ.

މިހަމަލާ އާއި ގުޅިގެން ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. މިމައްސަލައިގައި އަނުޖް ތަޕަން ހައްޔަރުކޮށްފައިވަނީ މިކަމުގައި ބޭނުންކުރި ބަޑިއާއި ވަޒަން ސަޕްލައިކޮށްދިނުމުގެ ތުހުމަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން