މައްސަލަތަކުގެ ޒިންމާ އެކެއް އަނެކެއްގެ ބޮލުގައި ނާޅުވައި، ޤައުމު ސަލާމަތްކުރުމުގެ މަސްއޫލިއްޔަތު އުފުއްލެވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ގޮވައިލައްވައޮފިއެވެ.

އާރިފް މިފަދައިން ގޮވައިލެއްވީ ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް އަމާޒުކުރަށްވައެވެ.

އާރިފް ކުރި ޓްވީޓްގައި ވިދާޅުވީ އެކެއް އަނެއްގެ ބޮލަށް ކަނޑާލަން ދަރަންޏޭ ކިޔުމުގެ ބަދަލުގައި ޤައުމު ސަލާމަތްކުރުމުގެ މަސްއޫލިއްޔަތު ކޮންމެ ބޭފުޅަކުވެސް އުފުއްލަވަންޖެހޭކަމަށެވެ.

އާރިފް މިހެން ވިދާޅުވެފައިވާއިރު، ހޯރަފުށި އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ ދަރަނީގެ ޒިންމާ ނިމިދިޔަ ރައީސް ޔާމިންގެ ސަރުކާރާއި ރައީސް ނަޝީދުގެ ތިން އަހަރުގެ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ރާއްޖެ 60 ބިލިއަނަށް ދަރުވާލާފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ދަރަނިބޮޑު ކަމަށާއި، އެވާހަކަ ވަރަށް ރަނގަޅަށް ދައްކަން ޖެހޭ ކަމަށެވެ. އެގޮތުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނީގެ ގޮތުގައި އޮތީ 26 ބިލިއަން ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ.

"ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑަގެންނެވި އިރު ދަޢުލަތުގެ ދަރަނި 60 ބިލިއަން ރުފިޔާ އަށް އަރައިފި. އަޅުގަނޑުމެން އަދި ދަރަނީގެ ގޮތުގައި ނެގީ 15 ބިލިއަން ރުފިޔާ. އަދި އޭގެ ކުރިޔަށް ޖެހިލަމާ ހިނގާ. 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ޙަވާލުވީއިރު ދަޢުލަތުގެ ދަރަނި އޮތީ 6.5 ބިލިއަން ރުފިޔާ. އަޅުގަނޑުމެން ވަކިވި އިރު 26 ބިލިއަނަށް ދަރަނި އަރާ." ދަޢުލަތުގެ ދަރަނީގެ ތަފްސީލްތައް ދެއްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދަޢުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރިކަމެއް ނޫން ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައި ދަރަނި ދައްކަން ޖަހާފައި އޮތް 4 ބިލިއަން ރުފިޔާ އަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނި ދެއްކުމަށް ޖަހާފައިވާ ފައިސާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފައިސާ ހޯދަންޖެހޭ ކަމަށާއި، މި ސަރުކާރު ވެރިކަމަށް އައި އިރު ދަޢުލަތުގެ ރިޒާވްގައި ލާރި ނެތްކަމަށެވެ. ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށާއި، މިދަތިޙާލުގައިވެސް ދަޢުލަތުގެ ރިޒާވްގައި 250 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެފައިވަނީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވާއިރު، ކުރީ ސަރުކާރުގެ ބޭފުޅުން އެކަން ދޮގުކުރައްވައެވެ. އިދިކޮޅު ފަރާތްތަކުން ބުނާގޮތުން އެމީހުންގެ ވެރިކަމުގައި ދަރަނި ނަގާފައިވަނީ ދެއްކޭނެ ގޮތް ހޯދުމަށްފަހު ތަރައްޤީގެ މަސައްކަތްތަކަށެވެ. އަދި މިސަރުކާރުން ދަރަނި ނަގަމުންދަނީ ސިޔާސީ ފަރާތްތަކަށް މުސާރަ ދިނުމަށްކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު