ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމަށް އަދިވެސް އެންމެ ރަނގަޅުވާނީ ރަައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެެވެ.

ނިހާދު މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އިސްވެ އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިއަދު ރަޖިސްޓްރީ ކުރުމާއި ގުޅިގެންނެެވެ. އެކަމާއި ގުޅިގެން "ރަސްއޮންލައިން" އިން ޝާއިއު ކުރި ޚަބަރަށް އެކްސްގައި ކުރެއްވި ކޮމެންޓެއްގައި ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވީ ޔާމިނަށް އެންމެ ރަނގަޅު ވާނީ ރައީސް މުޢިއްޒު ކަމަށެވެ. އަދި އެހެން ބަޔަކު ރައީސް ޔާމިނަށް ހެއު އެދިގެން ކަމެއް ކޮށްދީފާނެ ކަމަށް އެމަނިކުފާނު ދެކިވަޑައިގަތުމަކީ "އަމިއްލަ އަށް އަލިފާނަށް ފުންމާލުން" ފަދަ ކަމެއް ކަމަށް ނިހާދު ވިދާޅުވިއެވެ.



ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ 11 އަހަރުގެ ޖަލު ހުކުމެއް އޭރު ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް ޔާމިން މިނިވަން ކުރަށްވާނެ ކަމުގެ ވައުދާއެކުއެެވެ. ރައީސް މުއިއްޒު ކެމްޕޭންގައި ވެރިކަަމަށް ވަޑައިގަތުމަށްފަހު ވިދާޅުވަމުން ގެންދެވީ "ގާނޫނީ ހަމަތަކުގެ މަތިން" ރައީސް ޔާމިން މިނިވަންކުރަށްވާނެ ކަމަށާއި އެމަނިކުފާނު ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

ރިޝްވަތާ މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ޖުމުލަ 11 އަހަރުގެ ޖަލު ހުކުމް ދާދި ފަހުން ހައިކޯޓުން ވަނީ ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައެވެ. ހައިކޯޓުން އެންގީ ކްރިމިނަލް ކޯޓުން އެމައްސަލަ ބެލުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާތީ އެމައްސަލަ އަލުން ބެލުމަށެވެ.

ރައީސް މުޢިއްޒު އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު އެމަނިކުފާނު ވަނީ ރައީސް ޔާމިން ގޭ ބަންދަށް ބަދަލުކުރުމަށް އޭރުގެ ވެރިކަމުގައި ހުންނެވި ރައީސް ސޯލިހަށް ގޮވާލައްވާފައެވެ. އޭގެ ޖެހިގެން އައި ދުވަހު ރައީސް ޔާމިން ގޭ ބަންދަށް ބަދަލުކޮށް ކަރެކްޝަން ސާވިސް އިން ބޮޑެތި ލުއި ތަކެއް ވަނީ ދީފައެވެ.

ގޭބަންދުގައި ހުންނަވައިގެން ރައީސް ޔާމިން ގެންދެވީ ކަރެކްޝަން އިން އެމަނިކުފާނަށް ދީފައިވާ ލުއިތަކާއި ހިލާފަށް ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑަައިގެން ރައީސް މުޢިއްޒާ އެމަނިކުފާނުގެ ސަރުކާރަށް ފާޑުވިދާޅުވަމުންނެެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ސަރުކާރާއި ޕީޕިއެމް /ޕީއެންސީގެ ލީޑަރޝިޕާއި ހިޔާލު ތަފާތުވެ ރައީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި ޕާޓީން ވެސް ވަކިވެވަޑައިގެންފައެވެ. އެއަށްފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމުން އެ މަސައްކަތްކުރުމަށް އީސީން ހުއްދަ ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ގައެވެ.

ރައީސް ޔާމިންގެ ތާއިދާއެކު މިފަހަރުގެ މަޖިލިސް އިންތިހާބުގައި ބައެއް ބޭފުޅުން ވާދަކުރެއްވިއިރު އޭގެތެރެއިން ބޭފުޅަކަށް މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން