ރާއްޖޭގެ ފަންސާސް ކައުންސިލެއްގެ އިމާރާތް އެޅުމަށް ބޭނުންވާ ވަސީލަތްތައް ޗައިނާއިން ލިބޭގޮތް ހަމަޖެހިފައިވާކަމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ގދ. ހަނިމާދޫގައި މިހާރު ކުރިއަށްދާ "ފަނޯއްލަ" ދަރުބާރުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތަކުގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ދިނުމަށްޓަކައި އާ އޮފީސް އިމާރާތްތަކެއް ކޮންމެހެން ބޭނުންވެފައިވާ ކައުންސިލްތައް އެބަހުރި ކަމަށެވެ.

އަދި އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަތޮޅު ތެރޭގައި ސަރުކާރުން އަޅައިދޭން ނިންމާފައިވާ 50 ކައުންސިލްގެ އިދާރާއަށް ބޭނުންވާ ވަސީލަތްތައް ޗައިނާ ސަރުކާރުން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން މި އަހަރު ތެރޭގައި އެ 50 ކައުންސިލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށާއި ކުރިއަށް އޮތްތަނުގައި އެހެން ކައުންސިލްތަކަށް ވެސް ރަނގަޅު ގޮތްތައް ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، މި 50 ކައުންސިލް ހޮވާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން އެކުލަވާލެވޭ އުސޫލަކުންކަމަށެވެ.

ރާއްޖޭގެ 50 ރަށެއްގެ ކައުންސިލް އިމާރާތް މިއަހަރު ސަރުކާރުން އަޅައިދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން