ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރަން ހުޅުވާލި ފުުރުސަތުގެ ދަށުން އެކަމަށް 2000 އެއްހާ މީހުން ފޯމު ހުށަހަޅައިފި އެވެ.

ގުޅީފަޅަށް ގޯތި ބަދަލުކުރަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި އޮތީ މި މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.

އަދި އެކަމަށް ފޯމު ހުށަހެޅި ފަރާތްތައް އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ.

އެގޮތުން ގޯތި ބަދަލުކުރަން އެދި 1913 މީހުން ހުށަހަޅާފައި ވެއެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރަން ނިންމާފައި ވަނީ ޖުމްލަ 1347 ގޯއްޗެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯތި، 2050 އަކަފޫޓުގެ 487 ގޯތީގެ އިތުރުން 2450 އަކަފޫޓުގެ ހަތަރު ގޯއްޗެވެ.

އެހެން ނަމަވެސް އިއުލާންކުރި ގޯތީގެ އަދަދާއި އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، 2450 އަކަފޫޓު އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންކަމުގައިވާތީވެ، ގުރުއަތުލުން ކުރިޔަށް ގެންދާނީ 1250 އަދި 1650 އަކަފޫޓުގެ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ކަމަށް ހައުސިން މިނިސްޓްރީންް ވަނީ ބުނެފަ އެވެ. އަދި އެ ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް އިއުލާންކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން