ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފަށައިފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ރަސްމީ ނަތީޖާ އިއުލާންކުރަން ފެށީ އިންތިހާބާ ގުޅިގެން ބޮޑު މައްސަލައެއް ދިމާވެފައި ނުވާތީއާއި އަލުން ވޯޓު ފޮށްޓެއް ގުނަަން ޖެހޭ ހާލަތެއް މެދުވެރިވެފައި ނުވާތީ ކަމަށެވެ. އެގޮތުން ވަރަށް ގިނަ ދާއިރާ ތަކެއްގެ ރަސްމީ ނަތީޖާ އިލެކްޝަން ކޮމިޝަންގެ ވެބްސައިޓްގައި މިހާރު ވަނީ އާންމުކޮށްފައެވެ.

މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބު ކޮށްފައި ވެއެވެ. އިލެކްޝަނ ކޮމިޝަނުން ބުނީ މި އިންތިހާބުގައި އިދާރީ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރި ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބުގައި 603 އަށް ވުރެ ގިނަ ވޯޓްފޮށި ބަހައްޓާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ވޯޓް ފޮށި ބެހެއްޓިއެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގަ އެވެ.

އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީއިންނެވެ. އެގޮތުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާ އިން ދައްކައެވެ. އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ކެންޑިޑޭޓުން ޕީއެންސީ އަށް ގުޅިވަޑައިގެންފައިވާއިރު 70 އަށް ވުރެ ގިނަ މެމްބަރުންނާއެކު އެޕާޓީއަށް މިހާރު ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން