ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް އެމްއެމްއޭއާއެކު ވަރަށް ގާތުން މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާ އަކަށް ދެއްވި ބަސްދީ ގަތުމެއްގައި މާލީ ވަޒީރު ވިދާޅުވެފައިވަނީ ޑޮލަރުގެ ބްލެކް މާކެޓް ނައްތާލައި ޑޮލަރުގެ ހަމައަގު ހިފެހެއްޓުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ޑޮލަރަށް ބަރޯސާވާ ވަރު ކުޑަކުރުން ކަމަށެވެ. އެހެންކަމުން އެކަމަށް ޙައްލެއް ހޯދުމަށް އެމްއެމްއޭއާއެކު ވަރަށް ގާތުން މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ކުރަންޖެހޭ އެންމެ މުހިންމުކަމަކީ ޑޮލަރުން ޢާމްދަނީ ލިބޭ ކުންފުނިތަކަށް ރާއްޖޭގެ ބޭންކިން ނިޒާމާމެދު އޮތް އިތުބާރު ބޮޑު ކުރުން ކަމަށެވެ. އެގޮތުން ޢާއްމު ވިޔަފާރިތަކަށް ބޭންކިން ނިޒާމުގެ ތެރެއިން އިތުރު ފަސޭހަތައް ހަމަޖައްސައިފި ނަމަ، ބޭންކްތަކުގައި ޑޮލަރު ބަހައްޓާ މިންވަރު އިތުރުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ މާހައުލަކީ ވިޔަފާރިއަށް ފަހި މާހައުލެއްކަމުގެ ޔަޤީންކަން ވިޔަފާރިވެރިންނަށް ކަށަވަރު ކޮށްދިނުމަށްވެސް މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި އެކަމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް ކުރިއަށް އޮތް ތަނުގައި އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިމޭރުމުން ވިދާޅުވެފައިވާއިރު ސަރުކާރުން މިހާރު ދަނީ ޗައިނާގެ ޔުއާންއިން ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.

މިސަރުކާރުގެ އަމާޒަކީ މަދުވެގެން 2 އަހަރު ތެރޭގައި ޑޮލަރުގެ ރޭޓް ރަސްމީ ރޭޓަށް ބަދަލުކޮށް އެއަށްވުރެވެސް ދަށްކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން