އައްޑޫ މީދޫގައި ޤާއިމުކުރެވުނު އެގްރިކަލްޗަރ ނާސަރީ ވަޒީރު އަޙްމަދު ޝިޔާމް ރަސްމީކޮށް ހުޅުއްވައިދެއްވުން
އައްޑޫ މީދޫގައި ޤާއިމުކުރެވުނު އެގްރިކަލްޗަރ ނާސަރީ ވަޒީރު އަޙްމަދު ޝިޔާމް ރަސްމީކޮށް ހުޅުއްވައިދެއްވުން
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މީދޫގައި ޤާއިމުކުރި އެގްރިކަލްޗަރ ނާސަރީ، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ނާސަރީއަކީ ސަރުކާރުގެ އިސްނެންގެވުމުގެ މަތިން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ޤާއިމުކުރެވުނު މުހިންމު ވަސީލަތެކެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ރަށު ފެންވަރުގައި ދަނޑުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ތަފާތު ވައްތަރުގެ ގަސްގަހާގެހި އާލާކޮށް، ދަނޑުވެރިންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ރާއްޖޭގެ ވެށި ފެހިކޮށް، ގުދުރަތީ ރީތިކަމާއި ދިރުންތައް ދެމެހެއްޓުމަށް ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މީދޫގައި ހުޅުވުނު މި ނާސަރީގެ ސަބަބުން، އައްޑޫ ސިޓީގެ ފެހިކުރުމުގެ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެއެވެ. އަދި ދަނޑުވެރިންނަށް ބޭނުންވާ ގަސް ހޯދުމުގައި ދިމާވާ ދަތިތަކަށް މިކަމުގެ ސަބަބުން ދާއިމީ އަދި ހަރުދަނާ ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު