ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމު
ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމު
ދައުލަތުގެ މަސް ކުންފުނި މިފްކޯއިން ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ ރޯމަހުގެ ބޮޑު އަދަދެއް ބޭރުގެ ބާޒާރުން ބަލައިނުގަނެ ރިޖެކްޓުކުރަމުން ދިޔަ ޒަމާންވީ މައްސަލައަށް ހައްލެއް ލިބި، އެކަން ނިމުމަކަށް ގެނެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން އާއްމުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "އަހާ" ފޯރަމުގައި، ރާއްޖެއިން ބޭރުކުރާ ރޯމަހުގެ ބޮޑު ބައެއް ރިޖެކްޓުވާ މައްސަލައާ ބެހޭ ގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި އެކަމުގައި ހޯދުނު ކާމިޔާބުތައް މިނިސްޓަރު ވަނީ ތަފްސީލުކޮށް ހިއްސާކުރައްވާފައެވެ.

މިގޮތުން މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވީ، މަސް ރިޖެކްޓުވުމުގައި ބުއްދިއަށް ގަބޫލުނުކުރެވޭ ކަންކަން ހިންގާކަމަށް އަބަދުވެސް ޝައްކުކުރެއްވޭ ކަމެވެ. ނަމަވެސް މިހާރު މިފްކޯއިން އެއްވެސް ޝިޕްމެންޓެއް ބޭރުގެ ބާޒާރުން ރިޖެކްޓުކުރާނެ ގޮތަކަށް ބޭރުނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"މަސް ރިޖެކްޓުވަންޏާ ވާނީ ކެރިއާއަށް ލޯޑުކުރާ ގަޑީގައި. އޭގެ މާނައަކީ ރިޖެކްޓުވާ މަހެއް ނުދާނޭ ކުރީގަހެން 12 ޕަސެންޓުން 10 ޕަސެންޓުން އެ ރިކްޓުވާ ބައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަހުގެ އެކްސްޕޯޓުގައި އޮތް މި މައްސަލައަކީ ޒަމާންވީ މައްސަލައެކެވެ. އަދި މި މައްސަލަ ގިނަ ވަރުގަދަ ނެޓްވޯކުތަކާ ގުޅިފައިވާ ކަމަށް ސިފަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިފަދަ ދުވަސްވީ މައްސަލަތައް ހައްލުކޮށް، އެފަދަ ނެޓްވޯކުތައް ވިއްސިވިހާލިކުރަން ވަގުތު ނަގާއިރު، އެކަން ކުރެވެނީ ވަރަށް ސީދަލަށް ތިބެގެން ކަމަށެވެ.

މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިހާރު މަސް ގަންނަ ކުންފުނިން މަހުގެ ކޮލިޓީ ޔަގީންކުރުމަށް ހަދަންޖެހޭ އިންސްޕެކްޝަންތައް ހަދައި، ބަލަންޖެހޭ ކަންކަން ބަލާނީ މަސް އުފުލާ ބޯޓުފަހަރަށް މަސް ބަރާކުރާ ބަނދަރުތަކުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ރިޖެކްޓުކުރާ މަހެއްނަމަ ރިޖެކްޓުކުރާނީ އެ މަރުހަލާގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތުގައި މިފްކޯގެ ދައުރު ބޮޑު ނަމަވެސް، ސަރުކާރުގެ ވިސްނުން އޮތީ އަމިއްލަ ކުންފުނިތަކަށްވެސް ސަމާލުކަންދީގެން މުޅި ސިނާއަތުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުރީ ސަރުކާރުގައި މަހުގެ އަގު ކުއްލި ގޮތަށް ބޮޑުކުރުމުން އެ ސިނާއަތުގައި މަސައްކަތްކުރާ އަމިއްލަ ކުންފުނިތައް ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓުނު ނަމަަވެސް މިހާރު ސަރުކާރާއި މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ކުންފުނިތައް ގުޅިގެން އެކުގައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި ސިނާއަތަށް ދިރުމެއް ގެނެވިފައިވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް