އަންހެން މަސްވެރިއެއް، ފޮޓޯ: ފްރޮމް މޯލްޑިވްސް، ދަ އޯޝަންސް ފައިނެސްޓް ބްލޮގް
އަންހެން މަސްވެރިއެއް، ފޮޓޯ: ފްރޮމް މޯލްޑިވްސް، ދަ އޯޝަންސް ފައިނެސްޓް ބްލޮގް
ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދޭ ހާއްސަ އެވޯޑުތަކަށް، މުޅިން އަލަށް އަންހެން މަސްވެރިންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ބިންގާ ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ މި އެވޯޑުތަކުގެ ތެރޭގައި މިއަހަރު ހިމެނެނީ ޖުމްލަ 4 ދާއިރާއެކެވެ. މީގެ ތެރޭގައި މުޅިން އަލަށް ތަޢާރަފުކުރި "ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު" ވެސް ހިމެނެއެވެ. މި އެވޯޑު ހާއްސަކޮށްފައިވަނީ މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ އަންހެނުންނަށެވެ.

މީގެ އިތުރުން މިއަހަރު ދިނުމަށް ހަމަޖެހިފައިވާ އަނެއް ތިން އެވޯޑަކީ، މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ 35 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަ "އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު"ގެ އެވޯޑާއި، އެފަދައިން އުޅޭ 35 އަހަރުން މަތީގެ ފަރާތްތަކަށް ދޭ "އެންމެ ތަޖުރިބާކާރު ކެޔޮޅު"ގެ އެވޯޑެވެ. އަދި އާމްދަނީ ހޯދުމުގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އަގުވަޒަންކުރުމުގެ ގޮތުން ދޭ "ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު" ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި އެވޯޑުތަކަށް އަމިއްލަ ގޮތުންނާއި އެހެން ފަރާތްތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ޝަރުތު ފުރިހަމަވާ ފަރާތްތަކުން މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެވޯޑަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ރ. ދުވާފަރުގައި ކުލަގަދަކޮށް ފާހަގަކުރިއިރު، އެ ރަށުގައި ބޭއްވި ހާއްސަ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު