މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލަވާލާފައިވާ "ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑު" އަކީ ރަސް އޮންލައިންގެ ނޫސްވެރިންނާއި އެޑިޓަރުން ނޫސްވެރިކަން ކުރުމުގައި ގެންގުޅެ ޢަމަލުކުރާނެ ހަމަތަކާއި ސުލޫކީ މިންގަނޑު ކަމަށް ކަނޑައަޅައި، 1 ޖަނަވަރީ 2020 އިން ފެށިގެން އަމަލުކުރަމުން އަންނަނީ އެ ހަމަތަކާއި އެ ސުލޫކީ މިންގަނޑަށެވެ. މި ސުލޫކީ މިންގަނޑަށް ފުރިހަމަ އަށް އަމަލު ކުރުމަށް މި ނޫހުން އިގުރާރުވަމެވެ. ރަސް އޮންލައިނުން މި މިންގަނޑުތަކަށް އަމަލުކުރަން ނިންމީ ރާއްޖޭގައި ހެދިފައިވާ އަދި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބޯލަނބައި ޒިންމާދާރު ޖަވާބުދާރީ ވަނިވި ހަމަހަމަ ނޫސްވެރިކަމެއް ކުރުމުގެ ނިޔަތާއި ޢަޒުމުގައި ނޫސްވެރިކަން ކުރުމަށް ބޭނުންވާތީއެވެ. ރަސް އޮންލައިންގައި ޝާއިޢުކުރި ނުވަތަ ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމުތަކުގައި ޝާއިއުކުރާ ކޮންޓެންޓަކާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތަކާމެދު އަމަލުކުރުމުގައި ބަލާނީ މި މިންގަނޑަށެވެ.

ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު

ތަޢާރަފު

މިއީ ރާއްޖޭގެ މީޑިއާއިން ޢަމަލުކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ އަސާސީ މިންގަނޑެކެވެ.

ފެށުން

ދިވެހި މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން އަބަދުމެ ހިފަހައްޓާނެ މައިގަނޑު ހަމަތަކަކީ:
  • އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުން
  • ޤައުމީ ސަލާމަތާއި ރައްކާތެރިކަން
  • އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި އިޖްތިމާޢީ އަޚްލާޤް ދެމެހެއްޓުން
  • ނުފޫޒެއްގެ ދަށުގައިނުވުން
  • އިންސާފުވެރިކަމާ އެކު ތެދު ޙަޤީޤަތް ހާމަކުރުން
  • ޒިންމާދާރުވުން
  • ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން މިއެވެ.
  1. އިސްލާމީ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި، ޤާނޫނުތަކާ ޚިލާފު އެއްޗެއް މީޑިއާގައި ޝާއިޢުނުކުރާނެއެވެ.
  2. މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ ޚަބަރާއި މަޢުލޫމާތަކީ ޞައްޙަ، ތެދު މަޢުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ.
  3. މަޢުލޫމާތު ހޯދުމާއި ޚިޔާލު ފާޅުކުރުމާއި، ފާޑުކިޔުމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އަބަދުމެ ހިމާޔަތްކޮށް ދަމަހައްޓާނެއެވެ.
  4. ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި އެ އެއްޗެއްގެ ޙަޤީޤަތް އޮޅުވައެއް ނުލާނެއެވެ.
  5. ޞައްޙަ ނޫން މަޢުލޫމާތެއް ޝާއިޢުކުރެވޭ ޙާލަތްތަކުގައި، އެކަން އެނގިއްޖެނަމަ އެކަން ވީއެންމެ އަވަހަކަށް އިޞްލާޙުކުރަންވާނެއެވެ.
  6. މަޢުލޫމާތު ހޯދައި ފޮޓޯ ނުވަތަ ވީޑިއޯ ނަގާނީ ތިމާއަކީ މީޑިއާގެ ކޮން ވަސީލަތަކަށް ނިސްބަތްވާ ކާކުކަން އެނގޭނޭ ފަދަ ގޮތެއްގެ މަތީންނެވެ. ތިމާއަކީ ކާކުކަން ސިއްރުކުރާނީ މުޖްތަމަޢަށް ކޮންމެހެން އެނގެން ބޭނުންވާ މަޢުލޫމާތެއް އެނޫން ގޮތަކަށް ހޯދެން ނެތް ޙާލަތެއްގައެވެ.
  7. ޝާއިޢުކުރާ އެއްޗެއްގައި އެހެން ފަރާތެއްގެ ފޮޓޯ ނުވަތަ ކުރެހުން ނުވަތަ ވީޑިއޯ ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ބޭނުންކުރާނަމަ އެއެއްޗަކީ ކޮންފަރާތެއްގެ އެއްޗެއްކަން އެޚަބަރަކުން ނުވަތަ އެރިޕޯޓަކުން އަންގައިދޭނެއެވެ
  8. ނޫސްވެރިން ޚަބަރާއި މަޢުލޫމާތު ފަތުރާއިރު މަޢުލޫމާތުދޭ ފަރާތް ހާމަކުރަން އިސްކަންދޭނެއެވެ. ނަމަވެސް، ނަން ހާމަކުރަން ބޭނުންނުވާ މަސްދަރުތައް ނޫސްވެރިޔާ ސިއްރުކުރާނެއެވެ.
  9. ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިޢުކުރުމުން ދުރުހެލިވާނެއެވެ.
  10. ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި، ޢާންމު އިޖްތިމާޢީ މިންގަނޑުތަކަށް ނުފެތޭ ހަޑިހުތުރު ބަސްބޭނުންކުރުމުން ދުރުހެލިވާނެއެވެ.
  11. މުޖުތަމަޢުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ޚަބަރާއި މަޢުލޫމާތާއި ޕްރޮގްރާމްތައް ރައްޔިތުންނަށް ގެނެސްދިނުމަށް މަސައްކަތް ކުރާނެއެވެ.
  12. ލާއިންސާނީ ނުވަތަ އަނިޔާވެރި މަންޒަރު ސިފަކޮށްދޭ ފޮޓޯއާއި، ވީޑިއޯއާއި އޯޑިއޯ ނުވަތަ އެފަދަ އެއްވެސް އެއްޗެއް ޝާއިޢުކުރާނަމަ، އެއެއްޗެއް ޢާންމު މަސްލަހަތާ ގުޅުންހުރި މިންވަރެއްގެ މައްޗަށް ރިޢާޔަތްކުރާނެއެވެ.
  13. މީޑިއާގައި ޚަބަރާއި މަޢުލޫމާތު ރިޕޯޓްކުރުމުގައި، އެނިސްބަތްވާ މީހެއްގެ ނަސަބާއި، ދީނާއި، ޖިންސާއި، ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމާ ނުގުޅުވާނެއެވެ.
  14. ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލޭފަދަ ގޮތަކަށް ޤަޞްދުގައި ޚަބަރާއި މަޢުލޫމާތު ދިނުމަށް ހިތްވަރު ނުދޭނެއެވެ.
  15. ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި އަނެކާގެ ޒާތީ ދިރިއުޅުން ރައްކާތެރިކުރުމުގެ ޙައްޤަށް ރިޢާޔަތްކުރާނެއެވެ.
  16. ހިތާމައާއި، މާޔޫސްކަމުގެ ޙާދިޘާއެއް މެދުވެރިވެފައިވާ ޙާލަތެއްގައި، ކަންކަން އޮޅުންފިލުވައި، އަދި ޝާއިޢުކުރާނީ އެހިތާމައެއް، ނުވަތަ މާޔޫސްކަމެއް ކުރިމަތިވެފައިވާ ބައެއްގެ އިންސާނީ ކަރާމާތްތެރިކަމަށް އުނިކަން ނާންނާނޭ ގޮތުގެ މަތިންނެވެ.
  17. ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރާނީ އެއެއްޗެއް ނިސްބަތްވާ ފަރާތަކީ އަންހެނެއް ނުވަތަ ފިރިހެނެއް ކަމުގައި ވިޔަސް، އެއްވެސް ތަފާތުކުރުމެއް ނެތިއެވެ.
  18. ކުޑަކުދިންނާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރާއިރު އެކުދިންގެ ކަރާމަތާއި ޙައްޤުތައް ހިމާޔަތްކުރާނެއެވެ. އަދި ޖިންސީ، ޖިސްމާނީ، ނަފްސާނީ ޝިކާރައަކަށްވެފައިވާ ކުދިންނާއި އެހެން ފަރާތަކަށް ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއެއް ދޭ ކުދިންނާއި ކުށެއްގައި ތުހުމަތު ކުރެވޭ، ނުވަތަ ޙުކުމެއް އިއްވާފައިވާ ކުދިންގެ އައިޑެންޓިޓީ ހާމަވެދާނެފަދަ އެއްވެސް މަޢުލޫމާތެއް މީޑިއާގައި ބޭނުމެއް ނުކުރާނެއެވެ.
  19. ޖިންސީ ގޯނާ ލިބިފައިވާ ފަރާތްތަކުގެ މަޢުލޫމާތެއް ހާމަކުރާއިރު، އެފަރާތަކީ ކާކުކަން ހާމަވާ ފަދަ އެއްވެސް މަޢުލޫމާތެއް ހާމަކުރާނީ އެފަރާތެއްގެ ރުހުމާ އެކުގައެވެ.
  20. ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި އެކަމަކާ ނުގުޅޭ ފަރާތެއްގެ ޙައްޤު ގެއްލޭގޮތަށް ޝާއިޢުއެއް ނުކުރާނެއެވެ.
  21. އަމިއްލައަށް މަރުވުމާއި، ޓެރަރިޒަމާއި މާރާމާރީއާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޖަރީމާތަކާއި ކުރާ ކުށްތަކާބެހޭ މަޢުލޫމާތު ޝާއިޢުކުރާއިރު، އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް އެކަންކަމުގެ މަޢުލޫމާތު ޝާއިޢުކުރުމުން ދުރުހެލިވާނެއެވެ.
  22. ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި ޢާންމު މުޖްތަމަޢަށް ކޮންމެހެން އެނގެންޖެހޭ ފަދަ މަޢުލޫމާތެއް، ސިއްރެއް ނުކުރާނެއެވެ.
  23. ޚަބަރާއި މަޢުލޫމާތު ހޯދުމުގައި އެއްވެސް ފަރާތަކާއެކު ދެކެވޭ ވާހަކައެއް ރެކޯޑްކުރާނީ، އިންޓަވިއުދޭ މީހާއަށް އެނގިގެން، އޭނާގެ ރުހުމާއި އެކުގައެވެ. އިންޓަވިއުދޭ މީހާއަށް ނޭނގި ރެކޯޑްކުރާނީ މީހާގެ ފަރާތުން ހޯދަން ބޭނުންވާ މަޢުލޫމާތަކީ މުޖްތަމަޢަށް ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތަކަށްވެފައި އެކަން ސިއްރުކޮށްގެން ނޫނީ އެމަޢުލޫމާތެއް ހޯދެންނެތް ޙާލަތެއްގައި އެކަންޏެވެ.
  24. މީޑިއާ އޯގަނައިޒޭޝަންތަކަށާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބިފައިވާ ޚާއްޞަ އިމްތިޔާޒުތަކާއި އިޚްތިޔާރުތަކާއި ފުރުޞަތުތަކުގެ ފައިދާ ނާޖާއިޒު ގޮތުގައި ބޭނުމެއް ނުކުރާނެއެވެ.
  25. "މާނަކުރުން":
    "މީޑިއާގައި ޝާއިޢުކުރުން" ކަމަށް ބުނެފައިވަނީ ޓީވީ ނުވަތަ ރޭޑިއޯ ނުވަތަ އިންޓަރެކްޓިވް ސީޑީ ނުވަތަ ވެބްސައިޓް ނުވަތަ ނޫސް ނުވަތަ މަޖައްލާއެއްގައި، ކުރެހުމަށާއި މަންޒަރު ދެއްކުމަށާއި، އަޑު ފޮނުވުމަށާއި، ލިޔުމަށެވެ. ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި ޢާންމު މުޖްތަމަޢަށް ކޮންމެހެން އެނގެންޖެހޭފަދަ މަޢުލޫމާތެއް، ސިއްރެއް ނުކުރާނެއެވެ "މީޑިއާ" ކަމަށް ބުނެފައިއެވަނީ ޓީވީއަށާއި ރޭޑިއޯއަށާއި އިންޓަރެކްޓިވް ސީޑީއަށާއި ވެބްސައިޓަށާއި ދުވަހުނޫސްތަކަށާއި ހަފްތާނޫސްތަކަށާއި، މަޖައްލާތަކާއި، ޓްރޭޑް ޕަބްލިކޭޝަންތަކަށާއި މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި ދިވެހިރާއްޖޭގައި، ރަޖިސްޓަރީ ނުކޮށްނަމަވެސް މަޢުލޫމާތާއި، ޚަބަރާއި ޚިޔާލާއި، އިޝްތިހާރު، ޢާންމުކޮށް، ފެތުރުމަށްޓަކައި، ގަންނަންލިބޭގޮތަށް ނުވަތަ އަގަކާނުލައި، ލިބޭގޮތަށް، ޗާޕްކޮށްގެންނާއި އިންޓަނެޓާއި، އެހެނިހެން، ވަސީލަތްތައް މެދުވެރިކޮށް ޝާއިޢުކުރެވޭ ޝާއިޢުކުރުންތަކަށެވެ. "ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު" ގައި ހިމެނޭ ލަފްޒެއްގެ މާނައާމެދު ދެބަސްވުމެއް އުފެދިއްޖެ ޙާލަތެއްގައި، އެ ލަފްޒެއްގެ މާނަކަމުގައި ބަލާނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގައި ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤަވާޢިދުގައި އެ ލަފްޒެއް މާނަކޮށްފައިވާ ގޮތަށެވެ. "މަޢުލޫމާތު" ކަމަށް ބުނެފައިވަނީ އޯޑިއޯ އާއި ވީޑިއޯ އާއި ފޮޓޯ އާއި ގްރެފިކްސް އާއި ކުރެހުން ހިމެނޭގޮތަށެވެ.
  26. މި މިންގަނޑުތަކާއި ޚިލާފުނުވާ ގޮތެއްގެ މަތިން މީޑިއާގެ ކޮންމެ މުއައްސަސާއަކުން ވެސް އެމުއައްސަސާއަކުން ގެންގުޅޭ ސުލޫކީ މިންގަނޑު ކަނޑައެޅުމަކީ އެމުއައްސަސާއެއްގެ މަސްޢޫލިއްޔަތެކެވެ.