ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު--
ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު--
ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަންޑް އޮފިސަރުންގެ ރޭންކުތަކާ ގުޅޭ ފުލުހުންނަކީ ހަމައެކަނި މަގާމުގެ ކުރިއެރުމެއް ނުވަތަ ރޭންކެއް ހޯދުމުގެ ނިޔަތުގައި ތިބޭ ބަޔަކަށް ނުވެ، މުއައްސަސާއާއި ރައްޔިތުން އެދޭ ފަދަ ގާބިލު ލީޑާޝިޕެއް އަމަލީ މައިދާނުގައި ދައްކައި، ބޮޑެތި ޒިންމާތައް އުފުލޭނެ ބަޔަކަށް ވާންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އިން ހިންގި ހަ ވަނަ އިންސްޕެކްޓަރ ކޯސް ނިންމުމުގެ ގޮތުން މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާޙަކަ ދައްކަވަމުން ސީޕީ ވިދާޅުވީ އެ ކޯސް ފުރިހަމަކުރި 35 އޮފިސަރުންނަކީ ނަން-ކޮމިޝަންޑް ރޭންކުތަކުން ކޮމިޝަންޑް އޮފިސަރެއްގެ ގިންތިއަށް ބަދަލުވުމުގެ މަރުހަލާ ފުރިހަމަކޮށް، މާދަމާ މުއައްސަސާގެ އިސް ލީޑަރޝިޕްގެ ޒިންމާތަކާ ހަވާލުވުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށެވެ.

އަދި މި ކޯހަކީ މުއައްސަސާގެ މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ފުލުހުންގެ ތަމްރީނުތަކަށް މުއައްސަސާއިން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކާއި ހޭދައަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރު ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފަންވާނީ ހިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތްކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތަކީ ވަގުތީ ގޮތުން މަޑުކޮށްލާ ބަނދަރަކަށް ނުހަދައި، މުއައްސަސާގެ ކޮލިޓީ ދަމަހައްޓައި ދިގު މުއްދަތަކަށް ހިދުމަތުގައި ދެމިތިބުމަށް ހުރިހާ ފުލުހުންނަށް ކޮމިޝަނަރު އިލްތިމާސްކުރެއްވިއެވެ.

މުވައްޒަފުން ތަމްރީނުކޮށް، އިލްމާއި ހުނަރުގެ ފެންވަރު މަތިކުރުމަކީ މުއައްސަސާއިން ކޮންމެ ދުވަހަކުވެސް ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކުރައްވަމުން، ދިވެހި ފުލުހުންގެ ހިދުމަތް ވެގެންދާނީ އިލްމީ ގޮތުން ގާބިލު، ހުނަރުވެރި، އަދި ރައްޔިތުން އިތުބާރުކުރާ ފަދަ ތަޖުރިބާކާރު ފުލުހުން ތިބި މުއައްސަސާއަކަށް ކަމަށް ސީޕީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު