ރައީސް މުއިއްޒު
ރައީސް މުއިއްޒު
ކުރިއަށް އޮތް އަހަރެއް ދެ އަހަރެއްގެ ތެރޭގައި އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްތައް ވީ އެންމެ ރަނގަޅަކަށް ވަރުގަދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ރައީސް މުޢިއްޒާ ބައްދަލުކުރި ހއ. ކެލާއަށް ނިސްބަތްވާ އަންހެނަކު ވަނީ، އެ ރަށުގައި ދިރިއުޅެން ދަތިވެފައިވާ ސަބަބުތައް އެމަނިކުފާނާ ހިއްސާކުރައްވާފައެވެ.

މިވަގުތު ވިލިމާލޭގައި ދިރިއުޅެމުންދާ އެ އަންހެން މީހާ ބުނީ އޭނާގެ ދަރިއަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކަށް ވުމާއި، ކޮއްކޮއަށް ނަފްސާނީ ދަތިތަކެއް ކުރިމަތިވެފައިވުމުގެ އިތުރުން ރަށުން އެކަށީގެންވާ ޞިއްޙީ ފަރުވާއެއް ލިބެން ނެތްކަމަށެވެ.

އަދި 2013 ވަނަ އަހަރު ކެލާއިން ގޯއްޗެއް ލިބިފައި އޮތް ނަމަވެސް، ޙާލަތު ހުރިގޮތުން ގެދޮރުވެސް ނުހެދި މާލޭ ސަރަޙައްދުގައި ދިރިއުޅެންޖެހިފައިވަނީ މަޖުބޫރުވެގެން ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން، ކެލާ ފަދަ ރަށްރަށުގައި ވެސް ޞިއްޙީ ނިޒާމު ހަރުދަނާކޮށްދެއްވުމަށް އޭނާ ވަނީ ރައީސްގެ އަރިހުގައި އެދިފައެވެ.

އެ އަންހެންމީހާގެ ކަންބޮޑުވުންތަށް އަޑުއެއްސެވުމަށްފަހު ރައީސް މުޢިއްޒު ވިދާޅުވީ، ޞިއްޙީ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށާއި، އަމާޒަކީ އަތޮޅުތަކުން ފަރުވާ ހޯދުމަށް މާލެ އަންނަންޖެހޭ މިންވަރު ވީހާވެސް ބޮޑަކަށް މަދުކުރުން ކަމަށެވެ.

"ކުރިއަށް އޮތް އަހަރެއް ދެ އަހަރެއް ތެރޭގައި ވީ އެންމެ ރަނގަޅަކަށް ލޯކަލް ލެވެލްއެއްގައި ސިއްހީ ޚިދުމަތް ވަރުގަދަކުރުން [އަމާޒަކީ]،" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު