ރަސް އޮންލައިންގެ އެޑިޓޯރިއަލް ސިޔާސަތު
ތަޢާރަފު
ރަސް އޮންލައިން ގަބޫލުކުރާ ގޮތުގައި ހަގީގީ ނޫސްވެރިކަމަކީ ހަމަހަމަ ކަމާއި އިންސާފާއި ވަކި ފަރާތަކަށް ނުޖެހި ކުރާ ނޫސްވެރިކަމެވެ. ޚަބަރާއި މައުލޫމާއި އަދި އެހެނިހެން ކޮންޓެންޓް ނޫހެއްގައި ގެނަސްދޭން ވާނީ ވަރަށް ޒިންމާދާރުކަމާއި އެކުގައެވެ. ނޫސްވެރިކަމުގައި ހަމަތަކަކާއި މިންގަނޑުތަކެއް ހިފަހައްޓަންޖެހޭނެ ކަމާއި ޚަބަރާއި މައުލޫމާތު ޒިންމާދާރުކަމާއެކު ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަކީ ރަސް އޮންލައިނުން ގަބޫލުކުރާ ނޫސްވެރިކަމުގެ އުސޫލެވެ. މި ނޫހުގައި ޝާއިޢު ކުރެވޭ ހުރިހާ ލިޔުމެއް ޝާއިޢު ކުރާނީ މި އެޑިޓޯރިއަލް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ރަސް އޮންލައިންގެ ހުރިހާ ނޫސްވެރިންނާއި ޚަބަރާއި މައުލޫމާތާއި ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ އެންމެހައި މުވައްޒަފުންނާއި ނޫހުގެ އެހެނިހެން ލިއުންތެރިން ވެސް އަމަލު ކުރާނީ މި ޕޮލިސީއާ އެއްގޮތަށެވެ.
-
އިތުބާރު ދެމެހެއްޓުން
ކިއުންތެރިންގެ އިތުބާރު ދެމެހެއްޓުމަކީ ރަސް އޮންލައިންގެ އެންމެ މުހިންމު ތަނބެވެ. މިނޫހުގައި ޝާޢިކުރާ ލިއުންތަކާއި އެހެނިހެން ތަކެއްޗަކީ ކިއުންތެރިން ބަލައިގަންނަ އިތުބާރު ހިފޭ ލިއުންތަކަކަށް ވާންވާނެ ކަމަށް ނޫހުން އަބަދުވެސް ގަބޫލުކުރާނެއެވެ. -
ތެދު މައުލޫމާތު ފެތުރުން
ރަސް އޮންލައިނުން އަބަދުވެސް މަސައްކަތް ކުރާނީ ތެދު ހަގީގަތް ހާމަ ކުރުމަށެވެ. ނޫހުގައި ޝާއިޢުކުރާ ކޮންމެ ލިއުމަކީ ވެސް އޭގައި ތެދު ހަގީގަތް އެކުލެވޭ ލިއުމެއްކަން ނޫހުގެ އެޑިޓޯރިއަލުން ކަށަވަރު ކުރާނެއެވެ. -
ހަމަހަމަކަން ދެމެހެއްޓުން
ރަސް އޮންލައިން ނޫހުގެ އެޑިޓޯރިއަލްގެ މައިގަނޑު އަމާޒަކީ ލިޔާ ލިއުންތަކާއި ގެނަސްދޭ މައުލޫމާތުގައި ހަމަހަމަކަން ހިފެހެއްޓުމެވެ. ވަކި އަތަކަށް ބުރަވުމެއް ނެތި އެ ޚަބަރެއް ނުވަތަ މައުލޫމާތެއް ރައްދުވާ ނޫނީ ޝާމިލުވާ ފަރާތްތަކަށް ހަމަ ހަމަ ފުރުސަތު ދިނުމަކީ ރަސް އޮންލައިންގެ މައިގަނޑު އަސާސެވެ. -
ޤައުމީ މަސްލަހަތުތައް ހިމާޔަތްކުރުން
ރަސް އޮންލައިނުން އަބަދުވެސް ޤައުމީ މަސްލަހަތު ހިމާޔަތް ކުރުމަށް އިސްކަންދޭނެއެވެ. ރައްޔިތުންގެ މަސްލަހަތު ހުންނަ މިފަދަ ކަންކަން ގެނަސްދިނުމުގައި ވެސް މިދެންނެވި ޤައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އިސްކަންދޭނެއެވެ. ނަމަވެސް ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަންކަން ގެނަސްދިނުމުގައި ޤައުމީ މަސްލަހަތު އިސްކުރާނެ މިންވަރު އެޑިޓޯރިއަލް ބޯޑަށް ކަނޑައެޅިދާނެއެވެ. -
މީހުންގެ ޒާތީ ދިރިއުޅުން
މީހުންގެ ޒާތީ ދިރިއުޅުމުގެ މިންގަނޑަކީ ބައިނަލްއަޤްވާމީ އަދި ޤައުމީ ދުސްތޫރުގައްޔާއި ކަމާގުޅޭ ޤާނޫނު ތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކެކެވެ. އެހެންކަމުން، ޚަބަރާއި މައުލޫމާތާއި ފޮޓޯއާއި ވިޑިއޯ ޝާއިޢުކުރުމުގައި މީހުންގެ ޒާތީ ދިރިއުޅުމަށް ރަސް އޮންލައިނުން އަބަދުވެސް އިހުތިރާމު ކުރާނެއެވެ. އަދި މިފަދައިން އަމަލު ކުރާއިރު މިދެންނެވި މުއާހަދާތަކާއި ގާނޫނުތަކުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާ މިންވަރަށް ނޫސްވެރިކަން ކުރުމަކީ މިނޫހުގެ ސިޔާސަތެވެ. މީހެއްގެ ޒާތީ ކަމަކާއި ގުޅުންހުރި މައުލޫމާތު ރަސްއިން ގެނެސްދޭނީ އެމީހެއްގެ ހައްގަށް ވުރެ އާންމުރައްޔިތުންގެ ހައްގު ބޮޑުވެގެންވާ ހިނދެއްގައެވެ. އެފަދައިން ވެސް އަމަލު ކުރާނީ ގާނޫނީ ހުއްޖަތްތަކަށް ރިޢާޔަތް ކުރުމަށްފަހުގައި ޖަވާބުދާރީ ވެވޭނެ ހާލަތުގައެވެ. -
މީހުންގެ ޒާތީ ދިރިއުޅުން ކަނޑައަޅާނެ މިންގަނޑު
(ހ) ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި ޕްލެޓްފޯމް ތަކަކީ އާންމުކޮށް ހުޅުވާލެވިފައިވާ އަދި އެންމެންނަށް ވާސިލުވެވޭ ގޮތަށް ހުންނަ އާންމު މައުލޫމާތު ކަމަށްވާތީ އެފަދަ ޕްލެޓްފޯމް ތަކުގައި އާންމުކުރާ މައުލޫމާތު ނޫހުގެ ލިއުންތަކުގައި ބޭނުން ކުރުމަކީ މީހެއްގެ ޒާތީ ކަމަކާއި ބެހުން ކަމުގައި ރަސް އޮންލައިންގެ އެޑިޓޯރިއަލަކުން ނުދެކެއެވެ.
(ށ) މީހަކު ކުރާ ޖިނާއީ ކުށްތަކާބެހޭ މައުލޫމާތުތަކާއި އެފަދަ ޝަރީޢަތްތައް ހިނގާގޮތް ނޫހުގެ ޚަބަރާއި ލިއުންތަކުގައި ބޭނުން ކުރުމަކީ މީހެއްގެ ޒާތީ ކަންކަމާއި ބެހުން ކަމަކަށް މި ނޫހުގެ އެޑިޓޯރިއަލަކުން ނުދެކެއެވެ.
(ނ) ރަސް އޮންލައިނުން ދެކޭ ގޮތުގައި ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ހާމަކުރާ މީހެއްގެ ޒާތީ ނުވަތަ އެހެން ވެސް މައުލޫމާތެއް ނުވަތަ އެހެން ވަސީލަތަކުން އާންމުކުރާ އެފަދަ މައުލޫމާތާއި ފޮޓޯ އަދި ވިޑިއޯއަކީ އޭގެ ސިއްރުކަން ގެއްލިފައިވާ އެއްޗެއްސެވެ. އެފަދަ މައުލޫމާތާއި ފޮޓޯ އަދި ވިޑިއޯ ރަސް އޮންލައިންގައި ބޭނުން ކުރުމަކީ މީހެއްގެ ޒާތީ ކަންކަމާއި ބެހުން ކަމަކަށް ނޫހުގެ އެޑިޓޯރިއަލަކުން ނުދެކެއެވެ.
(ރ) ސޯޝަލް މީޑިއާ ފަދަ ޕްލެޓްފޯމް ތަކުގައި އާންމުކޮށް ޝާއިޢުކޮށްފައި ހުންނަ ފޮޓޯ އާއި ވިޑިއޯ ފަދަ ތަކެތި ރަސް އޮންލައިން ގައި ބޭނުން ކުރާނީ ކޮޕީރައިޓް ގާނޫނަށް ރިޢާޔަތް ކުރުމަށްފަހުއެވެ.
-
ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތް ކުރުން
ކުޑަކުއްޖެއްގެ މަސްލަޙަތު ހިމެނޭނަމަ ރަސް އޮންލައިންގައި ޝާއިޢުކުރާ ޚަބަރާ ލިއުންތަކާ އަދި އެނޫންވެސް ތަކެތި ޝާއިޢު ކުރާނީ، ރާއްޖެއާއި ބައިނަލްއަޤްވާމީ ޤާނޫނު ތަކާއި މުއާހަދާތަކުން ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ކުޑަކުދިންގެ ހައްޤުތަކަށް އުނިކަން ނާންނަ ގޮތަށެވެ. ޚާއްޞަ ގޮތެއްގައި ކުޑަކުއިންނާއި ގުޅޭ ޚަބަރާއި މައުލޫމާތު ރަސް އޮންލައިނުން ޝާއިޢު ކުރާނީ އެކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭކަން ކަށަވަރުކުރުމަށް ފަހުގައެވެ. -
އަންހެނުންގެ ހައްޤުތައް ރައްކާތެރި ކުރުން
އަންހެނުންނާއި ގުޅުންހުރި ޚަބަރުތައް ރަސް އޮންލައިންގައި ޝާއިޢުކުރާނީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާގުޅޭ ޤާނޫނުތަކާއި ޤަވާޢީދުތަކާއި މީޑިއާ ރެގިއުލޭޓްކުރާ މުއައްސަސާތަކުން އެކަމަށް ކަނޑައަޅާފައި އޮންނަ އުސޫލާއި ހަމަތަކާއި އެއްގޮތަށެވެ. -
ޒިންމާނެގުން
ރަސް އޮންލައިންގައި ޝާއިޢު ކުރާ ޚަބަރެއްގައި ނުވަތަ ލިއުމެއްގައި ޞައްޙަ ނޫން މައުލޫމާތެއް ނުވަތަ ކުށެއް އޮތްނަމަ އެކަން ނޫހުގެ ސަމާލުކަމަށް އަންނަ ހިސާބުން ނުވަތަ އެކަން ނޫހުގެ ސަމާލުކަމަށް ގެންނަ ހިސާބުން އެ ކުށެއް އިސްލާހުކޮށް، އެކަމުގެ ޒިންމާ ނަގާނެއެވެ. -
ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުން
އެއްވެސް ފަރާތެއްގެ ނުފޫޒުގެ ދަށުގައި ހުންނަ މީހަކު ރަސް އޮންލައިން ނޫހުގައި މަސައްކަތެއް ނުކުރާނެއެވެ. އަދި ނޫހަށް އިސްތިހާރާއި އެހެނިހެން ގޮތްގޮތުން އެހީއެއް ދިން ނަމަވެސް އެހީދޭ އެއްވެސް ފަރާތެއްގެ ނުފޫޒެއް ރަސް އޮންލައިންގައި ލިޔާ ލިއުންތަކަކަށް ނުކުރާނެއެވެ. އަދި ޚަބަރާއި މައުލޫމާތު ގެނަސް ދިނުމުގައި ވެސް އެފަދަ ފަރާތްތަކަށް ވަކި ތަފާތުކުރުމެއް ނުގެންގުޅޭނެއެވެ. އާންމުކޮށް އެކި ފަރާތްތަކުން މީޑިއާކިޓާއި އިސްތިހާރުގެ ގޮތުގައި ދޭ ތަކެތި ފިޔަވައި ހަދިޔާގެ ގޮތުގައި ދޭ ތަކެތި ރަސް އޮންލައިންގެ ނޫސްވެރިން ބަލައެއް ނުގަންނާނެއެވެ. ނަމަވެސް އަގުދީގެން އެޑްވަރޓޯރިއަލްގެ ގޮތުގައި ނޫހުގައި -
އަބުރު
ރަސް އޮންލައިނުން އަބަދުވެސް މީހުންގެ އަބުރު ރައްކާތެރިކުރުމަށް އިސްކަންދޭނެއެވެ. އެގޮތުން ނޫހުގައި ޝާއިޢު ކުރާ އެއްވެސް ލިޔުމެއްގައި މީހެއްގެ އަބުރަށް ހުތުރުވާ ގޮތަށް މަޢުލޫމާތެއް ނުގެނެސްދޭނެއެވެ. -
ދަޢުވާލިބިގަތުން
ރަސް އޮންލައިންގައި ޝާއިޢުކުރާ ލިއުމަކާއި ގުޅިގެން ނޫހާއި ނުވަތަ ނޫހުގެ ލިއުންތެރިއަކާއި ދެކޮޅަށް ޝަރުޢީ ކޯޓެއްގައި ދަޢުވާކޮށްފިނަމަ ނުވަތަ މީޑިއާ ރެގިއުލޭޓް ކުރާ މުއައްސަސާއަކަށް އެފަދަ މައްސަލައެއް ހުށައަޅައިފިނަމަ ރަސް އޮންލައިނުން ޖަވާބުދާރީވާނެއެވެ. -
ކޮޕީރައިޓް
އެހެން ނޫހެއް ނުވަތަ މަޖައްލާއެއް/ އޮންލައިނެއްގައި ޝާއިޢު ކޮށްފައިވާ ލިޔުމެއް ނުވަތަ ލިޔުމަކުން ބައެއް ނުވަތަ މަޢުލޫމާތެއް ނުވަތަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ރަސް އޮންލައިންގައި ޝާއިޢު ކުރާ ނަމަ އޭގެ ހައްގުވެރިއަކީ ކޮންފަރާތެއްކަން އެނގޭ ގޮތަށް އެ ފަރާތަކަށް ކްރެޑިޓް ދޭނެއެވެ. އެއްވެސް ޙާލަތެއްގައި ކޮޕީ ކުރުން ނުވަތަ އެހެން ފަރާތެއްގެ މަޢުލޫމާތު އޮޅުވާލައިގެން، ވަގަށްނަގައިގެން ރަސް އޮންލައިންގައި ޝާއިޢު ނުކުރާނެއެވެ. -
އެޑިޓޯރިއަލްގެ ތެދުވެރިކަމާއި އިޚުލާސްތެރިކަން
ރަސް އޮންލައިންގެ އެޑިޓޯރިއަލް ބޯޑަކީ ބޭރުގެ ވެސް އަދި އެތެރޭގެވެސް ނުފޫޒަކުން އެއްކިބާވެގެންވާ އަދި އެޑިޓޯރިއަލް ބޯޑަކީ އެތެރެއާއި ބޭރުގެ ނުފޫޒާއި އަދި ސިޔާސީ ނުފޫޒާއި ވިޔަފާރީގެ ނުފޫޒުތަކުން އެއްކިބާވެގެންވާ ބައެއްކަން ކަށަވަރު ކޮށްދޭނެއެވެ.