އިންޑިއާގެ ނޫސްވެރިން
އިންޑިއާގެ ނޫސްވެރިން
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޒުވާނުން އިސްނަގައިގެން މިދިޔަ ހަފުތާ ބަންދުގައި ކުރިއަށްގެންދިޔަ މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް އެ ޤައުމުގެ ފުލުހުން ހުރަސްއަޅައި، އަނިޔާކޮށްފައިވާ ކަމަށް ނޫސްވެރިންނާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ބުނެފިއެވެ.

ވޯޓުލާ މީހުންގެ ލިސްޓަށް ގެނެވުނު އިސްލާޙުތަކާ ދެކޮޅަށް ކުރި މި އިޙްތިޖާޖުތަކުގެ މަޢުލޫމާތު ފެތުރުމުގައި ޙަރަކާތްތެރިވި 30 އަށްވުރެ ގިނަ ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިއީ އެ ޤައުމުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރާމެދު ބޮޑެތި ސުވާލުތަކެއް އުފެދިގެންދިޔަ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ.

މި ހާދިސާއާ ގުޅިގެން ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ހާމަކުރި ގޮތުގައި، މިއީ އިންޑިއާގެ ޑިމޮކްރެޓިކް އުޞޫލުތަކަށް ލިބުނު ބޮޑު ހީނަރުކަމެކެވެ. އަދި ނޫސްވެރިންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، އެ ފަރާތްތަކުގެ ޤާނޫނީ ވާޖިބަށް ހުރަސްއެޅި ފުލުހުންނާމެދު ފިޔަވަޅު އަޅައި ޖަވާބުދާރީ ކުރުވުމަށް އެ ޖަމާޢަތުން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

މި ތުހުމަތުތައް ދޮގުކުރަމުން ދިއްލީ ފުލުހުން ބުނެފައިވަނީ، ބައެއް މުޒާހަރާވެރިން ނޫސްވެރިންގެ ނަމުގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، މީޑިއާ ފާސް އަޅައިގެން ތިބި ނޫސްވެރިން ގަދަކަމުން ދަމާފައި ގެންގޮސް ފުލުހުންގެ ވެހިކަލްތަކަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ ޢާންމުވެފައެވެ.

މި މައްސަލައިގައި މަސައްކަތުގެ މައިދާނުގައި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދި ޤާނޫނީ ވަކީލުންގެ ގްރޫޕަކުން އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ ކޯޓުން ވަނީ ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދަޢުލަތުގެ ކަމާބެހޭ އިދާރާތަކަށް އަމުރުކޮށްފައެވެ.

އިންޑިއާގައި މި މުޒާހަރާތައް ވަރުގަދަވެފައިވަނީ، ވޭތުވެދިޔަ އަހަރުން ފެށިގެން ވޯޓުލާ މީހުންގެ ލިސްޓުން 130 މިލިއަނަށް ވުރެ ގިނަ މީހުންގެ ނަން އުނިކުރުމާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކާއި ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ މަޤްޞަދެއްގައި ކޮށްފައިވާ ކަމެކެވެ. އަދި މި މައްސަލައިގައި ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރުގެ އިސްތިޢުފާއަށްވެސް ދަނީ ގޮވާލަމުންނެވެ.

އެހެންނަމަވެސް، އިލެކްޝަން ކޮމިޝަނާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މި ތުހުމަތުތައް ދިފާޢުކޮށް ބުނަނީ، ވޯޓާސް ލިސްޓު އިސްލާޙުކުރުމުގެ މައިގަނޑު ބޭނުމަކީ ތަކުރާރުވާ ނަންތަކާއި ޝަރުޠު ހަމަނުވާ މީހުންގެ ނަންތައް ލިސްޓުން އުނިކޮށް، ލިސްޓުގެ ޞައްޙަކަން ކަށަވަރުކުރުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު