ކުރަފި ޕާޓީގެ މުޒާހަރާގެ ތެރެއިން
ކުރަފި ޕާޓީގެ މުޒާހަރާގެ ތެރެއިން
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚުދުމުޚުތާރު ވެރިކަން ނިމުމަކަށް އަންނަންދެން މަގުމަތީގެ އިހުތިޖާޖުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދަވާނެ ކަމަށް ކޮކްރޯޗް ޖަނަތާ ޕާޓީ (ސީ.ޖޭ.ޕީ) ގެ ބާނީ އަބްޖީތު ޑިޕްކޭ ވިދާޅުވެއްޖެއެވެ.

ފަހުން އޭނާ ހައްޔަރުކުރި ހާދިސާއާ ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން އަބްޖީތު ތުހުމަތުކުރެއްވި ގޮތުގައި، ދިއްލީ ފުލުހުން ވަނީ އޭނާގެ އަސާސީ ހައްގުތަކުން މަހުރޫމުކޮށް، ގާނޫނީ ވަކީލަކާ އަދި އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ.

އަބްޖީތުގެ މަންމަ އަނީތާ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ މި އަމަލުތަކުގެ ސަބަބުން އޭނާގެ މާމަ އަވަހާރަވުމުގެ ކުރިން އެންމެ ފަހު ފަހަރަށް މާމަ ދެކިލުމުގެ ފުރުސަތު އަބްޖީތަށް ގެއްލިގެންދިޔައެވެ. އަދި މިއީ އާއިލާއިން ދުވަހަކުވެސް ހަނދާން ނައްތައިލާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، އޭނާ ހައްޔަރުކުރި ވަގުތުގެ އެއްވެސް އުނިއިތުރެއް ނެތް ފުރިހަމަ ވީޑިއޯ ރެކޯޑިންގ އާންމުކުރުމަށް ފުލުހުންނަށް އޭނާ ވަނީ ގޮންޖައްސަވާފައެވެ.

ހަމައެއާއެކު، އޭނާ ބަންދުކުރި ތަނާއި ބެހެއްޓި ޕޮލިސް ސްޓޭޝަނާ ބެހޭ އެއްވެސް މައުލޫމާތެއް 24 ގަޑިއިރު ވާންދެން އާއިލާއަށާއި ގާނޫނީ ވަކީލުންނަށް ފޯރުކޮށްނުދީ ސިއްރުކޮށްފައިވާ ކަމަށްވެސް އަބްޖީތު ތުހުމަތުކުރެއްވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާމަ ނިޔާވި ހިތާމަވެރި ދަނޑިވަޅުގައިވެސް ފުލުހުންގެ ފަރާތުން ނަފްސާނީ ގޮތުން ދުއްތުރާ ކުރިމަތިވިއެވެ. އަދި އޭނާ ހައްޔަރުކުރުމުގައި އަންހެން ފުލުހުން ބޭނުންކުރީ ފިރިހެން އޮފިސަރުންނަށް އަމާޒުވެދާނެ ތުހުމަތުތަކުން ދިފާއުވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މަހާރާޝްތުރާއިން އޭނާ ބޭރުކޮށްލަފާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލުކުރުމުން، އޭނާ ވަނީ އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ދޭވެންދްރާ ފަޑްނަވިސްއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ރައްދުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް