އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަރުހަބާ ކިޔައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއަކީ ރާއްޖޭގެ ތަރައްޤީގައި ޒަމާންވީ ގާތް ބައިވެރިއެއްކަމަށެވެ. އަދި މިދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރާކަމަށް ކޯލިޝަނުން ބުނެއެވެ.

އިދިކޮޅުގެ ބަޔާނުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް ދެ ޤައުމުގެ ދެމެދުގައި މަޝްވަރާކޮށް ހެޔޮބަދަލުތަކެއް މިދަތުރުފުޅުގެ ސަބަބުން އަންނާނެކަމަށް އުންމީދުކުރާކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ކޯލިޝަނުން އުއްމީދުކުރަނީ ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ކޯވިޑްގެ ސަބަބުން ދިމާވެފައިވާ ހާލަތާއި ގައުމުގެ އިގްތިސޯދު މިހާރު އޮތް ހިސާބުން އަރައިގަތުމަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކުރެއްވި ކަމަށް އުއްމީދުކުރައްވާކަމަށެވެ.

މީގެއިތުރުން ކުރީގެ ރައީސް ޔާމީން ޖަލުގައި ހުންނެވިކަން ފާހަގަކުރައްވައި އިދިކޮޅުން ބުނީ ގާނޫނާއި ޑިމޮކްރެސީގެ ހަމަތައް ހިފަހައްޓައި، ޑިމޮކްރެޓިކް އުސޫލުން ހިންގުމާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށް ގެންދިޔަ ކަމަށް އުއްމީދުކުރާކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ސަރުކާރުން ނަގާފައިވާ ލޯނުތަކާއި އިޤްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކާއެކު ކޮރަޕްޝަންގެ ކަންކަން ހުއްޓުވުމަށް ރަނގަޅު ހަރުދަނާ އުސޫލުތަކެއް ގެންނަޖެހޭކަމަށާއި އަދި ރާއްޖޭގެ އިޤްތިޞާދު ނަގައި ކޮޅަށްޖެހުމަށް އެމެރިކާފަދަ ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށްވެސް ޕީޕީއެމް، ޕީއެންސީގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން