މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އާންމުންނަށް ވަޒީރުންނާ ސުވުލާކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އަހާ" ފޯރަމްގެ ތިން ވަނަ ޕްރޮގްރާމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި މި ފަހަރު ބައިވެެރިވެވަޑަިއގެންނަވާ ވަޒީރުންގެ ތެރޭގައި ހިމެނެނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު އެވެ.

އެ ޕްރޮގްރާމްގައި ސުވާލުކުރަން ބޭނުން ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.



އަހާގެ ފުރަތަމަ ޕްރޮގްރާމް ބޭއްވީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލު ކުރެވޭ ގޮތަށް ދެވަނަ ފޯރަމެއް މިދިޔަ ފެބްރުއަރީ މަހު ބޭއްވި އެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދެއްވުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރިން ވަނީ އިއުލާން ކުރައްވާފައެވެ. ހަމަ އެހެންމެ ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފޯރަމެއް ބާއްވަވާނެކަން އެމަނިކުފާނު މީގެ ކުރިން ވަނީ އިޢުލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން