އަހުމަދު ޔާމިން   15 މާރިޗު 2023 - 8:36
ޙައްޤުގެ ވާހަކަ ޢިލްމީގޮތުން ފުރަތަމަ ދެކެވިފައިވަނީ އިސްލާމީ ޝަރީޢަތުގައެވެ. ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާގެ ހަދީޘްބަސްފުޅު ތަކުގައި މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަންގަވާފައިވެއެވެ. އިސްލާމްދީނުގައި ޙައްޤުތައް ވަނީ ތަފާތުބައިތަކަށް ބައްސަވާފައެވެ.

އެގޮތުން ﷲގެ ޙައްޤުތަކާއި، އާންމު ފަރުދުންގެ ޙައްޤުތަކާއި އަދި މައިންބަފައިނާއި ދަރިންގެ ޙައްޤުތަކުގެ ވާހަކަ އިސްލާމްދީނުގައި އަންގަވާފައިވެއެވެ. އެތަނެއްގެ ޢުރުފާ އާދަކާދަޔާ ދީނީ އިއުތިޤާދަށް ފުށުނާރާ ތަނުގެ ޞުލްހަޔާ މަޞްލަހަތު ރައްކާތެރިކޮށްދޭ މުޖުތަމައުގެ ހަމަޖެހުން ގެނުވައިދޭފަދަ ގޮތަކަށް އެކަށައެޅިފައިވާ ހުރިހާ ޤާނޫނަކަށް ބޯލަބާ ކިޔަމަންވެ އެޤާނޫނު ތަންފީޛު ކުރުމަކީ ފަރުދީ ވާޖިބެކެވެ. އަދި އެމުޖުތަމައުގައި އުޅޭ އެންމެހާ ފަރުދުންގެ ޒިންމާއެކެވެ.

ޤާނޫނީ ނަޒަރިއްޔާތުގައި ސޯޝަލް އިންޓަރެސްޓަކީ މުޖުތަމަޢުގެ ގިނަބައެއްގެ މަސްލަޙަތެވެ. އޭގެތެރޭގައި މީސްތަކުންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުވެފައިވާކަން ޔަޤީންކޮށްދިނުމާއި، މުޖުތަމަޢުގެ އެންމެހައި ތަންތަނާއި ތަކެތި ރައްކާތެރިކޮށް ޙިމާޔަތްކޮށްދިނުމާއި، އެ މުޖުތަމަޢުގެ ޤުދުރަތީ އެންމެހާ ވަސީލަތްތައް ރައްކާތެރިކޮށް ޙިމާޔަތްކުރުން ހިމެނެއެވެ. މި ދެންނެވި އެންމެހާ މަސްލަޙަތުތައް ގުޅިފައިވަނީ ޤާނޫނުގައި ހުރި ބާރުވެރިކަމާއި، ޤާނޫނު ތަންފީޛުކުރުމުގައި ހުރި ކެރިފޯރުންތެރިކަމުގެ މައްޗަށެވެ.

ޤާނޫނީގޮތުން އިލްތިޒާމްތަކާއި، ވާޖިބުތަކާއި ޒިންމާތައް ފަސް ބަޔަކަށް ބަހާލެވެއެވެ. އެއީ އަޚްލާޤީ ވާޖިބުތަކާއި، ދީނީ ވާޖިބުތަކާއި، ޤާނޫނީ ވާޖިބުތަކާއި. ސަޤާފީ ވާޖިބުތަކާއި، އިންސާނީ ވާޖިބުތަކެވެ. މިގޮތުން އިންސާނުންގެ ކިބައިގައި ޤުދުރަތުން ލައްވާފައިވާ އެންމެ ވަރުގަދަ އެއް ބާރަކީ އަޚްލާޤީ ވާޖިބުތައް ނުވަތަ މޯރަލް އޮބްލިގޭޝަންސްއެވެ. އެކަމަކީ ތަބީޢީގޮތުން އިންސާނާއަށް ކަންތައްތަކެއް ދެނެގަތުމަށް އޭނާގެ ޟަމީރު (ކޮންސިއެސް) ގައި ލައްވާފައިވާ ހެޔޮނުބައި ވަކިކޮށް ދަތުމުގެ ބާރެވެ. އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އަނެކުންގެ ޙައްޤުތައް ޙިމާޔަތް ކޮށްދިނުމަކީ އަޚްލާޤީ ވާޖިބެކެވެ. މިއީ ޤާނޫނީ ޒިންމާއެއް ނެތްކަމުގައި ވިޔަސް އެމީހާގެ ޟަމީރު ޤަބޫލު ނުކުރާ ކަންތައްތަކަށް ނޫނެކޭ ބުނުމެވެ.

ދީނީ ވާޖިބުތަކަކީ ވަރަށް ފުޅާ ދާއިރާއެކެވެ. ދޮގުހެދުމާއި، އޮޅުވާލުމަކީ ރިލެޖަސް އޮބްލިގޭޝަންގައި އެކަންކަމުން ދުރުހެލިވުމަށް ބާރުއަޅުއްވާފައިވާ ކަންކަމެވެ. ނަމަވެސް ޤުރުއާނާއި ސުންނަތުގައިވާ ކޮންމެ އަމުރަކީ ޤާނޫނީ އަމުރެއް ނޫނެވެ. މިސާލަކަށް ނަމާދުކުރުމަށް ދީނުގައި ވާޖިބު ކުރައްވާފައި ވީނަމަވެސް ނަމާދުނުކުރާ މީހާގެ މައްޗަށް ޤާނޫނުން އަދަބެއް ކަނޑައެއް ނާޅައެވެ. ޤާނޫނީ ވާޖިބުތަކަކީ ޤާނޫނަކުން ކުރުމަށް އަންގާފައިވާ ކަންތައްތަކެވެ. ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކާއި އެއްގޮތަށް ޢަމަލުކުރުމަކީ އެދެފަރާތުގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްކުރާ އޮބްލިގޭޝަންސް އެކެވެ.

ޒަމާނުއްސުރެ މުޖްތަމަޢުގައި ހިނގަމުންއަންނަ އަދި އެމުޖުތަމަޢުގެ އެންމެންވެސް އެއަށް ޢަމަލުކުރަމުން އަންނަ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ ކަސްޓަމަރީ އޮބްލިގޭޝަންސް ނުވަތަ ޢުރުފީ ވާޖިބުތަކެވެ. ރާއްޖޭގައިނަމަ ޒިޔާރަތްތަކަށް ނަދުރުބުނުމާއި، މާލޫދު ކިޔުންފަދަ އާދަކާދަތަކަކީ މިފަދަ ކަންކަމެވެ. އޮބްލިގޭޝަންސްގެ ތެރޭގައި ހިމެނޭ އިންސާނީ ވާޖިބުގެ މާނައަކީ އެމީހަކަށް ކަނޑައެޅިފައިވާ އިމުގެ ތެރެއިން މަސައްކަތް ކުރުމެވެ. ނުވަތަ ޗާޓުން ބޭރުނުވެ ޤާނޫނުން އިންތިޒާމްކޮށްފައިވާ ހަމަތަކުގެ ތެރެއިން ޢަމަލުކުރުމެވެ. އަދި އަނެކާގެ ޙައްޤަށް އެއްވެސް އުނިކަމެއް ނާންނަގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުމެވެ.

ޤާނޫނީ ގޮތުން ތަންޒީމުކުރާ ގުޅުންތައް މައިގަނޑު ހަތަރު ބަޔަކަށް ބަހާލެވެއެވެ. އޭގެތެރޭގައި ހިމެނެނީ (ޑޮމެސްޓިކް) ގެވެށި ގުޅުމާއި، (ސޯޝަލް) އަވައްޓެރިންގެ ގުޅުމާއި، ދެފަރާތެއްގެ ދެމެދުގައި އޮންނަ ވިޔަފާރީގެ (ކޮމާޝަލް) ގުޅުމާއި، ވެރީންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ޕޮލިޓިކަލް ގުޅުމެވެ.

~ނިމުނީ~


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން