ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެންޓިކޮރަޕްޝަން ކޮމިޝަންގައި އައު ޔުނިޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ފަތުރާ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.

އޭސީސީން މިހެން ބުނެފައިވަނީ، ޕީޕީއެމް ޕީއެންސީގެ ފަރާތުން ކޮމިޝަނުގެ މެންބަރުންނާއި މިއަދު ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގެ ތެރޭގައި "ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާހަގަކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޔުނިޓެއް ހަދަނީކަމަށް" ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވާތީއެވެ.

ނަމަވެސް އެއީ ދޮގު ވާހަކައެއްކަމަށް ބުނެ އޭސީސީން ބުނީ، އެ ކޮމިޝަންގައި ކޮމިއުނިކޭޝަންގެ ކަންކަން މެނޭޖްކުރާ މުވައްޒަފުން ކުރިއްސުރެ މެއިންސްޓްރީމް މީޑިއާތަކާއި، ސޯޝަލް މީޑިއާގައި ހުންނަ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކާއި، ކުރެވޭ ތުހުމަތުތައް ބަލައި މޮނިޓަރކޮށް ހަދާނެކަމަށެވެ.

އަދި އެފަދަ ކަންކަން ފާހަގަ ކުރެވިއްޖެނަމަ ކޮމިޝަންގެ ސަމާލުކަމަށް ގެންނާނެ ކަމަށާއި ކޮމިޝަނުގެ މުވައްޒަފުންވެސް ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ގެންނައިރު، ހާއްސަކޮށް އިންތިހާބުތަކާއި ދިމާކޮށް ފުޅާދާއިރާއެއްގައި އެ މަސައްކަތް ކުރާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

މިހާރުވެސް އަދި ކުރިއަށްއޮތްތަކުގައިވެސް އެގޮތުގައި ކުރިއަށްދާނެކަމަށާއި އެފަދަ ކަންކަން ބެލުމަށް އައު ޔުނިޓެއް ހަދަން އޭސީސީން މަސައްކަތްކުރަނީ ނޫންކަމުގައި ވެސް އޭސީސީއިން ވަނީ ބުނެފައެވެ.

މިއަދުގެ ބައްދަލުވުމުގައި އިދިކޮޅުން ވަނީ މި ސަރުކާރުގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީއާއި ހިއްސާކޮށްފައެވެ. އަދި އެކަންކަމުގައި އޭސީސީން އަޅާނުލާކަމުގެ ކަންބޮޑުވުން އިދިކޮޅުން ވަނީ ފާހަގަ ކޮށްފައެވެ. ހާއްސަކޮށް އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ އެފަރާތްތަކުން ވަނީ އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން