ރައީސް އިބްރާހީމް މުހައްމަދު ސޯލިޙުގެ ވައުދާ އެއްގޮތަށް، އަބަދުވެސް ހެޔޮއަގުގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ ރައިސްގެ ވައުދާއެއްގޮތަށް ވައިގެ ދަތުރު ތަކުގެ އަގު ހެޔޮކުރުމަށްފަހު އެއަގުތައް އަނެއްކާވެސް ބޮޑުވަމުންދާ މައްސަލައިގައި މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރަސް އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިއުވާން ވިދާޅުވީ ދުނިޔޭގެ ތެލުގެ އަގަށް އަންނަ ބަދަލާއިއެކު ދަތުރުފަތުރު ކުރުމުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއްކަމަށާއި، އެގޮތުން ދުނިޔޭގެ ތެލުގެ ބާޒާރަށް މިފަހަކުން އައި އަގުގެ ބަދަލާއިއެކު ވައިގެ ދަތުރު ފަތުރާއި، ކަނޑު ދަތުރުފަތުރާއި، އެއްގަމު ދަތުރުފަތުރަށް އަސަރުކޮށްފައިވާކަމަށެވެ. ނަމަވެސް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ލުއިފަސޭހަ ވާނެހެން، ހެޔޮއަގުގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށް މިއުވާން ވިދާޅުވިއެވެ.

"ދުނިޔޭގެ ތެލުގެ ބާޒާރަށް އެންމެ ފަހުން އަގުތަކަށް މިއައި ބަދަލުތަކާއިއެކު ހަމައެކަނި ވައިގެ ދަތުރުފަތުރު އެކަންޏެއް ނޫން، ކަނޑު ދަތުރުފަތުރުގަވެސް، އެއްގަމު ދަތުރުފަތުރަށްވެސް، ތެލުގެ އަގަށް މިއައި ބަދަލާއިގުޅިގެން އަސަރުތަކެއް މިވަނީ ކޮށްފަ،" މިއުވާން ވިދާޅުވިއެވެ.

މީގެއިތުރުން ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތަކަށް އައި ބަދަލުތަކާއެކު ސަރުކާރުން ތެލަށް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ ވަރަށްވުރެއްވެސް އެތައް ގުނައެއް އިތުރަށް ސަރުކާރުން ޚަރަދުކޮށްފައިވާކަމަށްވެސް މިއުވާން ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ދަތުރުފަތުރު ނިޒާމުގެ އަގުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއްކަމަށް މިއުވާން ވިދާޅުވިއެވެ.

"ތެލަށް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ ވަރަށްވުރެވެސް އެތައް ގުނައެއް އިތުރަށް ދައުލަތުގެ ފަރާތުން ހަރަދުކުރަން މިޖެހުނީ. އެހެން ވީމަ އެ ރިފްލެކްޓް ކުރާނެ ކޮންމެސް ވަރަކަށް. އެހެންނަމަވެސް ހެޔޮއަގުގަ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް،" މިއުވާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން