ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙު އިއުލާންކުރައްވާފައިވާގޮތަށް އަންނަ އަހަރު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްއޮންލައިންގެ ފަރާތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ޓީޗަރުންގެ މުސާރައަށްފަހު ދެން އެންމެ އިސްކަމެއް ދިނުން އޮތީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްކަމަށާއި، އެކަން ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަަށްދާކަމަށެވެ.

މިއުވާން އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނާފައިވާނެކަމަށެވެ. އަދި އަންނަ އަހަރު މިމަސައްކަތް ނިންމުމަށް ކުރަންޖެހޭ ދިރާސާތައް ކުރަމުންދާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

"ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އޮތީ ބަޖެޓު ކުރެވިފަ. ސިއްހީ ދާއިރާގެ އިތުރުން މީގެ ކުރީގަ ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވިގޮތަށް ޓީޗަރުންގެ މުސާރަ ވެސް މިހާރު މިވަނީ ބޮޑު ކުރެވިފަ،" މިއުވާން ވިދާޅުވިއެވެ.

"ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެކަން ހަމަޖެހިގެން ދާނެ. ބަޖެޓު ކުރެވިފަ އޮތީ. އޭގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް މިހާރު ދަނީ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި (ސިއްހީ ދާއިރާގެ މުވައްޒަފުންގެ) މުސާރަ ބޮޑު ކުރެވިގެން ދާނެ." މިއުވާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްްޔާ އިއުލާން ކުރައްވާފައިވާގޮތަށް ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް، ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށައެޅުއްވިއިރު، ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ދައުލަތުން ކުރާހޭދަ މިއަހަރަށް ވުރެ 17.5 އިންސައްތަ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވެއެވެ. އެގޮތުން ބަޖެޓްގައި އެ ދާއިރާއަށް 5.02 ބިލިޔަން ރުފިޔާ ޚާއްސަ ކޮށްފައިވާއިރު މިއީ މިއަހަރާ އަޅާބަލާއިރު 11.7 ޕަސެންޓްގެ އިތުރުވުމެކެވެ. 

މީގެއިތުރުން ބަޖެޓުގައި ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް ކުރާ ހޭދައިގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ޕޭ ހަމަނައިޒޭޝަނަށް ބަޖެޓުގައި 493 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން