ޔޯގާ ހެދުމާއި ކަސްރަތު ކުރުން ހަރާމްކޮށްގެން ސަލާމަތުގެ އައްސޭރިއަށް ނުދެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ހަވީރު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިވެހިންނަކީ މިނިވަންކަމާއި އުފަލުގައި ދިރިއުޅެމުން އައި ބައެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު ނިކުމެ ރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ، ކަސްރަތު ކުރުމަކީ އިސްލާމްދީނާއި ހިލާފު ކަމެއް ކަމަށް ބުނެ ވާހަކަ ދައްކައި، އާންމު ދިރިއުޅުމަށް ބުރޫއަރުވަން މަސައްކަތް ފަށައިފިނަމަ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ގައުމުތައް ހަލާކުގެ އައްސޭރިއަށް ނުދެވި އަދި ބާކީވެ އެކަހެރިވި މަންޒަރު ވެސް ފެނިފައިވާ ކަމަށާއި ރާއްޖެ އެ ހާލަތަށް ދިޔުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުން އެދޭ ރާއްޖެއެއް ހޯދައިދިނުމަކީ އެމްޑީޕީގެ އަބަދުވެސް އަމާޒު ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގައި ވެސް އެ މަގުސަދު ހާސިލުކޮށްދޭނެ ޕާޓީއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމްޑީޕީ." އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ޔޯގާ ހެދުމަކީ އިސްލާމްދީނާއި ޚިލާފު ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ވަނީ ރާއްޖޭގައި ޔޯގާ ހެދުން ހުއްޓުވައި އެކަމަށް ފިޔަވަޅު އަޅައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ. އެހެން ނަމަވެސް ޔޫތް މިނިސްޓްރީން އިންތިޒާމްކޮށްގެން ގަލޮޅު ދަނޑުގައި ދާދިފަހުން ވަނީ ޔޯގާ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެހަރަކާތް ކުރިއަށްދަނިކޮށް އާންމުންގެ ބަޔަކު ވަނީ އެތަނަށް ވަދެ ހަރަކާތަށް ހުރަސް އަޅާފައެވެެ. އެކަމާ ގުޅިގެން ފުލުހުން ގެންދަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް މައްސަލަ ތަހުގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން