ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ރާއްޖޭގައި ހެދުމަށް ނިންމި ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސަށް ޖެހުނީ އަނބޮށްފުޅާ ދަނބޮށްފުޅަށް ޖެހުނު ދަތުރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ފްލޯޓިން ސިޓީ ޕްރޮޖެކްޓު ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދަން ނިންމީ އެމަނިކުފާނުގެ ނަން ހިމެނޭ ޕްރޮޖެކްޓެއް ކުރިއަށްގެންދަން ބޭނުންނުވާތީ ކަމަށް ގަބޫލުކުރެއްވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.


"އަޅުގަނޑު މިހާރު ގަސްތުކުރަނީ ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް މިކަން ހިނގާ މަގު ސާފުކޮށްދީ މި ރާއްޖޭގައި ތިކަން ނުވާނެ ކަމަށް ލަފާ އަރުވަން." އެމްޑީޕީގެ ވަޓްސް އަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެކަމަށް ރައްދު ދެއްވާފައެެވެ. ފައްޔާޒު މިއަދު ވިދާޅުވީ ފްލޯޓިން ސިޓީ ޕްރޮޖެކްޓަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ފްލޯޓިން ސިޓީ ޕްރޮޖެކްޓަށް ދިމާވި ދަތުރަކީ އަނބޮށްފުޅާއި ދަނބޮށްފުޅަށް ޖެހުނު ދަތުރު ކަމަށެވެ.

"އަނބަށްފުޅާއި ދަނބަށްފުޅު ގަހުގައި ތާށިވުމުން، ގަސް ކަނޑާލަނުދިން މާވަޑި. މާވަޑި ފުރޯ ފަންވަރު ބަލާ ނުދިން ކަނބުރު. ކަނބުރު އުނދުން ގިިނި ނިއްވާލަ ނުދިން ވާރޭ. މީދާ ހިފާ މަދުކޮށްދޭން ކެރޭނެހޭ، ބުޅާ ބުނީ ހޭވައްލާ ތައްޔާރޭ. ޑަޗް ޑޮކްލޭންޑްސް އަށް ދިމާވި ދަތުރު." ރައީސް ނަޝީދު ވިދާޅުވި އެވެ.

ފްލޯޓިން ސިޓީއެއް ހެދުމުގެ ވާހަކައަކީ ނަަޝީދުގެ ވެރިކަމުގައި ވަރަށް ބޮޑަށް ދެކެވުނު ވާހަކައެކެވެ. އެކަމަކު އެކަން މަޑުޖެހިފައި އޮންނަތާ އެތައް އަހަރެއް ފަހުން މި އަހަރުގެ ފެބްރުއަރީ މަހުގެ 9 ގައި ފްލޯޓިން ސިޓީ ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމުގައި ޑަޗް ޑޮކްލޭންޑް ކުންފުންޏާ ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއްގައި ހިންގާ މިމަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓު އަޅާގޮތަށް ވަނީ ނިންމާފައެވެ. މިޔުނިޓްތަކަކީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކެއް ކަމަށް މަސައްކަތުގެ ކޮންޓެކްޓަރ މަޢުލޫމާތުދެއެެވެ.

ނަމަވެސް އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވީ ފްލޯޓިންގ ސިޓީ މަޝްރޫއަކީ ބޮޑު ސްކޭމެއް ކަމަށެވެ. އެކަމަށް ދޫކުރި ފަޅުތަކުގެ ތެރެއިން ފަޅުތައް ވިއްކައިގެން މިލިއަން ޑޮލަރުން ލާރި ނަގާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެމީހުންގެ ހުށައެޅުމަކީ ގާނޫނީ ގޮތުން ވެސް ކުރިއަށްދެވޭނެ ގޮތެއް ނޫންކަމަށާއި އެމީހުން އުޅެނީ ފްލޯޓިންގ ސިޓީ އަޅަން ނޫންކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު