ކޯވިޑާއި ގުޅިގެން ރާއްޖެއަށް ދަތުރުނުކުރުމަށް އެމެރިކާއިން އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުން މިގޮތަށް އަންގާފައިމިވަނީ، ކޯވިޑް އެންމެ ނުރައްކާތެރި ހާލަތުގައި އޮތް ގައުމުތަކުގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައިވާ ލިސްޓުގައި ރާއްޖެ ހިމެނުމާއި ގުޅިގެނެވެ.

އެމެރިކާއިން 4 ލިސްޓެއް އެކުލަވާލާފައިވާއިރު އޭގެތެއިން ރާއްޖެ ހިމެނެނީ ކޯވިޑް އެންމެ ގަދަޔަށް ފެތުރޭ ގައުމުތައް ހިމެނޭ ލެވެލް 4ގެ ލިސްޓުގައެވެ. 80 އަށްވުރެ ގިނަ ގައުމު ހިމެނޭ މި ލިސްޓުގައި މި ސަރަހައްދުގެ ގައުމުތަކުން ހިމެނެނީވެސް ރާއްޖެ އެކަންޏެވެ. އިންޑިއާއާއި ސްރީލަންކާ މި ލިސްޓުގައި ނެތެވެ.

ލެވެލް 4 ގެ ގައުމުތައް ނުވަތަ ރާއްޖެ ހިމެނޭ ލިސްޓުގެ ގައުމުތަކަށް ޒިޔާރަތްނުކުރުމަށް އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ މިހާރު އަންގާފައެވެ. އަދި ދަތުރުކުރާކަމަށްވާނަމަ ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ވަނީ އަންގާފައެވެ.

ލެވެލް 4 ގެ ގައުމަކުން ދަތުރުކުރާ ފަރާތްތަކުން އެމެރިކާއަށް ދިޔުމަށް ފަހު ތިން ދުވަހާ ފަސް ދުވަސް ތެރޭގައި ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެއެވެ. އަދި ވެކްސިންގެ ޑޯޒް ފުރިހަމަ ކޮށްފައިނުވާ ދަތުރުވެރިން ހަތް ދުވަސް ވަންދެން ގޭގައި ކަރަންޓީނު ވާން ޖެހޭނެއެވެ.

އައު އުސޫލުތަކުގެ ދަށުން އެމެރިކާއަށް އެތެރެވާނަމަ، ވެކްސިން ޖަހާފައިވާ ފަރާތްތަކުން 3 ދުވަސް ނުވާ ޕީސީއާރު ޓެސްޓެއް ހުށަހަޅަންޖެހެއެވެ. އަދި ވެކްސިން ނުޖަހާނަމަ 24 ގަޑިއިރު ކުރިން ޕީސީއާރު ޓެސްޓެއް ހަދަންޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން