ޞާދިރު ޢަލީދީދީ   13 ޖުލައި 2021 - 9:57
ބޯގަންވިލާ
ބޯގަންވިލާ
29 ވަނަ ބައި
................

"ސޯބިރާ؟" އެތެރެއިން ނުހުޅުވޭގޮތަށް ތަޅުގައި އެއްއަތުން ހިފަހައްޓައިގެންހުރެ ފުވާދު މަޑުމަޑުން ސޯބިރާއަށް ގޮވާލިއެވެ. ސޯބިރާ ހުރީ އާގަމަވެފައިވާ ގޮތަކަށް ސީދާ ފުވާދުގެ ލޮލަށް ބަލަހައްޓައިގެންނެވެ.

"ފުވާދު....ދޮރުމަތީގައި ތިހުންނަނީ އަހަރެން ވަދެފާނެތީތަ؟" ސޯބިރާއަށް ހީވަނީ ފުވާދުގެ ލޯތެރެއިން އެއްޗެއް ފެންނަނީހެނެވެ.
"ނޫނޭ....އަދި މިރޭ ސޯބިރާއަށްވެސް މިކޮޓަރިއަށް ވަދެވޭނެ....އެކަމަކު ކުޑައިރުކޮޅެއް ފަހުން...." ފުވާދު ސޯބިރާގެ އަތުގައި ހިފައިގެން ކާގެއާ ދިމާއަށް ހިނގައިގެންފިއެވެ. ހަމައެއާއެކު ފުވާދުގެ ކޮޓަރި ހުޅުވާފައި އަންހެނަކު ނުކުތެވެ. އޭނާ ނުކުމެ ދެކޮޅު ހޯދާ ބަލާލަމުން ހިނގައިގަތީ އެގެއިން ނުކުންނާށެވެ. އޭރު މަޑުޖެހިލާ ފުވާދު ހުރީ އެމަންޒަރު ބަލާށެވެ. ސޯބިރާ ހުރީ ކާކޮޓަރީގައެވެ.

ލަފާކުރެވޭ ގޮތުން އެވަގުތު އެގެއިން ނުކުމެގެންދިޔަ މީހާ ފެނުނު ނަމަވެސް ސޯބިރާ ހުރީ އިތުރު މީހަކާ ދޭތެރޭ ވިސްނޭފަދަ ހާލެއްގައެއް ނޫނެވެ. އޭނާގެ ސިކުނޑި ހީވަނީ އެމީހަކު ބޭނުންވާ ގޮތަށް އަތުރާލާފައިވާހެނެވެ.
"ސޯބިރާ އާދޭ ކޮޓަރިއަށް ކުރިން ކޮޓަރިތެރޭ ހުރި އަންހެންމީހާ އާދެ ނާސިރާ ނުކުމެގެން ދިއުމާއެކު ފުވާދު ގޮސް ސޯބިރާގެ އަތުގައި ހިފިއެވެ. ސޯބިރާ ނުހަނު ލަދުވެތި ނަޒަރަކުން ފުވާދަށް ބަލައިލަމުން ހިނިތުންވެލިއެވެ.

"ލަދުގެންފަތަ؟ ކޮޓަރިއަށް ވަދެ ހަމަޖެހިލީމާ ލަދުވެތިކަމުގެ ފަރުދާ ކަޝްފުވެދާނެ." ފުވާދު ސޯބިރާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
"މިކޮޓަރިއަށް ވަންނަ ކޮންމެ އަންހެން ކުއްޖަކުވެސް އެނބުރި ގެއަށްދާނީ ވަރަށް ހިތްހަމަޖެހިގެން." ފުވާދު ސޯބިރާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި އިށީނެވެ.

އެރޭ ފާއިތުވެދިޔައީ ސޯބިރާގެ ހަޔާތުގައި ފިލައިގެން ނުދާނެފަދަ ލައްގަނޑެއް ޖެހުމަށްފަހުއެވެ. ނަމަވެސް އެރޭ ސޯބިރާ އެފަދަ އެއްވެސް ކަމަކާ ދޭތެރެއަކު ނުވިސްނައެވެ.
"އަހަރެން ބޭނުންވަނީ ދާއިމަށް ފުވާދުގެ ހަޔާތަށް އަންނަން...." ސޯބިރާ ފުވާދުގެ މޭގައި ބޯއަޅައިގެން އޮވެ ބުންޏެވެ. ނަމަވެސް އެއީ ފަހަރެއްގައިވެސް ފުވާދު އެދޭ ކަމެއް ނޫނެވެ. އެރޭ ލިބުނު އަރާމާއި ހިތްހަމަޖެހުމަށްފަހު ފުވާދު ސޯބިރާއާ ދިމާއަށް އެނިޔަތުގައި ބަލައިލާކަށްވެސް ބޭނުމެއް ނޫނެވެ.

"އަހަންނަށް ފުދޭވަރުވެއްޖެ....ދެން ބޭނުންވަނީ އޭނާގެ ކިބައިން ސަލާމަތްވާން....." ފުވާދަށް ހިތާހިތާ ކިޔާލެވުނެވެ. އޭނާ ކަންތައް ކުރީވެސް އެހެންނެވެ. މިފަހަރުވެސް އޭނާ ބޭނުންކުރީ ސޯބިރާ ކާމިޔު ކުރުމަށްވެސް އޭނާ ބޭނުންކުރި ހަތިޔާރެވެ.

ފެންޑާގައި ހުރި އަދަރާދަ ގޮނޑިއެއްގައި ދަތްދޮޅީ ދެއަތް ވިއްދައިގެން އިނދެ ސާރާ ވިސްނަމުން އެދަނީވެސް އޭނާގެ ދަރިފުޅުގެ މުސްތަޤްބަލާ ދޭތެރޭގައެވެ. އޭނާ އިންތިޒާރު ކުރެއެވެ. އެދަރިފުޅު ރަނގަޅުވާނެ ދުވަހަކަށެވެ.

އެހެންކަމުން އަމީނަށް ނާންގާވެސް އޭނާ ބޭނުންވަނީ ކޮންމެވެސް ފަންޑިތަ ހަދާ މީހެއްގެ ކައިރިންވެސް ފަރުވާއެއް ހޯދާށެވެ. އަމީނަށް އެނގިގެން އެކަން ނުކުރެވޭނެކަން އޭނާއަށް ޔަގީންވެއެވެ. މީގެކުރިން ދެތިންފަހަރު ސާރާ އަމީނު ގާތު އެދަރިފުޅަށް ފަންޑިތަވެރިއެއްގެ ފަރުވާ ހޯދުމަށް މަޝްވަރާ ކުރިއެވެ. ނަމަވެސް ދަރިފުޅު ނުދަންނަ މީހުންނަށް ދެއްކުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެ ކޮންމެ ފަހަރަކުވެސް އޭނާ އެވާހަކަ އޮއްބާލައެވެ.

"އަމީނަށް ނާންގާވެސް އަހަރެން ބޭނުން އެސޮރު ފަންޑިތަވެރިއަކަށް ދައްކަން." ސާރާ ވާހަކަ ދެއްކީ އޭނާގެ މަންމައާއެވެ. މަންމަވެސް ލަފާދިނީ އެގޮތަށެވެ. އެހެންކަމުން އޭނާ ގަސްދުކުރީ ފަންޑިތަވެރިއެއްގެ ފަރުވާއިން އެސޮރަށް ޝިފާއެއް ލިބޭތޯ މަސައްކަތް ކުރާށެވެ.
"ދެރައީ ފަންޑިތަވެރިއަކަށް ދައްކަން އަމީނު ބޭނުންނުވާކަން....އަހަރެން އެކަހަލަ ވާހަކައެއް ދެއްކިޔަސް އޭނާ ރުޅިއާދޭ...." ސާރާ މަންމައަށް ކިޔައިދިނެވެ.
"އެއީ ކީއްވެޔޯ؟" ހުސްނާއަށް އަހާލެވުނެވެ.

"ދަރިފުޅު އެސިފައިގައިވާތީ އޭނާ ލަދުގަންނަނީ ތޯއްޗެ." ސާރާ ބުންޏެވެ.
"ހުންނާނެ މަންމަ ދަންނަ ނިކަން ކުޅަދާނަ ފަންޑިތަ ހަދާ މީހަކު...." ހުސްނާ ވިސްނާލިއެވެ.
"އަމީނު ގޭގައި ނޫޅޭ ވަގުތެއް ބަލާފައި ތިބުނާ މީހަކު ގެންނަންވީނު." ސާރާ އެދުނެވެ. ތޮއްޔިބާއި އަމީނު އެކުގައި އައިސްވަނީ އެވަގުތުއެވެ. އެހާހިސާބުން ސާރާމެން މައުޟޫވެސް ބަދަލުކޮށްލިއެވެ.

"މަންމާ....." އަމީނު އެތެރެއަށް ވަންނަމުން މައިދައިތައަށް ގޮވާލިއެވެ. އެއަށްފަހު ސާރާއަށް ގޮވާފައި ކާންހަދާށޭ ބުނެފައި އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ތޮއްޔިބުވެސް ގޮސްވަނެވެ.

"މަންމަ މާދަމާ ހެނދުނު މުރީދުބޭ ގޮވައިގެން އަންނަނާން. އޭނާ ބުނާއެއްޗެހި ވަރަށް ދިމާވޭ...." ދަނީއޭ ބުނެފައި ހުސްނާ ހިނގައިގެންފިއެވެ.
"އަޅެ....މަންމަވެސް ކައިގެން ދާން މަޑުކުރަންވީނު...." މަންމަ ހިނގައިގަތުމުން ސާރާ އެދުނެވެ. ނަމަވެސް މިހާރު މާލަސްވެއްޖެއޭ ބުނެފައި ހުސްނާ ނުކުތެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. މިހާރު ތޮއްޔިބުމެން އޮފީސްތެރޭ އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ސޯބިރާގެ މިސްރާބު ބަދަލުވި ވާހަކައާއި އޭނާގެ ނަޒަރު ފުވާދަށް ހުއްޓުނު ވާހަކައެވެ.
"މިހާރު ފުވާދުގެ ފަހަތުން ނުނެއްޓިގެން އުޅެނީ....ބައެއްފަހަރަށް ހީވޭ ބައްޔެންހެންވެސް....މިހާރު ޔަގީންވެއްޖެ އެއްނު އޭނާ އަހަރެން ދެކެވެސް ލޯތްބެއް ނޫންކަންވީކީ." ތޮއްޔިބު ވާހަކަ ދެއްކީ އަމީނުއާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ އަމީނީ މަގުގައި ހުރި ކެފެޓޭރިއާއެއްގެ ތެރޭގައެވެ.

"އަސްލު ވަރަށް މަޖާކަމެއްދޯ؟" ހިނިވެސް އާދޭ މިހާރު ސޯބިރާ އުޅޭގޮތުން...." އަމީނު ހީގަތެވެ.
"ދެން ތިވާހަކަ ހުއްޓާލަބަލަ. އަމީނު ގަސްދެއް ނުކުރަންތަ ދަރިފުޅު ރަނގަޅުވޭތޯ ރާއްޖެއިން ބޭރަށް ނަމަވެސް ގެންދަން...." ތޮއްޔިބު މައުޟޫއު ބަދަލުކުރިއެވެ.
"ރަނގަޅު ކުރެވޭނެތަ؟" ދަރިފުޅުގެ ގައިމަތީ އަޅާފައި އޮތް ފޮތިގަނޑު ނަގައި މުރީދުބެ (ފަންޑިތަ ހަދާ މީހާ) އަށް ދައްކާލަމުން ސާރާ އެއްސެވެ.

ކުއްޖާ ފެނުމާއެކު މުރީދުބެގެ ދެލޯ ހައިރާންކަމާއެކު ހުޅުވި ބިރުގެންފައި ފަހަތަށް ޖެހިލެވުނެވެ. ބުނާނެ އެއްޗެއް ނޭނގިފައިވެސް އިރުކޮޅެއް ވަންދެން އޭނާއަށް ހުރެވުނެވެ.
"މިއީތަ ހަމަ ސާރާވިހޭ ދަރިއަކީ؟" ގަބޫލުކުރަން ދަތިވެފައި މުރީދުބެއަށް އަހާލެވުނެވެ. ސާރާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި އަނެއްކާވެސް ދަރިފުޅުގެ ގައިމަތީގައި ފޮތިގަނޑު އަޅައިފިއެވެ. މުރީދުބެ ފިސާރި ރަނގަޅަށް އެދަރިފުޅާ ދޭތެރޭ ވިސްނާލިއެވެ.
"އަހަރެން ގެއަށް ގޮސްލާފައި އައިސް ތަވީދެއް ލިޔެދޭނަން." މުރީދުބެ ހީވަނީ ބިރުގެންފައި ހުރިހެންނެވެ. ވެދާނެއެވެ. އޭނާއަށް އެދަރިފުޅާ ދޭތެރޭ ޝައްކު ކުރެވުނީއެވެ.

"އަޅެ....މުރީދުބޭ....ރަނގަޅު ކުރެވޭނެތަ؟" ސާރާގެ ހިތް އަވަސްވިއެވެ. އޭނާ ބޭނުންވަނީ މުރީދުބޭގެ ކިބައިން އޭނާ ހިތްހަމަޖެހޭފަދަ ޖަވާބެއް ލިބުމަށެވެ. އެހެންމެ އަމީނު ގެއަށް އައުމުގެ ކުރިން އޭނާ (މުރީދުބެ) ގެއަށް ފޮނުވާލުމަށްވެސް ނިކަން ބޭނުންވިއެވެ.
"މިވަގުތު ތިކުއްޖާއާ ދޭތެރޭ އެއްޗެއް ބުނަން ވަރަށް ދަތި...." އަހަރެން އަންނާނަން ފަހުން...." މުރީދުބެ އަނެއްކާވެސް ފޮތިގަނޑު ހިއްލައި އެކުއްޖާއަށް ބަލައިލިއެވެ. އިހަށްދަނީއޭ ބުނެފައި އޭނާ ނިކަން ބާރަށް އެގެއިން ނުކުމެއްޖެއެވެ. ހީވަނީ އޭނާއަށް އެކުއްޖާއާ ދޭތެރޭ ކުރެވުނު ހީތަކުގެ ސަބަބުން އޭނާ ބިރުގަތީކަމަށެވެ. އޭނާ ބޭނުންވަނީ ފާލުން އެކުއްޖާއާ ދޭތެރޭ ދައްކާގޮތް ދެނެގަންނާށެވެ.

މުރީދުބެ އެގެއިން ނުކުމެ ވަށައިގެން ހޯދާ ބަލާލިއެވެ. އޭނާގެ ފަހަތުން މީހަކު އަންނަކަމުގެ އިޙްސާސް ކުރެވިގެންނެވެ. އެހެންކަމުން އިރުކޮޅެއް ވަންދެން މަގުމަތީގައި ހުއްޓި ހުރުމަށްފަހު އެހެންދިޔަ ޓެކްސީއަކަށް އަތް ހޫރުވައި ޓެކްސީ މަޑުކުރުވިއެވެ. އޭރުވެސް އޭނާއާ ދާދިގާތުގައި މީހަކު ހުރިކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. އަތުގައި މީހަކު ހިފެހެއްޓިހެންވެސް ހީވިއެވެ. ވީގޮތް ވިސްނޭތީ އޭނާ ވަރަށް ބިރުގެންފިއެވެ. ބަލާކަށް ނުހުރެ އޭނާ ޓެކްސީއަށް އަރައިފިއެވެ. އެއާއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ. އެވަގުތު ކާރު ކުރިމައްޗަށް މީހަކު ފާޅުވިތަން މުރީދުބެއަށް ފެނިއްޖެއެވެ. އޭނާވެސް ކާރާ އެއްވަރަށް ދުވަމުން ދެއެވެ. ޑްރައިވަރަށް އެމީހަކު ނުފެންނާނެކަން އެނގޭތީ މުރީދުބެ ހުރީއެވެ. ބިރުން ވިރިވިރިއެވެ.

"މަޑުކުރޭ...ކަލޯއަކަށް ނުފެނޭދޯ ކުރިމަތިން އެހެރަދާ މީހާ...." މުރީދުބެއަށް މިހެން ބުނެވުނު ވަގުތު ކުރިމަތިން ދުވަމުންދިޔަ މީހާގެ ސިފަ ބަދަލުވެއްޖެއެވެ. ބިރުވެރި ސިފަޔަކަށެވެ.
"ކުރިމަތިން މީހަކު އެބަދޭތަ؟ ބޭބެއަށް ކިހިނެއްތަ ތިވަނީ؟" މުރީދުބެއަށްވާގޮތްތައް ބަލަން އިނދެފައި ޑްރައިވަރު ބުންޏެވެ.

"ކާރުގެ ކުރިމަތީގައި އެހުރީނު...ނުފެނޭތަ؟" މުރީދުބެ ބިރުން ތުރުތުރު އަޅަން ފަށައިފިއެވެ. ބިރުވެރި ސިފައިގައިވާ އެތި ޑްރައިވަރަށް ފެނުނީ އެވަގުތުއެވެ. ހަޅޭއްލަވައިގަނެވުމާއެކު އޭނާ ކާރު މަޑުކުރިއެވެ. އެއާއެކު އެބިރުވެރި އެތި ގެއްލުނެވެ.

"ދެން އަވަހަށް ދުއްވާލާ...." ބިރުގެންފައި ހުރި މުރީދުބޭ ބުންޏެވެ. ޑްރައިވަރު ފުން ނޭވާއެއްލުމަށްފަހު ކާރު ޖެހިގެން އޮތް ގޯޅި އަޅައިފިއެވެ. މިފަހަރު އޭނާ ދުއްވީ ކުރިއަށްވުރެން ބާރަށެވެ.

ދެވަނަފަހަރަށް އޭތި ފާޅުވީ މުރީދުބޭގެ ގެއާ ވަރަށް ކައިރިއަށް ދެވުނުފަހުންނެވެ. މިފަހަރު ފެނުނީ ބިރުވެރި އެއްޗެއް ނޫނެވެ. އެއީ ނުރައްކާތެރި ފާރެކެވެ. އެފާރުބުރި ހުރީ ސީދާ އެމީހުން ދުއްވަމުން އައި މަގު ހުރަސްކޮށެވެ. އެފާރު ފެނުނީ ވަރަށް ކައިރިވީފަހުން ކަމުން ޑްރައިވަރަށް ކާރު ކޮންޓްރޯލް ކުރާނެ ވަގުތެއް ނުލިބުމާއެކު ކާރު އެބާރުމިނުގައި ގޮސް ފާރުގައި ޖެހިއްޖެއެވެ. ޖެހުނުލެއް ބާރުކަމުން ކާރުގެ ބިއްލޫރިތައް ތަޅައިގެން ދިއުމުގެ އިތުރުން ކާރު އޮތީވެސް އެކޮޅުކޮޅުން ޖެހިފައެވެ. އިސާހިތަކު ކާރުތެރޭން ފޫދިގެން އައި ލޭތައް ކާރުގެ ވަށައިގެން ފެތުރިއްޖެއެވެ.

އެތަނަށް މީހުން ޖަމާވިއިރު އެފާރެއްވެސް ނެތެވެ. މީހުންނަށް ފެނުނީ ފުނޑުފުނޑުވެފައި އޮތް ކާރުތެރޭ ލެއިން ކަޅިވެފައި އޮތް ޑްރައިވަރާއި މުރީދުބެއެވެ. ދެމީހުންގެވެސް ފުރާނަހުރި ކަމަކަށް ނުބެލެވެއެވެ.
މުރީދުބެގެ މަރުގެ ޚަބަރު ސާރާއަށް ލިބުނީ ޓީ.ވީގެ ޒަރިއްޔާއިންނެވެ. އެއީ އެރޭގެ އަށެއްގެ ޚަބަރުގެ އެންމެ ފުރަތަމަ ސުރުޚީއެވެ.
"މުރީދުބެ މަރުވީ؟" ސާރާއަށް ގަބޫލުކުރަން ދަތިވިއެވެ. އޭރު އޭނާގެ ގާތުގައި އަމީނުވެސް އިނެވެ.

"ސާރާ ދަންނަ މީހެއްތަ އެއީ؟" ސާރާއަށް ވީގޮތް ފެނިފައި އަމީނު އެއްސެވެ. ސާރާ ބޯޖަހާލިއެވެ. އޭނާހުރީ ވަރަށް ދެރަވެފައެވެ.
"މިއިން ދުވަހަކުވެސް އެހާ ނުރައްކާތެރި އެކްސިޑެންޓެއް އެނޫނިއްޔާ ނުވޭދޯ" އެއްމިޔަކަނުން ހީލަމުން ގޮސް ކޮޓަރިއަށް ވަނެވެ. ފަހަތުން ސާރާވެސް އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

"އަމީނު...މިދަރިފުޅަކީ ބަލިކުއްޖަކަސް މިކުއްޖާއަށްވެސް ނަމެއް ކިޔަން ވާނެއެއްނު." ދަރިފުޅު އޮތް އެނދު ކަރިއަށް ހުއްޓެމުން ސާރާ ބުންޏެވެ. އަމީނު އެނދުގައި އޮށޯތެވެ.
"ހަތްދުވަހު ކީ ނަން ރަނގަޅެއް ނޫންތަ؟" އަމީނު އެއްސެވެ.

"އަހްމަދު ކިޔަންވީމާ އަހަންނަށް ތަންކޮޅެއް ހަރީ...އަހްމަދު ނޫން އެހެން ނަމެއް ބުނެބަލަ." ސާރާ އެދުނެވެ. އަމީނު ވިސްނާލިއެވެ.
"އަސާލް.....ކިޔާ...." އަމީން ވިސްނާލާފައި އޭނާއާވެސް ގުޅޭ ނަމެއް ބުންޏެވެ. އެނަން ސާރާއަށްވެސް ވަރަށް ކަމުދިޔައެވެ. އެހެންކަމުން އެވަގުތަށްފަހު ސާރާ އެދަރިފުޅަށް އަސާލްގެ ނަމުން މުޚާޠަބު ކުރަން ފަށައިފިއެވެ.

ސޯބިރާ މޭނުބައި ކުރަނީއެވެ. ހޮޑުވެސް ލެވެނީއެވެ. އެއީ މީގެކުރިން ދުވަހަކުވެސް އޭނާއަށް ވަމުން އައި ގޮތްތަކެއް ނޫނެވެ. އެހެންކަމުން އޭނާ ބިރުވެސް ގަނެއްޖެއެވެ. މަޑުމަޑުން ބަނޑާ ދިމާއަށް ގުދުވެ ބަލައިލެވިއްޖެއެވެ. އޭނާއަށް ޝައްކު ކުރެވުނީކީ ނޫނެވެ.
"އަހަންނަކަށް ނޭނގެ މިވާގޮތެއް. މޭނުބައިކޮށްފާ ހޮޑުލަވަނީ....ވަރުބަލިވެސްވަނީ....ނުދެވޭނެ މިއަދަކު އޮފީހަކަށް." ސޯބިރާ ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ޒޫނާއާއެވެ. ޒޫނާއަކީ އޭނާގެ ޙަޔާތުގައި ދިމާވާ ހުރިހާކަމެއްވެސް ޙިއްސާކުރާ ރަޙްމަތްތެރިއެކެވެ. މިހާރު އޭނާގެ ޙާލަތުވެސް އެންމެ ރަނގަޅަށް އެނގޭނެ މީހަކީ....ޒޫނާއެވެ.

"ސޯބިރާ....ޑޮކްޓަރަކަށް ދައްކަންވީނު....އަހަންނަށް ހިވަނީ އެއްކަލަރޭގެ ކަންތައް ލައިގަނެގެންހެން ތިޔައުޅެނީ." ޒޫނާ ލަފާކޮށްލިއެވެ. އެއީ ސޯބިރާއަށްވެސް ހީކުރެވޭގޮތެވެ. އެހެންކަމުން މިހާރު އޭނާ އެހުންނަނީ އިންތިހާއަށް ބިރުގެންފައެވެ.
"އަހަންނަށް ލާހިކެއް ނޫން ޑޮކްޓަރަކަށް ދައްކާކަށް....އަހަންނަށްވެސް ހީވަނީ...ޕީރިއަޑް ދުވަސް ފާއިތުވެދިޔަތާވެސް ކިތަންމެ ދުވަހެއް." ސޯބިރާ ބަނޑުގައި އަތް ކާއްތާލިއެވެ.


******************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 113 އިން 116 ށެވެ.

ކިޔުންތެރިންގެ ހިޔާލު