ދައުލަތުގެ އެކި މަގާމު ތަކުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް މަހުން މަހަށް ބަރާބަރަށް އަސާސީ މުސާރަ ލިބެމުން ދިޔަ ކަމުގައި ވިޔަސްވެސް ޕްރައިވެޓް ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުލިބި ލަސްވުމާއި އަދި ހަމަ މުސާރަ ނުލިބޭ ކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. އަދި ހަމަ މިހާލަތުގައި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވަމުން އަންނަކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެނެވެ.

މީގެ އެންމެ ނޭދެވޭ އަސަރު ކުރަނީ ރަށްފުށުގައި ދިރިއުޅޭ ރައްޔިތުންނަށެވެ. އަނބި ދަރިން ދޫކޮށް މާލެއާއި އަދި އެހެނިހެން ސަރަހައްދު ތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން އުޅޭ ހާލާއިމެދު ވިސްނާނެ ބަޔަކު ނެތެވެ. ހަމަ މުސާރަ ނުލިބޭ އިރު ލިބޭ މުސާރަ ކޮޅުވެސް މިލިބެނީ އެހާ ލަހުންނެވެ. މީގެ ސަބަބުން ލޯބިވާ އާއިއިލާއަށް ކެއިންބުއިމުގެ ކަންކަން ބަރާބަރަށް މަހުންމަހަށް ހަމަޖައްސައިދިނުމަށް މިހާރު މިހާރު ވަނީ ނުކުޅެދިފައެވެ. ލިބޭ ލާރިކޮޅު ހިފައިގެން ފިހާރަޔަކަށް ވަދެ ޒަރޫރީ ބޭނުންތަކަށް ނޫނީ ބަނޑުފުރާނެ މުއްތިކުރާން ބޭނުންވާ ސާމަނު ކޮޅުވެސް ގަނެނުލެވެއެވެ.

ކުރީގައި 10 ވަރަކަށް ހާސް ރުފިޔާއިން ދެކޮޅު ޖައްސަމުން އަންނަ އާއިލާއަކަށް މިހާރު މިލިބެނީ 5 ވަރަކަށް ހާސް ރުފިޔާއެވެ. އެފައިސާކޮޅަށް ބަރޯސާވާ ހަތްވަރަކަށް މީހުން ގޭގައި ތިބެއެވެ. އެހެނަސް އެލިބޭ ފައިސާކޮޅުން ކާއެތިކޮޅުވެސް ގަނެލެވޭ ވަރު ނުވެއެވެ. އެންމެ ބޮޑު ސަބަބަކީ އިންތިހާއަށް ތަކެތީގެއަގު ބޮޑު ވުމެވެ. ޚާއްސަކޮށް ކާބޯތަކެތީގެ އަގުތައް ކޮންމެ ދުވަހަކު އަންނަނީ ބަދަލު ވަމުންނެވެ. ހަމަ އެކަނި ސަރުކާރުން އަގު ކޮންޓްރޯލުކޮށްފައިވާ ހަނޑޫ، ހަކުރު އަދި ފުށުން އެކަނި ފުއްދާ ނުލެވޭނެކަން އެންމެނަށްވެސް އެނގެއެވެ.

ލައިގެންކާ އެއްޗެއް ހޯދުމަށް ބަލާއިރު މަހުގެ އަގު ދުވަހުން ދުވަހަށް އަންނަނީ އުފެލެމުންނެވެ. އަލުއި އަދި ފިޔާގެ އަގުވެސް އުޅެނީ އެކި ދުވަހު އެކި އަގުގައެވެ. އަދި އެކި ފިހާރަ ތަކުގައި ލިބެން ހުންނަނީ ތަފާތު އަގުތަކު ގައެވެ. ކިރުގެ އަގަށްވެސް ބަދަލެއް ނައިސް އެއްވަރެއްގައި ހުރި ނަމަވެސް ލިބޭމުސާރައުކުން ކިރުދަޅެއް ގަނެލާނެ ވަރެއް ނުވެއެވެ. ތަރުކާރީ އާއި މޭވާ ކާން ޑޮކްޑަރު ބުންޏަސް އެ ސާމާނު ގަންނާކަށް ފައިސާއެއް ނެތެވެ. ފެންވަރާ ތާހިރުވެލަން އަދި އަންނައުނު ދޮވެލަން ބޭނުންވާ ސާމާނުކޮޅުވެސް ގަނެ ނުލެވެއެވެ.

މިހުރިހާ ކަމެއް ލައިގަނެގެން މިއައީ ކޮވިޑް-19 ގެ ސަބަބުންނެވެ. ކޮވިޑަކީ ނުރައްކާބޮޑު ބައްޔަކެވެ. ނަމަވެސް ނުކައިވެސް ނުތިބެވޭނެއެވެ. އަދި ޒަރޫރީ ބޭނުންތައް ނުފުއްދާވެސް ނުތިބެވޭނެއެވެ. ސަރުކާރުން ބަލިކޮންޓްރޯލް ކުރުމަށް އެތަކެއް މަސައްކަތެއް ކޮށް، އެހީގެ ގޮތުގައި ސަރުކާރަށް ލިބުނު އެތައްހާސް މިލިއަން ރުފިޔާއެއް ހުސްވެ ސަރުކާރުގެ ރައުސުލްމާލުގެ ބޮޑުބައެއް އެކަމަށް ޚަރަދު ވެފައިވާ ކަމަށް މުޢައްސަސާ ތަކުން ނެރޭ މަޢުލޫމާތު ތަކުން ހާމަ ވެއެވެ. ނަމަވެސް ރައްޔިތުންގެ ކެއިން ބުއިމުގެ ކަންކަން އަގުހެޔޮކޮށް އެކަން ހަމަމަގަށް އަޅުވަން އެއްވެސް މުއައްސަސާއަކުން މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ. މުޅިންވެސް ބަލި ކޮންޓްރޯލް ކުރުމަށް ހަރު ކަށި ފިޔަވަޅު އެޅުންނޫން ކަމެއް ކުރާތަނެއް ނުފެނެއެވެ.

ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް މިހާރު ބައިވަރު ފައިސާ ބޭނުންވާ އިރު އެފައިސާ ލިބޭނެ ދޮރުތައް ވަނީ ބަންދު ވެފައެވެ. ހަމަ އެއާއިއެކު ތަކެތީގެ އަގު ދަނީ އުފުލެމުންނެވެ. މިހާލަތުގައި ސަރުކާރުން ކާބޯތަކެތި ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރައެވެ. ނަމަވެސް އެކަމާއި އަދި ސަރުކާރު އޮތީ ހަނެވެ. ވިޔަފާރި ވެރިންނަށް ލިބޭ ފައިދާ ކުޑަ ވެދާނެތީ ކަންނޭނގެއެވެ. ނޫނީ އެމީހުން ބަނގުރޫޓްވާނެތީ ވެސް ކަންނޭނގެއެވެ. ނުވަތަ ނުފޫޒު ގަދަ ވިޔަފާރިވެރިންނަށް ބިރުންނެވެ. ނަމަވެސް ނިކަމެތި ރައްޔިތު މީހާ އެއްދުވަހުން އަނެއްދުވަހަށް އަންނަނީ ނިކަމެތިވެ މާޔޫސް ވަމުންނެވެ.

ސަރުކާރުގެ ވެރިކަމުގެ މުއްދަތު ހަމަވެ، ވޯޓު ނަގާހިސާބަށް އައުމުން ރައްޔިތުން މަތިން ހުރިހާ އެންމެން ހަނދާން ވެއެވެ. އޭރު ރައްޔިތުންނަށް ނުކޮށްދޭކަ ކަމެއް ނޯވެއެވެ. ނަމަވެސް ވޯޓު ކާމިޔާބުވާ ހިސާބުން ރައްޔިތުންނަށްވުރެ ބޮޑަށް މިފެންނަނީ އެހެން ފަރާތްތަކެވެ. ނަމަވެސް ރައްޔިތުންނަށް ވިސްނައި މިދެނީ އެންމެ ބާރުގަދައީ ރައްޔިތުން ކަމަށެވެ. އެކަމަކު ރައްޔިތުން މިތިބެންޖެހެނީ ބަނޑަށް ކުޅުޖަހައިގެންނެވެ.

ރަށްޔިތުން ބާރުގަދަޔަސް ރައްޔިތުން ބަކަ ތަޅަނީއެވެ. އަނގަޔާ އަތާ ދިމާނުވެއެވެ. ލިބޭ އާމްދަނީއަކުން ދެކޮޅު ނުޖެހެއެވެ. ދެން މިޖެހެނީ ލޭންދޭނަށް މީހެއްގެ އަތުން ނަގާށެވެ. ފައިސާ ލިބޭ ތަނަވަސް މީހުންގެ ފައިބުޑަށް ސަލާން ޖަހަން ޖެހޭ ހާލު މިއޮތީ ކުރިމަތި ވެފައެވެ. އަޅުންގެ ގޮތުގައި އުޅެންޖެހޭ ހިސާބަށް ދަނީއެވެ. ޢިލްމު ވެރިންވެސް ސިޔާސީ ފިކުރު ޕްރޮމޯޓު ކުރަން މަޖުބޫރު ވަނީ އެވެ. ދީނީ ބޭފުޅުންވެސް އެކަކު އަނެކަކަށް ވާދަކުރަނީ ސިޔާސީ މަންފާ ހޯދުމަށެވެ. މީގެ ދެރަކަމާއި ނިކަމެތިކަން މިފޯރަނީ ނިކަމެތި ރައްޔިތު މީހާއަށެވެ.

ސިޔާސީ ބޭފުޅުން ބޭނުންވާނީ އަބަދުވެސް ރައްޔިތުން ސަލާން ޖަހާ ހާލުގައި ބައިތިއްބާށެވެ. އެއީ އެމީހުންގެ ސިޔާސީ ކުރިމަގު އުޖާލާ ކުރުމަށެވެ. އިޚްލާސްތެރި ވެރިޔަކު ނެތެވެ. ރައްޔިތުން ބިކަވެ ނިކަމެތި ވެގެންދާއިރުވެސް އެވާހަކަ ދެއްކުމެއް ނެތެވެ. ތަކެތީގެ އަގު ހެޔޮކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފޯރުކޮށްދިނުމަށް މަސައްކަތެއް ކުރާނެ އެއްވެސް ބަޔަކު ނެތެވެ. މަށާ މަށާއެވެ. ކަލެޔާ ކަލެޔާއެވެ. ކޮންމެ ގޮތެއް ވިޔަސް ހެވެވެ.


ކިޔުންތެރިންގެ ހިޔާލު


14

ނަމްޒާ

27-Jun-2021

އާނ ލިބޭ އެއްޗަކުން އެއްގޮތަކަށްވެސް ދެކޮޅުނުޖެހޭ. މަވެސް އުޅެނީ އައިކެއާ ޖޮބެއްގަ. ވަރަށް ކުޑަކުޑަ ސެލެރީއެއް ލިބެނީ



ޓްރެންޑިން