އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހިގެން ރިޕޯޓްކުރި އެމެރިކާގެ އާބާދީގެ ގިނަބަޔަކު ކޮވިޑް ވެކްސިން ޖެހުމުން ބޭނުންނެތި ބާކީވެފައިވާ ވެކްސިންތައް އެހީގެގޮތުގައި މުޅިދުނިޔެއަށް ފޯރުކޮށްދިނުމަށް އެގައުމުގެ ސަރުކާރުން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިކަން އިއުލާންކޮށްދެއްވާފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެވެ. މިގޮތުން ދުނިޔޭގެ އެއްވެސް ގައުމަކަށް ނުދީ، އަދި ސިއްހަތު ޖަމިއްޔާގެ ވެކްސިން ޕްރޮގްރާމަށް ވެސް ނުދީ ވެކްސިން ސްޓޮކް ނަގައިގެން ބޭނުން ވަރަކަށް ޖަހާފައި ބާކީ ހުރި 25 މިލިއަން ޑޯޒުގެ ކޮވިޑް ވެކްސިންގެ ތެރެއިން 75 އިންސައްތަ ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް އެހީގެގޮތުގައި އެކިގައުމުތަކަށް ފޮނުވުމަށް ނިންމަވާފައިވާކަމަށް ޖޯ ބައިޑެން ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީއަށް ފޯރުކޮށްދޭ މި 19 މިލިއަން ޑޯޒުގެ ކޮވިޑް ވެކްސިނުގެ ހަ މިލިއަން ދެކުނު އެމެރިކާ އަދި ސެންޓްރަލް އެމެރިކާއަށް ދިނުމަށް ހަމަޖެހިފައިވާއިރު، އޭޝިޔާގެ ގައުމުތަކަށް 7 މިލިއަން އަދި އެފްރިކާގެ ގައުމުތަކަށް 5 މިލިއަން ޑޯޒުގެ ކޮވިޑް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގައުމުތަކަށް ވެކްސިން ބަހާނީ އެގައުމެއްގެ އާބާދީގެ ނިސްބަތުންނެވެ.

"ވެކްސިން ފޯރުކޮށްދެވޭނީ އެއްވެސް އަގެއް ނުނަގައި. ވެކްސިން ފޯރުކޮަށްދިނުމުގެ މައިގަނޑު މަގްސަދަކީ ފުރާނަ ސަލާމަތް ކުރުން. އަދި މިބަލިމަޑުކަން ނައްތާލުމަށް މުޅި ދުނިޔެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުން." ޖޯ ބައިޑެން ވިދާޅުވިއެވެ.

ބޭނުންކޮށް ބާކީވެފައިވާ ކޮވިޑް ވެކްސިނުގެ ޖުމްލަ 80 މިލިއަން ޑޯޒު، އެމެރިކާއިން ދުނިޔޭގެ އެކިގައުމުތަކަށް ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް އެމެރިކާގެ ވައިޓް ހައުސް އިން ހާމަކޮށްފައިވެއެވެ. މީގެ ތެރެއިން ގިނަ ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށެވެ. ނަމަވެސް މިވެކްސިން ސްޓޮކުގެ 25 އިންސައްތަ އެމެރިކާގައި ކުއްލި ހާލަތުގައި ބޭނުން ކުރުމަށާއި، ގާތް އެކުވެރި ގައުމުތަކަށް ހާއްސަ ކުރެވިފައިވާ ކަމަށްވެސް އެމެރިކާގެ ވައިޓް ހައުސް އިން ވަނީ ހާމަކޮށްފައެވެ.

އެމެރިކާއިން ކޮވިޑް ވެކްސިން އެހީގެ ގޮތުގައި ފޯރުކޮށްދިނުމުގެ ޕްލޭން ހިއްސާކޮށްފައިވާއިރު، އެމެރިކާގައި ކޮވިޑް ވެކްސިނަށް އޮތް ޑިމާންޑު ވަނީ ވަރަށް ކުޑަވެފައެވެ. އެމެރިކާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އާބާދީގެ 60 އިންސައްތަ އަށްވުރެއް ގިނަ މީހުން ވަނީ ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒު ފުރިހަަމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން