ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް، ކުރީގެ ރައީސް (އެމްޑީޕީގެ ރައީސް) ރައީސް މުޙައްމަދު ނަޝީދަށް،

ވަރަށް ހެއު ދުޢާ ސަލާމާއި އިހުތިރަމާއި އެކުގައި ލިޔަމެވެ.

ޓާޓާ ފްލެޓް ތަކަކީ މަނިކުފާނުގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ބިނާ ކޮށްފައިވާ ފްލެޓް ތަކެކެވެ. އަޅުގަނޑަކީވެސް ދިގު އިންތިޒާރަކަށްފަހު މި މަޝްރޫޢުގެ ދަށުން އެޅި ފްލެޓް ތަކުގެ ތެރެއިން ފްލެޓެއް އުސޫލާއި އެއްގޮތަށް ޝަރުތު ހަމަވެގެން ލިބުނު މީހެކެވެ. މިއަދު އަޅުގަނޑު މަނިކުފާނުގެ ސަމާލު ކަމަށް ގެނެވޭތޯ ބަލަން މި މަސައްކަތް ކުރަނީ މި ފްލެޓް ތަކާއި ބެހޭ ވަރަށް ހައްސާސް މައްސަލަ ތަކެއްގެ ވާހަކައެވެ. މިހާތަނަށް އައި އެއްވެސް ސަރުކާރަކުން އަޑު އަހާފައި ނުވާ އެއްވެސް މަޖިލީހަކުން ބައްލަވައި ސަމާލުކަން ދީފައިނުވާ ވަރަށް ނާޒުކު އަދި ގިނަ ރައްޔިތުން ތަކެއްގެ އިހުސާސް ތަކާއި ހައްގުތަކާއި ގުޅިފައިވާ މައްސަލައެއްގެ ވާހަކައެވެ.


ޓާޓާ ފްލެޓްގެ ތާރީޚަކީ މަނިކުފާނަށް އާ ތާރީޚަކަށް ނުވަތަ އާ ވާހަކަ ތަކަކަށް ނުވާނެއެވެ. ފަހަރެއްގައި މިހާރު މަޖިލީހުގައި ތިއްބެވި ޅަ ކުދިންނަށް މިކަން ނޭނގިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ސީދާ އަޅުގަނޑުގެ މަގުޞަދަށް ދިއުމުގެ ކުރިން ޓާޓާ ފްލެޓާއި ބެހޭ ކުޑަކުޑަ ތާރީޚީ މައުލޫމާތު ކޮޅެއް ހިއްސާ ކޮށްލުމުގެ އިޒުނަ ދެއްވާށެވެ.


ޓާޓާ ފްލެޓް މަޝްރޫޢަކީ ކުރީން ދެންނެވިހެން ރައީސް ނަޝީދުގެ ސަރުކާރުން ފެއްޓެވި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލޭގައި ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. ޓާޓާ ފްލެޓް މިކިޔަނީ ކުރީގެ ޢަރަބިއްޔާ ސްކޫލް ހުރި ބިމާއި ގާކޮށި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓް ތަކަށެވެ. ގަބޫލުކުރެވޭ ގޮތުގައި މި އިމާރާތަކީ އިޖުތިމާޢީ ބޯހިޔާވަހި ކަމުގެ ތަންކޮޅެއް މަތީ ކެޓަގަރީއަކަށް ފައްތައިގެން ހިންގި މަޝްރޫޢެކެވެ. އެހެންވީމާ ކުރިންވެސް ހީކުރެވިފައި އޮތީ އާންމުކޮށް މި އިމާރާތްކުރާ ސޯޝަލް ހައުސިންގ ނުވަތަ އިޖުތިމާޢީ ބޯހިޔާވަހި ކަމުގެ އިމާރާތްތަކަށް ވުރެ ނުވަތަ ފްލެޓް ތަކަށްވުރެ މި ފްލެޓްތަކުގެ ފެންވަރު ތަންކޮޅެއް ރަނގަޅު ވާނެކަމަށެވެ.


ކޮންމެއަކަސް މިދެންނެވި ޓާޓާ ފްލެޓް ތަކުގެ މަސައްކަތް ފެށި ވަކި ހިސާބަކަށް މަސައްކަތް ގޮސްފައި ހުއްޓާ މަސައްކަތް ހުއްޓުނީއެވެ. ދެން އެހެން އެކަން އޮއްވާ ރައީސް ނަޝީދުގެ ވެރިކަންވެސް އެނިމުނު ގޮތަކަށް ދައުރު ހަމަ ނުވަނީސް ނިމުނީއެވެ. ދެން އައި ސަރުކާރުން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާން މަސައްކަތް ކުރިއިރު ނޫސްތަކުން ފެނުނު ޚަބަރުތަކުން މިކަމުގައި ކޮންމެވެސް ހިސާބަކުން ގޯސްތަކެއް ހުރިކަންވެސް އެނގުނެވެ. އޭގެ ތެރޭގައި ތިން ހަތަރު ކުންފުންޏަކަށް މަސައްކަތް ބަދަލު ކުރުމާއި ބަދަލުގައި ވިޔަފާރި އުސޫލުން ލާޖައްސާފައިވާ ދެ ބިމަކާއި ފަޅުރަށެއްގެ މައްސަލަވެސް ފެންމަތިވިއެވެ. އަދި މި މަޝްރޫޢާއި ގުޅިގެން ކުރެވުނު މުއާމަލާތްތަކެއްގައި ފަހުން މިމަސައްކަތާއި ހަވާލުވި ކުންފުނީގެ ހިއްސާވާ ދެ ދިވެއްސަކު ވެގެން 16 މިލިއަން ޑޮލަރެއް "އެއްކަލަ ގޮތަށް ދިރުވާލައްވާފައިވާ" ކަމުގެ ވާހަކަ ތަކެއް ވެސް މިދެންނެވި ލިޔުންތަކުން ފެނުނެވެ.


ދެން މިމަޝްރޫޢުގެ މަސައްކަތް ހުއްޓިފައި، ކުރިއަށް ނުގޮސް ހުންނަތާ އެތައް ދުވަހެއް ފަހުން އޭރުގެ ހައުސިންގ މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ޖަނާ ކިޔާ ބޭފުޅަކާއެކު ޑީލެއް ހައްދަވައިގެން އިމާރާތުގެ މަސައްކަތް އަލުން ފެށިއެވެ. އެނގިފައިވާ ގޮތުގައި ފަހުން މި މަޝްރޫޢުގެ އާރްކާޓީއަކަށް ވީ މިދެންނެވި ޖަނާއެވެ. އަޑުއިވޭ ގޮތުގައި ޖަނާއަކީ މިފަދަ ޑީލް ހައްދަވަން ވަރަށް ކުޅަދާނަ ވެސް ބޭފުޅެކެވެ. ދެން މިއިމަރާތާއި އޭނާ ހަވާލުވެ ކުރިއަށް ގެނދިއުމުގައި އިމިގްރޭޝަންގެ ތެރެއިން އެތައް ހާސް ބިދޭސީންގެ ކޯޓާގެ ވިޔަފާރި ކުރެއްވި ކަމުގެ ވާހަކައަކާއި އެ ވިޔާފާރީގައި ބައި އެޅުނު އެތަނުގެ ވެރިއަކަށް ހުންނެވި އަންވަރަށް މި ފްލެޓްތަކުގެ ކޮމާޝަލް ބައިން ބައިއެޅުނު ކަމާއި މިދެންނެވި ތަންތަން އޭނާ ބޮޑު އަގުގައި ވިޔަފާރި ތަކަށް ކުއްޔަށް ދީގެން ލައްކަ ފައިދާ ނަގަމުންދާ ވާހަކައެއް ވެސް އަޑު އިވުނެވެ.





ދެން މި ފްލެޓް ތަކަށް އިންތިޒާރު ކުރާތާ ހަތަރު ފަސް އަހަރެއް ފަހުން ޝަރުތު ހަމަވި މީހުންނަށް ފްލެޓް ހަވާލުވެސް ކޮށްފިއެވެ. ނަމަވެސް މިހާ ހިސާބަށް ދިޔައިރު އެއްކަލަ ފްލެޓް ލިބިގެން އުފަލުން ދަތްމައްޗަށް ތުންނާރާފައި ތިބި އަޅުގަނޑުމެން ކަހަލަ މީހުން މާޔޫސްވާން ފަށައިފިއެވެ. ވީ ގޮތަކީ ފްލެޓް ތަކުގެ ފައިސާގެ ބައެއް އިމާރާތް ކުރި ފަރާތަށް ނުދައްކައި އޮތީމާ އެފައިސާ ދައްކާން ވެގެން ކޮންމެވެސް ބޭންކަކުން ލޯނެއް ނަގަން ވެގެން ނޫނީ ފައިނޭސްންސިންގ ހަމަޖައްސާން ވެގެންނޭ ކިޔާފައި ފްލެޓް ލިބުނު މީހުން އެއްފަހަރާ އަގު ދައްކަން ސަރުކާރުން ނިންމީއެވެ. ދެން ދެތިން ހަތަރު ސިޓީއަކުން ތިން ހަތަރު ގޮތަކަށް މި ޕޭމެންޓްގެ މައްސަލައިގައި ގޮތް ނިންމައި ފްލެޓް ލިބުނު ފަރާތްތަކާ ހިއްސާ ކުރިއެވެ.


ދެން މިހާހިސާބުން އެންގީ މިފައިސާ އެބުނާ ގޮތަށް ދައްކާން އެއްބަސްވާ ފަރާތްތަކަށް ނޫނީ ފްލެޓް ނުލިބޭނެ ވާހަކައެވެ. ދެން ހުޅުވައިދިނީ ދެ ދޮރެކެވެ. އެއް ދޮރަކީ ވަތް ދޮރުން ނުކުމެ ފްލެޓް ދޫކޮށްލުމެވެ. އަނެއް ގޮތަކީ ކޮންމެވެސް ގޮތަކުން ފައިސާ ހޯދައިގެން އެބުނާ ގޮތަކަށް ފައިސާ ދެއްކުމެވެ.

ދެން މިދެންނެވި ފައިސާ ނުލިބުނު މީހުން ކުރާނެ ކަމެއް ނެތި މާތްކަނލާނގެއާ ވަކީލު ކޮށްފައި ފްލެޓް ދޫކޮށްލީއެވެ. ދެން ބައެއް މީހުން ދުއްވައިގަތީ ބޭންކް ތަކުން ބޮޑު އިންޓްރަސްޓްގައި ލޯނު ހޯދުމަށެވެ. މިދެންނެވި އިންޓަރެސްޓާއެކު ލޯނު ނެގީނާ ވިހި އަހަރު ނިމޭއިރު އޭގެ ދެ ފްލެޓް ގަންނަ އަގު އަތުން ދެއެވެ. މަހަކު 17 ހާސް ވަރަކަށް ރުފިޔާ ބޭންކަށް ދައްކަން ޖެހެއެވެ. ބޭންކުން ލޯނު ދެނީ ވަކި ވަރަކަށް އާމްދަނީ ލިބޭ ފަރާތްތަކަށެވެ. ޑައުން ޕޭމަންޓް ވިހި އިންސައްތަ ހަމަޖެއްސޭ ފަރާތްތަކަށެވެ. ޕެންޝަން ފަންޑުގައި ހުރި ލާރިކޮޅުގެ ގެރެންޓީއާއެކު ކުޑަ ލުއެއްވެސް ލިބުނެވެ. އަދި ފަހުން މީހުންގެ ޚިޔާލު ބަދަލުވެ ތަން ދޫކޮށްލިފަހުން ސަރުކާރުން ގެރެންޓީ ދީގެން ތަންކޮޅެއް ކުޑަ އިންޓަރެސްޓަކާއެކު ލޯނު ލިބޭ ގޮތް ވިއެވެ. ނަމަވެސް އޭރު އެއްކަލަ ބޮޑު އިންޓަރެސްޓްގައި ލޯނު ނަގައިގެން މަހުން މަހަށް ބޮޑު އަގު ބޭންކަށް ދައްކަމުން ދިޔަ މީހުން ހަމަ އެގޮތުގައި ޖެހުނީ ތިބޭށެވެ.


ދެން މިދެންނެވި ޓާޓާ ފްލެޓްގެ އަސްލު މައްސަލައަށް ޖެހިލާނަމެވެ. މިތަނުގެ އަސްލު އެންމެ ބޮޑު މައްސަލައަކީ އަދި އަގެއް ވެސް ނޫނެވެ. އެކި މީހުންނަށް އެކި ގޮތަށް ފައިސާ ދެއްކޭ ގޮތަށް ކަންކަން މެދުވެރި ވުމެއް ވެސް ނޫނެވެ. މިތަނުގެ އަސްލު މައްސަލަ ފެންމަތިވީ ފްލެޓަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިގެން އެތަނާ ހަވާލުވެ. ތަނަށް ވަތް މީހުންނަށެވެ.


މިދެންނެވި ފްލެޓްތަކަކީ ތިން ކޮޓަރީގެ ފްލެޓް ތަކެކެވެ. ގާތްގަނޑަކަށް ނުވަސަތޭކައެއްހާ އަކަފޫޓު ހުރެއެވެ. ދެ ފާޚާނާއެވެ. އެޓޭޗް ހުންނަނީ އެންމެ ފާޚާނާއެކެވެ. މައްސަލައަކީ އަދި މިއީ އެއްވެސް ނޫނެވެ. ތަނުގެ އަގަކީ ދެމިލިއަނެވެ. އާންމު ބޭންކް ރޭޓުން އެންމެ ކުޑަކޮށް ލޯނު ލިބުނީ 9 ޕަސެންޓްގައެވެ. ފަހުން ސަރުކާރުން ގެރެންޓީ ދީގެން މަދު ބަޔަކަށް އެއަށްވުރެ ކުޑަ ޕަސެންޓެއްގައި ލޯނު ލިބުނު ކަމަށްވެސް ވެއެވެ. މިދެންނެވި އާންމު ރޭޓްގައި ލޯނު ލިބުނު މީހުން ލޯނު ދައްކާ ނިމޭއިރު ފްލެޓްގެ އަގު ހަތަރު މިލިއަން ރުފިޔާއަށް އަރައެވެ. ދެން މާލޭގައި އެހެރަ މޮޅަށް އިމާރާތްކޮށް ހަދާފައި ހުރި ރެހެންދި ފްލެޓްތަކުގެ ތެރެއިން އިމާރާތް ނިމުމުގެ ކުރިން އަގު ދެއްކި މީހުންނަށް ދެ މިލިއަނަށް ނޫނީ އެއަށްވުރެ ތަންކޮޅެއް ބޮޑުކޮށް ފްލެޓް ވިއްކިއެވެ.





ޓާޓާ ފްލެޓް ތަކުގެ އެންމެ ބޮޑު މައްސަލައަކީ ތަނުގެ ފެންވަރެވެ. ފަހުން މިދެންނެވި ޑީލްގެ ދަށުން ނުވަތަ އެއްކަލަ ޖަނާއާއި ހައުސިންގ މިނިސްޓަރުގެ ޑީލްގެ ދަށުން ކަންވެސް ނޭނގެއެވެ. ތަން ނިމި ހަވާލުވި އިރުވެސް އެއީ އިންސާނުން އުޅެން ކަމުދާ ތަނެއް ނޫނެވެ. ބޭރުން ފެންނަލެއް ރީއްޗެވެ. ކުލަ ލައި ދިއްލާލީމާ ފޯޓޯއަށް ވަރަށް ރީއްޗެވެ. ބޭރުން ފެންނަލެއް ވަރަށް ނަލަވެފައި ވަރަށް އަގުބޮޑު އިމާރާތެއްހެން ވެސް ހީވެއެވެ. އަސްލު ތަނުގެ ފެންވަރު އެނގުނީ އެތެރެއަށް ވަދެ ބަލާލީމައެވެ. މި ފްލެޓްތަކުގައި ޖަހާފައި ހުރީ ހަތް ދިހައިގެ އަހަރު ތަކުގައި ވެސް މީހަކު ބޭނުން ނުކުރާނެހާ ފެންވަރު ދެރަ އެންމެ އާދައިގެ ޓައިލްސް އެވެ. ފާޚާނާގައި ހުރީ ވެސް އެންމެ އާދައިގެ، މިޒަމާނުގައި ގޮނޑުން ވެސް މީހަކު ނުނަގާ ފެންވަރުގެ ސާމާނެވެ. ފާޚާނާގައި ފެންހަރުލާތީ ކޮންމެ ފަހަރަކު ފެންވަރާ ނިމިގެން ޖެހެނީ ފެންހިއްކާށެވެ. ކުޑަ ކިޗަން ކަބަޑް ސެޓެއް ހުއްޓެވެ. ދެން ހަމަ ހަތަރު ފާރެވެ. ފްލެޓް އިމާރާތެއްގައި ބަޔަކު ދިރިއުޅޭން ފުރިހަމަ ވާން ޖެހޭ އެއްވެސް ކަމެއް މިޒަމާނާ އެއްގޮތަށް ކޮށްފައެއް ނެތެވެ.


ދެން މަގުމައްޗަށް ހުރި ބިއްލޫރި ކުޑަދޮރުތަކުގެ ނިކަމެތިކަމުން ފެނުނަސް ބިރުން ހަލާކުވެއެވެ. ބެލްކަންޏަށް ވެސް ބިރުން ނުކުންނާކަށް ހަމަ ލާހިކެއް ނޫނެވެ. ދެން ވަތްތާ އަހަރު ނުވަނީސް ދޮރުތަކުގެ ބިއްލޫރިތައް ކުދިކުދި ވެގެން ފައިބާން ފަށައިފިއެވެ. މިހާރު ދެން ވައިކޮޅެއް ޖެހިލައިފިއްޔާ ވެސް ތިބެންޖެހެނީ މިދެންނެވި ބިއްލޫރިތައް ކުދިކުދިވެގެން ފައިބާތީ ބިރުންނެވެ. ވައިކޮޅެއް ނުޖެހުނަސް އަވި ނުދިނަސް ކޮންމެ ހަފުތާއަކުން މަހަކުން އެހިސާބުގަނޑު ވަށައިގެން މަގު ބަންދުކޮށްގެން އުޅެން ޖެހެއެވެ. ހަމަގައިމުވެސް މާލޭ ގްރޭންޑް ހުރީ މިހާލުގައެވެ. ގާކޮށީ ފްލެޓް ލިބުނު ފަރާތްތަކުން ވެސް ހަމަ މިދެންނެވި ޝަކުވާތައް ކޮންމެ ދުވަހަކު މިހާރު މި ފްލެޓްތައް ބަލަހައްޓާ އެޗްޑީސީއަށް ކުރަމުން ދެއެވެ.

އިއްޒަތްތެރި ރައީސް އެވެ. މިއީ ހަމަ އަމާބުނީތީ ފަރަށްދާ ގޮތަށް ހަދާފައި ހުރި ފްލެޓް ތަކެކެވެ. މިއީ ކަނޑައެޅިގެން ބަޔަކަށް ދީފައި ހުރި ބޮޑު ގެއްލުމެކެވެ. މިހާރު މިތަންތަން އެހެރީ ބޭނުން ނުކުރެވޭ ހާލަތުގައެވެ. ބޭނުން ކުރިޔަސް ދެން ބޭނުން ކުރަނީ އެހެން ގޮތެއް ނެތިގެންނެވެ. ބޮލުގައި ބޮޑު ލޯނެކެވެ. ތަން މިހާރު އެހެރީ ބޮލަށް ވެއްޓިފައެވެ. ދިހަ އަހަރު ވެސް މިތަން ބޮލަށް ނުވެއްޓި ހުންނާނެއެކޭ ދަންނަވާކަށް ނުކެރޭނެއެވެ. ތަން ހުރީ އެހާވެސް ދެރަ ނިކަމެތި ހާލުގައެވެ.

ކޮންމެ މަހަކު އާމްދަނީއަށް، މުސާރައަށް ލިބޭ ލާރިކޮޅު ދައްކަން ޖެހެނީ ބޭންކަށެވެ. ހަމަ މާލޭގައި ވިޔަފާރި އުސޫލުން ކުއްޔަށްދޭ އިމާރާތް ތަކެކޭ ދާދި އެއް އަގެކެވެ. ދެން ނުވިތާކަށް ކޮންމެ މަހަކު އެޗްޑީސީއަށް މެއިންޓަނަންސް ފީ ދައްކަން ޖެހެއެވެ. ތަންހުރީ މެއިންޓަނަންސް ކުރާ ހާލަށްވުރެ މާ ހާލު ދެރަކޮށެވެ. އިހަށް ޖެހޭނީ މުޅި އިމާރާތަކީ މީހުން ދިރިއުޅެން އެކަށީގެންވާ އިމާރާތަކަށް ހަދާށެވެ. އެއަށްފަހު ފްލެޓްތައް ވެސް އަލުން ހަދާށެވެ. ނޫނީ އާބާތުރަ ފިލުވާށެވެ. އެކަން ނުކޮށް މެއިންޓަނަންސް ފީ ނެގުމަކީ ހަމަ ވަރަށް ބޮޑު ބޭއިންސާފެކެވެ.

ކޮންމެއަކަސް އެތަނަކީ ކުޑަކުޑަ މެއިންޓަނަންސް އަކުން ރަނގަޅު ކޮށްލެވޭނެ ތަނެއް ނޫންކަން އެޗްޑީސީ ވެސް އެއްބަސްވެއެވެ. ގަބޫލުކުރެއެވެ. އަދި މަނިކުފާނު މިކަން ބައްލަވައިފި ނަމަވެސް އެކަން ކަށަވަރުވާނެއެވެ.

މިސަބަބު ތަކާހުރެ މިތަނަކީ އަޅުގަނޑުމެންނަށް ވެސް އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށްވެސް ދިރިއުޅެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ތަނަކަށް ވާތީ އަޅުގަނޑުފަދަ ވަރަށް ގިނަ މީހުން މިހާރު ބޭނުން ވަނީ ޓާޓާ ފްލެޓްގެ ބަދަލުގައި މި ނޫން ތަނަކުން މިނޫން ކުޑަ ހޭދައެއް ކޮށްގެން ފްލެޓެއް ލިބުމެވެ. ނޫނީ މުޅިތަން އަލުން މަރާމާތުކޮށް މީހުން ދިރިއުޅޭ ފެންވަރުގެ ތަނަހަށް ތަން ހަދައި ދިނުމެވެ. އަޅުގަނޑު ހަމަގައިމުވެސް ބޭނުންވަނީ މިނޫން ތަނަކުން ފްލެޓެއް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިތަން ދޫކޮށްލުމެވެ.

މަނިކުފާނުވެސް މިތަނަށް ވަޑައިގެން ނޫނީ ކަމާބެހޭ ރަނގަޅު މާހިރުން ލައްވާ މިތަނުގެ އެސެސްމެންޓެއް، ދިރާސާއެއް ކޮށްފިއްޔާ އަޅުގަނޑު މިދަންނަވާ އެއްޗެއް މަނިކުފާނު ވެސް ގަބޫލުފުޅު ކުރަށްވާނެކަން ކަށަވަރެވެ.

މަނިކުފާނެވެ. ޓާޓާ ފްލެޓަކީ މަނިކުފާނުގެ ވެސް މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ އިމާރާތެކެވެ. އަދި އެއަށްވުރެ ބޮޑަށް މިއީ މާލޭގެ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ވަރަށް ގިނަ ބައެއްގެ ހައްގުތަކާއި ގުޅިފައިވާ ކަމެކެވެ. ވީމާ އަޅުގަނޑުގެ އެދުމަކީ ޓާޓާ ފްލެޓްގެ މިދެންނެވި މައްސަލަތައް ރަނގަޅަށް ބައްލަވައި މިކަމަށް ރަނގަޅު، އިންސާފުވެރި ހައްލެއް ވަރަށް އަވަހަށް ހޯއްދަވައި ދެއްވުމެވެ.

(މިސިޓީ އަކީ މި ނޫހުގެ ކިއުންތެރިއަކު ނޫހުގައި ޝާއިޢު ކުރުމަށް ފޮނުއްވާފައިވާ ސިޓީއެކެވެ. މިސިޓީ މި ޝާއިޢު ކުރަނީ އެއްވެސް އުނިއިތުރެއް ނެތިއެވެ. ފޮނުވި ފަރާތުގެ އެދިވަޑައިގެންނެވުމުގެ މަތީން ނަން ޝާއިޢުކުރަން ބޭނުން ނުވާތީ ޝާއިޢުކޮށްފައި މިވަނީ ފޮނުވި ފަތާތުގެ ނަން ނުހިމަނައެވެ.)

ކިޔުންތެރިންގެ ހިޔާލު


0

ނިކަމެތިން

24-Nov-2020

ޖަނާ މެން މާ މުއްސަނދި މަހުޖަނުންނަށްވެގެން އިތާފުށި ރިސޯޓު އެހިންގަނީ އެއްކަލަ ނިކަމެތި ރައްޔިތުމީހާ އަދިވެސް ހަމަ އެހާލުގަ...


0

މިންހާ

24-Nov-2020

އަދި އިތުރުކޮށްލާ ވާރޭވެހޭ މޫސުމްތަކުގައި ގިނަފްލެޓްތަކެއް ފެންބޮޑުވޭ. އާއިލާގެ 3ނޫނީ 4މީހުން ލޯނަށް ޒިންމާވެގެން ލޯން ހަމަޖެހުނީ. މިލޯން ނެގި މީހުނަށް ބޭންކްތަކުން ލުއި ލޯން ނުދޭ އަދި ސްކީމްތަކުން ތަކެތި ނަގަން ޝަރުތު ހަމަނުވޭ..ބޮޑުކަމެއްޖެހުނަސް ލޯނެއް ނުލިބޭ..


0

މިންހާ

24-Nov-2020

އަދި އިތުރުކޮށްލާ ވާރޭވެހޭ މޫސުމްތަކުގައި ގިނަފްލެޓްތަކެއް ފެންބޮޑުވޭ. އާއިލާގެ 3ނޫނީ 4މީހުން ލޯނަށް ޒިންމާވެގެން ލޯން ހަމަޖެހުނީ. މިލޯން ނެގި މީހުނަށް ބޭންކްތަކުން ލުއި ލޯން ނުދޭ އަދި ސްކީމްތަކުން ތަކެތި ނަގަން ޝަރުތު ހަމަނުވޭ..ބޮޑުކަމެއްޖެހުނަސް ލޯނެއް ނުލިބޭ..


0

މުހައްމަދު

24-Nov-2020

މި ސިޓާ ކިޔާލުމުން އަޅުގަނޑައް ވިސްނުނީ އިންސާނުންނަކީ ދުވަހަކުވެސް ހިތް ފުރޭނެ ބައެއް ނޫންކަން. އަދި ދުވަހަކުވެސް މިންވަރަށް އީމާންވާނެ ބައެއް ނޫންކަން.