ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން އެ މެންބަރުންގެ މަގާމުގެ ހުވާ ނުކުރައްވަނީސް ޕާޓީއަކަށް ވަނުމުން ނުވަތަ ޕާޓީ ބަދަލުކުރުމަކުން އިންތިހާބުވެފައިވާ ގޮނޑި ނުގެއްލޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުންވަނީ ސަރުކާރުގެ ތާއީދާއެކު ބައެއް އަމިއްލަ ކެންޑިޑޭޓުން ނެރެފައެވެ. އެގޮތުން ސަރުކާރުން ތާއީދުކުރި މިނިވަން 6 ކެންޑިޑޭޓަކު ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު އެ ބޭފުޅުން މިއަދު ވަނީ ވެރިކަންކުރާ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ.

އެއާއިއެކު ބައެއް ފަރާތްތަކުން ދަނީ އެންމެފަހުން ފާސްކުރި އެންޓިޑިފެކްޝަން ގާނޫނުގެ ދަށުން އެ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ބުނަމުންނެވެ.

އެކަމާ ގުޅޭގޮތުން ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އެއްވެސް މެންބަރެއްގެ މައްޗަށް އެންޓިޑިފެކްޝަން ގާނޫނު އަދި ނުހިނގާނެ ކަމަށެވެ. ސަބަބަކީ އެ ގާނޫނު ހިނގާނީ މެންބަރަކު ހުވާކޮށް، ދައުރު ފަށާ ދުވަހުން ފެށިގެން ކަމަށް ވުމާއި ގާނޫނުގައި އޮންނަނީވެސް މެންބަރެއްގެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމުގެ ވާހަކައާއި، މިނިވަން މެންބަރުން ސިޔާސީ ޕާޓީއާއި ގުޅުމުގެ ވާހަކަ ކަމަށް ވާތީކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޒަކަރިއްޔާގެ އިތުރުން، އެ ކޮމިޝަންގެ ކުރީގެ މެންބަރު އިސްމާޢީލް ހަބީބު ވެސް ވަނީ އޭނާ އެކަމުގައި ދެކިވަޑައިގަންނަވާ ގޮތް ވިދާޅުވެދެއްވާފައެވެ. ހަބީބު ވެސް ވިދާޅުވެފައިވަނީ، އެ ގާނޫނު ހިނގާނީ މެންބަރުން މަގާމުގެ ހުވާ ކުރައްވާ ހިސާބުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންޓިޑިފެކްޝަން ގާނޫނު ބުނާގޮތުން، މަޖިލިސް މެންބަރުން ހޮވޭ ޕާޓީ ބަދަލުކޮށްފިނަމަ، މެންބަރުގެ ގޮނޑި ދޫކޮށްލަންޖެހޭނެއެވެ. ނަމަވެސް، ގޮނޑި ގެއްލޭނެކަމަކަށް ސީދާ ބުނެފައެއް ނޯވެއެވެ.

ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މި ގާނޫނުގައި ގާނޫނުއަސާސީއާއި ކަނޑައެޅިގެން ޚިލާފު އަދި ފުށުއަރާ އެތައް މާއްދާތަކެއް އެބަހުއްޓެވެ. ހަބީބުވެސް ވަނީ މިކަން ފާހަގަ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން