ތިނަދޫ ޕްރީފެބް ބިލްޑިންގ ގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ތިނަދޫ ޕްރީފެބް ބިލްޑިންގ ގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ގދ. ތިނަދޫގައި އެމްޓީސީސީން ކުރިއަށްގެންދާ ޕްރީފެބްރިކޭޓެޑް އިމާރާތްތަކުގެ ތެރެއިން، ކޯލްޑް ސްޓޯރޭޖްގެ ޕަވަރހައުސް ސްލެބް އެޅުމުގެ މަސައްކަތާއި ޓެލީ އޭރިއާގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، އެ ރަށުގެ ސިނާޢީ ދާއިރާ ތަރައްޤީ ކުރުމުގެ ބޭނުމުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ތިނަދޫގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ފުޅާކޮށް، އެ ސަރަޙައްދުގައި ފަސޭހަކަމާއެކު ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ މުޅި ޖުމްލަ މަސައްކަތުގެ ގާތްގަނޑަކަށް 85 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ވަކިވަކި އިމާރާތްތަކުގެ މަސައްކަތްތަކަށް ބަލާއިރު، އެޑްމިން ބިލްޑިންގގެ 48 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ކޯލްޑް ސްޓޯރޭޖްގެ 80 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. އަދި މީގެ އިތުރުން ކެމިކަލް އަދި ލޮނު ގުދަން އިމާރާތްކުރުމުގެ 56 އިންސައްތަ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިޤްތިޞާދީ ވަސީލަތްތައް ޤާއިމުކުރުމަށް އިސްކަންދެމުން އަންނައިރު، ތިނަދޫގައި ކުރިއަށްދާ މި މަޝްރޫޢު ނިމުމުން، އެ ރަށުގެ އިތުރުން މުޅި ހުވަދުއަތޮޅުގެ މަސްވެރިކަމާއި ވިޔަފާރީގެ ދާއިރާއަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ. އެމްޓީސީސީން އަންނަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަސައްކަތްތައް ނިންމުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު