ތުލުސްދޫ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ތުލުސްދޫ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ކ. ތުލުސްދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޓައިބީމް ފޯމްވޯކް އަދި ރީއެންފޯސްމަންޓްގެ މަސައްކަތްތައް ސައިޓުގައި މިހާރު ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ބިންގަލުގެ މުހިންމު ބައެއް ކަމަށްވާ ޓައިބީމް އެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ދަގަނޑު ބެއްދުމުގެ މަސައްކަތްތަކެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 5.34 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ތުލުސްދޫގައި 4،000 އަކަފޫޓުގެ ޒަމާނީ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ 18 ރަށެއްގައި ކުޅިވަރުގެ 20 އުމްރާނީ ވަސީލަތް ގާއިމުކުރުމަށް މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ހިންގޭ މުހިންމު މަޝްރޫޢެކެވެ.

ޒުވާނުންނާއި ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އަދި މި މަސައްކަތް އިފްތިތާހު ކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 240 ދުވަހުގެ މުއްދަތެކެވެ.

މި ސެންޓަރުގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތްތަކާއި ފުޓިންގ އެޅުމުގެ އިތުރުން ރީއެންފޯސްމަންޓްގެ މަސައްކަތްތައް މިދިޔަ ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަޝްރޫޢު ނިންމައި ރައްޔިތުންނަށް މި ޚިދުމަތް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު