މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް
މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިމިގްރޭޝަންގެ ގާނޫނަށް ގެންނަ އިސްލާހު ފާސްވެ ތަންފީޒުވާން ފެށުމުން، އިސްރާއީލުގެ ރައްޔިތުކަން ނުވަތަ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް އެހެން ގައުމެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ވެސް ރާއްޖެ އެތެރެވުމުގެ ފުރުސަތު އެއްކޮށް ބަންދުވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު މުސްތަފާ ވިދާޅުވީ، އިމިގްރޭޝަން ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަކީ މި ދަނޑިވަޅުގައި މަޖިލީހަށް އަންނަންޖެހޭ ވަރަށް މުހިންމު އަދި ބޭނުންތެރި ބިލެއް ކަމަށެވެ. އަދި މި ބިލުގައި ހިމެނޭ ބައެއް މާއްދާތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތަކާއި ސުވާލުތަކެއް އުފެދިފައިވާތީ، އެކަންކަމުގެ ހަގީގަތް ސާފުކޮށްދެއްވުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ރައްޔިތުންނަކީ އާންމުކޮށް އެހެން ގައުމުތަކުގެ ޕާސްޕޯޓު ވެސް ގެންގުޅޭ، ޑުއަލް ސިޓިޒަންޝިޕް އޮންނަ ބައެކެވެ. މީގެ ކުރިން އިސްރާއީލުގެ ޕާސްޕޯޓު އެކަނި މަނާކުރުމަށް ނިންމި ނިންމުމުގެ ސަބަބުން، އެމީހުންގެ އަތުގައި އޮންނަ އެހެން ގައުމުތަކުގެ ދެވަނަ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު އޮތް ކަމަށާއި، މިހާރު ވެސް އެގޮތަށް އެމީހުން ރާއްޖެ އަންނަމުންދާ ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން އޮތް އުސޫލުން އެކަން ހުއްޓުވުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރިކަން ވެސް މުސްތަފާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، މިހާރު ހުށަހެޅިފައިވާ އިސްލާހާއެކު އެ ހުރިހާ ދޮރުތަކެއް ބަންދުވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުން މުސްތަފާ ވިދާޅުވީ، މިފަހަރުގެ ބިލުން ހަމައެކަނި މަނާކުރަނީ އިސްރާއީލުގެ ޕާސްޕޯޓު ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އިސްރާއީލުގެ ޕާސްޕޯޓު އޮންނަ ކޮންމެ މީހަކީ ވެސް ރާއްޖެ އެތެރެވުން މަނާ މީހެއްގެ ގޮތުގައި ގާނޫނީ ގޮތުން ކަނޑައެޅިގެންދާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ދެވަނަ ނުވަތަ ތިންވަނަ ގައުމެއްގެ ޕާސްޕޯޓު އޮތް ނަމަވެސް، އެމީހަކީ އިސްރާއީލުގެ ޕާސްޕޯޓު އޮންނަ މީހެއް ނަމަ ދެން ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް ގާނޫނު ބަދަލުވެގެންދާނެ ކަމަށް އޭނާ ތަފްސީލުކޮށްދެއްވިއެވެ.

މީގެ އިތުރުން، އިސްރާއީލާ މެދު ސަރުކާރުން ގެންގުޅޭ ހަރުދަނާ އަދި ސާފު ސިޔާސަތަށް އަލިއަޅުއްވާލައްވަމުން، މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ވެސް މެންބަރު ވަނީ ތާއީދުކުރައްވާފައެވެ. ރޭގެ ޖަލްސާގައި ރައީސް ވަނީ އަނިޔާވެރި އިސްރާއީލު ފިޔަވައި، ދުނިޔޭގެ އެހެން ހުރިހާ ގައުމަކާއެކު ވެސް ރާއްޖެއިން ގުޅުން ބަދަހިކުރައްވާނެ ކަމަށާއި، ގައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރައްވާ މަސައްކަތްތަކުގައި ސަރުކާރު ކުރިއަށްދާނީ އެ ސިޔާސަތުގެ ދަށުން ކަމަށް ސާފުކޮށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު