ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރުހުން ހޯދުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ފޮނުއްވައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްވުމަށްފަހު، ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ. ސަމީރުގެ ނަންފުޅު މަޖިލީހަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެ މަގާމަށް އޭނާ އައްޔަންކުރުމަށް ފެންނަކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސަށް ލަފާއަރުވާފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ފަނޑިޔާރަކު އައްޔަންކުރުމަށް އިއުލާނުކުރީ، އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން މަގާމުން ރިޓަޔާ ކުރައްވަން ނިންމަވާފައިވާތީއެވެ. މި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީ އަލީ ސަމީރުގެ އިތުރުން ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އަލީ ސަމީރަކީ، މިސްރުގެ މަޝްހޫރު އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭގެ ފަހުން އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ފުރިހަމަކުރައްވާފައެވެ.

އަލީ ސަމީރު ވަނީ 2011 އިން ފެށިގެން 2022 އާ ހަމައަށް ދިގު މުއްދަތެއްގައި ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އޭގެ ކުރިން އޭނާ ވަނީ މަދަނީ ކޯޓުގެ އިސްގާޒީގެ މަގާމުވެސް ފުރުއްވާފައެވެ. މީގެއިތުރުން، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު