ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު
ވޭތުވެދިޔަ އެމްޑީޕީގެ ވެރިކަންތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި ހިންގާފައިވަނީ ރޭވިގެން ހިންގި ބޮޑު ވައްކަމެއް ކަމަށާއި، އެއްކޮޅުން އެ މީހުން އެއްކުރުމަށްފަހު އަނެއްކޮޅުން ދިނީ ލުއިތަކެއް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ތުހުމަތުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި އިމިގްރޭޝަން ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އޮތީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައި ކަމަށެވެ. އަދި އޭރު ރާއްޖޭގައި ތިބި ބިދޭސީންގެ ސީދާ އަދަދެއް ވެސް ދައުލަތުގެ އެއްވެސް އިދާރާއަކަށް އެނގެން ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި މި މައްސަލަ ހައްލުކުރަން ގެންގުޅުނު ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، އޭރު ފެނިގެންދިޔައީ ބިދޭސީން ގަވާއިދާ ޚިލާފަށް އުޅޭ ކަމަށް ބުނެ އެއްތަނަކަށް އެއްކުރުމަށްފަހު، އެ މީހުންނަށް ދޫދީ ލުއިތަކެއް ދިން މަންޒަރު ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފައިވަނީ ވަކި ރޭވުމެއްގެ ދަށުން ހިންގި ނޭދެވޭ އަމަލުތަކެއްގެ ތެރެއިން ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ. މިފަދަ ގައުމީ ބޮޑު މައްސަލައަކަށް ބޭނުންވަނީ ވަގުތީ ފަރުވާއެއް ނޫން ކަމަށާއި، ދާއިމީ ހައްލެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ ވާހަކައިގައި ވަނީ ސަރުކާރުން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާއެކު، ބިދޭސީންގެ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ދަށުން، މިހާރު ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ބަޔޮމެޓްރިކް ޑޭޓާ ނަގައި ނިމިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރޭ ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިހާރު ބަޔޮމެޓްރިކްސް ނުނެގި ބާކީ ތިބީ އެންމެ އިންސައްތައެއްގެ މީހުން ކަމަށާއި، އެންމެންގެ ދިހަ އިނގިލީގެ ނިޝާން ނަގައި ދަފްތަރު ކުރުމަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ އެއް އިންސައްތަ ގައުމަށް ހާސިލްކުރެވިފައިވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު