ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރުހުން އޮތް ކަމަށް ފާސްކޮށްފި އެވެ.

އަލީ ސަމީރަށް ރުހުން ހޯދުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވީ މިއަދުއެވެ. ސަމީރުގެ ނަންފުޅު މަޖިލީހަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެ މަގާމަށް އޭނާ އައްޔަންކުރުމަށް ފެންނަކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސަށް ލަފާ އެރުވުމުންނެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް ފަނޑިޔާރަކު އައްޔަން ކުރުމަށް އިއުލާނުކުރީ، އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން މަގާމުން ރިޓަޔާ ކުރައްވަން ނިންމަވާފައިވާތީއެވެ. އެކަމާގުޅިގެން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީ އަލީ ސަމީރުގެ އިތުރުން ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އަލީ ސަމީރަކީ، މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރަށްވާފައިވާ ބޭފުޅެކެވެ. އަދި އޭގެ ފަހުން އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ފުރިހަމަކުރައްވާފައެވެ.

އަލީ ސަމީރު ވަނީ 2011 އިން ފެށިގެން 2022 އާ ހަމައަށް ދިގު މުއްދަތެއްގައި ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އޭގެ ކުރިން އޭނާ ވަނީ މަދަނީ ކޯޓުގެ އިސްގާޒީގެ މަގާމުވެސް ފުރުއްވާފައެވެ. މީގެއިތުރުން، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު