އިސްރަށްވެހިން
އިސްރަށްވެހިން
ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރު ފުރުޞަތެއް ހުޅުވާލައިފިއެވެ.

މިއީ ގޭގައި އެކަހެރިކޮށް ތިބެންޖެހޭ އިސްރަށްވެހިންގެ ސިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، މުޖުތަމަޢުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި މުޅިން ހިލޭ ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެޗްޑީސީން މަޢުލޫމާތު ދޭގޮތުގައި، މި ޕްރޮގްރާމަށް އިތުރު ފުރުޞަތެއް ދިނުމަށް ނިންމީ މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ހެލްތު އެކްސްޕޯގައި ގިނަ އަދަދެއްގެ ބަޔަކު މި ޕްރޮގްރާމަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީވުމާ ގުޅިގެންނެވެ.

ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުން، ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަ ގޫގްލް ފޯމެއް މެދުވެރިކޮށް މިހާރުވެސް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ނޮވެމްބަރު 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށްގެންދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، ޖުމްލަ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ކޮންމެ ބެޗެއްގައިވެސް ހަފުތާއަކު ތިން ދުވަހު، ޖުމްލަ 12 ސެޝަން ކުރިއަށްދާނެއެވެ.

މި ސެޝަންތަކުގައި އިސްރަށްވެހިންގެ އުމުރާ ގުޅޭ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތަކުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ބައިވެރިންގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ބައިވެރިންނަށް ބޭނުންވާ ދަތުރުފަތުރުގެ އިންތިޒާމާއި، ފަސްޓްއެއިޑްގެ ޚިދުމަތް އަދި ބޯފެނާއި އަރާމުކުރާނެ އިންތިޒާމުތައް ހަމަޖައްސައިދޭނެއެވެ.

މިއީ އެޗްޑީސީގެ އިތުރުން ހެލްތު މިނިސްޓްރީ، ހުޅުމާލެ ހޮސްޕިޓަލް، ފުލުހުން، ފިޒިއޯ ސޮލިއުޝަންސް، ޕެންޝަން އޮފީސް، އެމްޓީސީސީ، އުރީދޫ އަދި ޖަމިއްޔާތައް ގުޅިގެން، ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް އުފާވެރި މާހައުލަކަށް ހެދުމަށް ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު