2025 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ހާއްސް ޖަލްސާ،
2025 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ހާއްސް ޖަލްސާ،
ދައުލަތަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 56 ބޭފުޅަކަށް، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އެރުވުމަށް ނިންމައިފިއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީން ވަޒަންކުރައްވައި ހޮއްވެވި މި ބޭފުޅުންނަށް އިނާމު އެރުވުން އޮންނާނީ މާދަމާރޭ 20:30 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގައި ބާއްވާ ޚާއްޞަ ޖަލްސާގައެވެ. މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާނީ ޝަރަފުގެ ބެޖަކާއި، އައްޑަނައެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައިވެސް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް މި އިނާމު ވަނީ އަރުވާފައެވެ.

މާދަމާރޭގެ ޖަލްސާގައި ދައުލަތުގެ އިނާމުގެ އިތުރުން، އެކި ދާއިރާތަކުން މަތީ ދަރަޖަ ހޯދި 57 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު އެރުވުންވެސް އޮންނާނެއެވެ. ޚާއްޞަ އިނާމާބެހޭ ކޮމިޓީން ކަނޑައެޅި މި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

މިގޮތުން ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ފާހަގަކޮށްލެވޭ ކާމިޔާބީއަކާއެކު ހާސިލުކުރެއްވި 6 ބޭފުޅުންނާއި، ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި 50 ބޭފުޅުންނެވެ. އަދި ބައިނަލްއަޤުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެނޫންވެސް ބައިނަލްއަޤުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދި އެއް ފަރާތަކަށްވެސް މި އިނާމު ލިބިވަޑައިގަންނަވާނެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު