ފޮޓޯ: އެޗްޑީސީ
ފޮޓޯ: އެޗްޑީސީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ފާގަތިކަމާއި އުފާވެރިކަން ގެނެސްދިން ކާމިޔާބު ތިން އަހަރު ފުރިހަމަކޮށްފިއެވެ.

ހަމައެކަނި ކޮންކްރީޓް އިމާރާތްތަކެއް ބިނާކުރުމުގެ ވިސްނުން ދޫކޮށްލައި، އާއިލާތަކުގެ ޖީބަށް ބޮޑެތި ލުއިތަކެއް ހޯދައިދިނުމާއި، ވަށައިޖެހޭ ތިމާވެއްޓާއި ގުޅޭ ހިތްފަސޭހަ މުޖުތަމައެއް ބިނާކުރުމަށް އެ ކޯޕަރޭޝަނުން މި މުއްދަތުގައި ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، އެޗްޑީސީން ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއިން ތާރީޚީ ބޮޑެތި ލުއިތަކެއް ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ހިޔާ ފުލެޓުތަކުގެ ކުލިން އެވްރެޖްކޮށް 200,000 ރުފިޔާ އުނިކޮށްދީ، ކުރިން ދައްކަމުން އައި 8,500 ރުފިޔާގެ ކުލި 7 އަހަރު ދުވަހުގެ މުއްދަތަށް މަހަކު 4,984.21 ރުފިޔާއަށް ވަނީ ކުޑަކޮށްދީފައެވެ. އަދި 2024 ފެބްރުއަރީ މަހުން ފެށިގެން ހުޅުމާލެ ފޭސް 1 ގެ ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ކުލިން 20 އިންސައްތައިގެ ޑިސްކައުންޓެއް ވަނީ ދީފައެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ވިނަރެސް ފުލެޓުތަކުގެ ޑައުންޕޭމަންޓުން 50 އިންސައްތައިގެ ޑިސްކައުންޓެއް ދީ، މަހު ކުލިން 4,200 ރުފިޔާ އުނިކޮށް، މެނޭޖްމަންޓް ފީ 1,000 ރުފިޔާއަށް ކުޑަކޮށް، އިންޓަރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ވަނީ ދަށްކޮށްދީފައެވެ.

ހަމައެކަނި މާލެ ސަރަހައްދަށް ބެހެއްޓިފައި އޮތް ފޯކަސް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 3,960 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ށ. މިލަންދޫ، ރ. ދުވާފަރު، ޅ. ނައިފަރު އަދި އައްޑޫ ސިޓީގެ ގަމާއި، ފޭދޫ، ހިތަދޫ އަދި މަރަދޫ ހިމެނެއެވެ. މީގެ އިތުރުން މާލެއަށް މަތީ ތައުލީމު ހާސިލުކުރަން އަންނަ ދަރިވަރުންނަށް ޚާއްސަކޮށް 198 ކޯ-ލިވިންގ ސްޓޫޑެންޓް އެކޮމޮޑޭޝަން ޖާގަ ހިމެނޭ "އެކުވެހި" މަޝްރޫއު މިހާރު ވަނީ ބޭނުންކުރަން ފެށުމާ ގާތްވެފައެވެ.

ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ތާރީޚީ ބޮޑު މަޝްރޫއު "ރަސްމާލެ" ހިއްކުމުގެ މަސައްކަތް ފަށައި، 2026 ނޮވެންބަރު 10 ގެ ނިޔަލަށް 713.43 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި ބިންވެރިޔާ ސްކީމްގެ 698 ގޯއްޗާއި ތަރައްގީގެ ބޭނުމަށް ހުޅުމާލެ ފޭސް 3 އިން 63 ހެކްޓަރު ހިއްކާފައިވާއިރު، ތިލަފުށި ފޭސް 2 އިން 117 ހެކްޓަރު ހިއްކައި، އިތުރު 102 ހެކްޓަރު ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ، އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ގިނަ ކަންތައްތަކެއް ވަނީ ނިންމާފައެވެ. އެގޮތުން، ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ނިންމައި ރަސްމީކޮށް ހަވާލުކުރުމާއި، 20 އަހަރަށް ދިގުލައިގެން ދިޔަ ފަސް ތަރީގެ "މޭންހަޓަން ގްރޭންޑް ހޮޓެލް" ހުޅުވުން ހިމެނެއެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ނުނިމި އޮތް އެޗްޑީސީގެ 400 އަށްވުރެ ގިނަ މުވައްޒަފުންގެ "ހިޔާ ވެހި" މަޝްރޫއު ނިންމައި ފުލެޓުތައް ވަނީ ހަވާލުކޮށްފައެވެ. ހިޔާ ޓަވަރުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކޮންމެ ޓަވަރަކަށް ދެ ލިފްޓުގެ މަގުން ޖުމުލަ 32 ލިފްޓް ވަނީ ބަހައްޓާފައެވެ. މީގެއިތުރުން ހިޔާ ޓަވަރު 8 ގައި އިސްރަށްވެހިންގެ ޑްރޮޕް-އިން ސެންޓަރެއް ގާއިމުކޮށް، އަލް-އަޞްރު ޖަމިއްޔާއާ ގުޅިގެން "ޔަންގް ޤާރީސް" ފަދަ ދީނީ ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހުޅުމާލޭގެ މުސްތަގުބަލަށް ބަލައި، އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން 10,500 ހައުސިންގ ޔުނިޓަށާއި، ސިއްހީ ދާއިރާއިން ނޭޝަނަލް ހެލްތު ލެބޯޓްރީ، މެންޓަލް ހޮސްޕިޓަލް، ތެލެސީމިއާ ހޮސްޕިޓަލް، މަލްޓި-ސްޕެޝަލްޓީ ހޮސްޕިޓަލް، އަދި އިސްރަށްވެހިންގެ މަރުކަޒު ފަދަ މުހިންމު ޚިދުމަތްތަކަށް ބިން ވަނީ ކަނޑައަޅާފައެވެ. އަދި ފުލުހުންގެ މައި މަރުކަޒާއި، ޕާސްޕޯޓާއި އައިޑީ ކާޑުގެ ޚިދުމަތްދޭ މަރުކަޒު، ގައުމީ ކުތުބުޚާނާ، އިސްލާމިކް ޔުނިވަރސިޓީ، މީޑިއާ ވިލެޖް، މަސް ޕްރޮސެސްކުރާ ޕްލާންޓްތައް، އަދި ސްޕޯޓްސް ޑިސްޓްރިކްޓާއި ބޯލިންގ އަދި ގޯ-ކާޓް އެރީނާ ފަދަ ވަސީލަތްތަކަށް ވެސް ބިން ވަނީ ދޫކޮށްފައެވެ.

އިޖުތިމާއީ އަދި ތިމާވެށީގެ ދާއިރާއިން، ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު އަދި 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ ތެރެއިން 41 ޖިމް ވަނީ ނިންމާފައެވެ. ގައުމީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެޗްޑީސީން ވެފައިވާ 1 މިލިއަން ގަހުގެ ވައުދުގެ ތެރެއިން 115,377 ގަސް މިހާރު ވަނީ އިންދާފައެވެ. ފަރުކޮޅުފުށްޓާއި ލ. ގަމުގައި ގަސް ނާސަރީ ގާއިމުކޮށް، ކުޑަގިރިއާއި ހުޅުމާލޭގައި މުރަކަ އިންދުމާއި، "އާބަން ފާމިންގ" މަޝްރޫއު ވަނީ ކާމިޔާބުކަމާ އެކު ހިންގާފައެވެ. އަދި ހުޅުމާލޭގެ މަގުމަތީގެ ސަލާމަތަށް 88 ސްޕީޑް ބަމްޕަރާއި އާ ރައުންޑްއެބައުޓްތައް ހަދައި، މަގުތައް މަރާމާތުކޮށް، އެންވަން ސްޕޯޓްސް ޕާކާއި، ފިތުރޯނު، ސްޓެލްކޯ، އަދި ވިނަރެސް ޕާކު ވަނީ ތަރައްގީކޮށްފައެވެ. މީގެއިތުރުން ކުޑަގިރީގައި "ދޫނިއާ ޑައިވް ސައިޓް" ވަނީ ގާއިމުކޮށްފައެވެ.

ކޯޕަރޭޝަންގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ސްޓްރެޓީޖިކް ޕްލޭން 2025–2030 ވަނީ އިފުތިތާހުކޮށްފައެވެ. އަދި އާރްޓީއައި ގާނޫނަށް ފުރިހަމައަށް އަމަލުކުރަން ފެށި ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުންޏަށް އެޗްޑީސީ ވެފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރި ޚިދުމަތްތަކަށް "ރިވެލި އެވޯޑް 2026" އަދި "މޯލްޑިވްސް އެކްސްޕޯ 2026" އިން އެއްވަނަ ވަނީ ހާސިލުކޮށްފައެވެ. މާލީ ގޮތުން ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ޗައިނާގެ ބޮޑެތި ލޯނުތައް 5 އަހަރަށް ރީސްޓްރަކްޗާކޮށް، ކްރެޑިޓް އިންފޮމޭޝަން ބިއުރޯ (ސީއާރްއައިބީ) އަށް ޑޭޓާ އަޕްޑޭޓްކުރަން ފަށައި، އައިއެސްއޯ 9001:2015 ސެޓްފިކެޓް ވަނީ އާކޮށްފައެވެ.

ވޭތުވެދިޔަ 3 އަހަރަކީ ހުއްޓިފައި ހުރި އެތައް މަޝްރޫއެއް އަލުން ފަށައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަމަލީ ހައްލުތަކެއް ހޯދައިދެވުނު އުފާވެރި ތިން އަހަރެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، އަލަށް އެކުލަވާލެވުނު ސްޓްރެޓީޖިކް ޕްލޭނާ އެކު ކުރިއަށް އޮތް ތަނުގައި ވެސް އެ ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކޮށް، ދިވެހިން ފަޚުރުވެރިވާ ފަދަ ޒަމާނީ، ހިތްފަސޭހަ އަދި ދެމެހެއްޓެނިވި ދިރިއުޅުމުގެ ވެށްޓެއް ބިނާކުރުމެވެ. އަދި ގައުމު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުއި ހޯދައިދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު