ކުމުންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ކުމުންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހދ. ކުމުންދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރާއި، ފެންސް ޖެހުމާއި ލައިޓިން ހަރުކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމި، މުޅި މަޝްރޫޢުގެ 75 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، މިހާރު ކުރިއަށްދަނީ ފުޓްބޯޅަ ދަނޑުގެ ވަށާފާރުގެ ޕްލާސްޓަރު ކުރުމުގެ (ސިމެންތި ޖެހުމުގެ) މަސައްކަތްތައް ކަމަށެވެ. މީގެއިތުރުން ދަނޑުގެ ވަށައިގެން ޖަހާ ފެންސް ޖެހުމާއި، ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ އަމަލީ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ.

ކުމުންދޫގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކޮށް ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، މި ފުޓްބޯޅަ ދަނޑުގެ އިތުރުން އެ ރަށުގައި ވަކިން ޤާއިމުކުރެވުނު ފުޓްސަލް ދަނޑުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މީގެއިތުރުންވެސް، ރަށުގެ އިޖުތިމާޢީ އަދި ކުޅިވަރުގެ ޙަރަކާތްތައް އިތުރުކުރުމުގެ މަޤްޞަދުގައި ވޮލީ ކޯޓަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ.

ކުމުންދޫގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އަންނަ މި ފުޓްބޯޅަ ދަނޑުގެ މަސައްކަތް މުޅިން ނިމުމުން، އެ ރަށުގައި ފުރިހަމަ ވަސީލަތްތަކާއެކު ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ފަހިވެ، ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ކުޅިވަރު މުބާރާތްތައް ބޭއްވުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު