ރ. ކިނޮޅަސް ޕޮލިސް ޕޯސްޓުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ރ. ކިނޮޅަސް ޕޮލިސް ޕޯސްޓުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ރ. ކިނޮޅަހުގައި އަލަށް އިމާރާތްކުރަމުންދާ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގޮސް، މުޅި މަޝްރޫއު ނިމުމަކާ ގާތްވެފައިވާ ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިހާރު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ އެތެރޭގެ ފިނިޝިންގ މަސައްކަތްތަކެވެ. އެގޮތުން އިމާރާތުގެ އެތެރޭގެ ސީލިންގް އެޅުމާއި، ތަޅުމުގައި ފްލޯ ކޮންކްރީޓް ސްކްރީޑް އެޅުމުގެ މަސައްކަތްތައް ދަނީ ފޯރިއާއެކު ހިނގަމުންނެވެ. މީގެއިތުރުން އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަށައިގެން ރާނާ އިންފާރުގެ ލިންޓެލް ބީމްތައް އެޅުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ކިނޮޅަހުގައި ތަރައްގީކުރާ މި ޕޮލިސް ޕޯސްޓަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްޓީސީސީއާ ދެމެދު ވެވިފައިވާ ހާއްސަ އެއްބަސްވުމެއްގެ ދަށުން ހިންގާ މަޝްރޫއުގެ ބައެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ހަރުދަނާކުރުމުގެ މަގުސޫދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި ޕޮލިސް ޕޯސްޓް އަދި 5 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ޕޮލިސް ޕޯސްޓްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކިނޮޅަހުގެ އިތުރުން އދ. އޮމަދޫ، އއ. ފެރިދޫ، ބ. މާޅޮސް، ނ. ފޮއްދޫ، ހދ. ފިނޭ، ދ. ރިނބުދޫ، ރ. ފާއިނު، ނ. މާފަރު އަދި ބ. ފުޅިދޫގައެވެ. މީގެއިތުރުން ފުލުހުންގެ މައި ސްޓޭޝަންތައް ތަރައްގީކުރުމަށް ކަނޑައަޅާފައިވަނީ އއ. އުކުޅަސް، ދ. މީދޫ، ކ. މާފުށި، ކ. ތުލުސްދޫ އަދި ނ. މަނަދޫގައެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި އަލަށް ގާއިމުކުރެވޭ މިފަދަ ޒަމާނީ އުމްރާނީ ވަސީލަތްތަކުގެ ސަބަބުން، މުޖުތަމައުގައި ގާނޫނު ތަންފީޒުކުރުމުގެ ދައުރު އިތުރަށް ހަރުދަނާވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު