ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް
ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވީތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ދެއްވި ޚިޠާބުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް ބިންގަލަކީ އދ. ގެ މެންބަރުކަން ކަމުގައި ވިދާޅުވެއްޖެއެވެ.

މި މުނާސަބަތުގައި ދެއްވި ޚިޠާބުގައި ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، 21 ސެޕްޓެމްބަރ 1965 ގައި ދިވެހިރާއްޖެ އދ. އާ ގުޅުނު ހިސާބުން ފެށިގެން، ކުދި ޖަޒީރާ ޤައުމެއްގެ (ސިޑްސް) ގޮތުގައި ރާއްޖޭގެ ޙައްޤުތަކާއި މަޞްލަޙަތުތައް ހިމާޔަތްކުރުމަށާއި ދުނިޔޭގެ ކުރިމަތީގައި އަޑު އުފުލުމަށް އދ. އަކީ ވަރަށް މުހިންމު ޕްލެޓްފޯމެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަކީ ހަމަހަމަ، މިނިވަން ޤައުމެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް މި މެންބަރުކަން މަގުފަހިކޮށްދިން ކަމަށް ވިދާޅުވިއެވެ.

ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތަކުގައި ދުނިޔޭގެ އެޖެންޑާ ބައްޓަންކުރުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، "މާލެ ޑިކްލަރޭޝަން" އާއި ކުދި ޖަޒީރާ ޤައުމުތަކުގެ އިއްތިހާދު (އޭއޯސިސް) އުފެއްދުމުގައި ރާއްޖެއިން އިސްނެގި ކަމަށެވެ. އަދި ސާފު، ދުޅަހެޔޮ ތިމާވެއްޓެއް ލިބުމަކީ އަސާސީ ޙައްޤެއްގެ ގޮތުގައި ކަނޑައެޅުމަށް ރާއްޖެއިން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޠާބުގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ ކަންކަން ނިންމުމުގައި އެ ޤައުމުތަކުން އިސް ސަފުގައި ތިބެންޖެހޭނެ ކަމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަމަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް ގޮވާލައްވާފައެވެ. މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސިޑްސް" (އަބާސް) ފުރިހަމައަށް ތަންފީޛުކުރުމަކީ މިވަގުތަށް ކޮންމެހެން މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކަކީ ކުދި ޤައުމުތަކުގެ ދިރިއުޅުމަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި، "ލޮސް އެންޑް ޑެމޭޖް ފަންޑު" ފުރިހަމައަށް ހިންގުމަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ އިންޞާފުވެރި ނިޒާމެއް ޤާއިމުކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.

ޚާރިޖީ ވަޒީރުގެ ޚިޠާބު ނިންމަވާލެއްވީ، ރައީސް ޑރ. މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދަމަހައްޓައި، އދ. ގެ ޗާޓަރުގެ އުޞޫލުތަކާ އެއްގޮތަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. އަދި ވޭތުވެދިޔަ 61 އަހަރު ދުވަހު ރާއްޖެއާއެކު ދެމިތިބި ބައިނަލްއަޤްވާމީ ހުރިހާ ބައިވެރިންނަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް