ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް
ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް
ދުނިޔެއަށް މިއަދު ކުރިމަތިވަމުންދާ މިފަދަ ދެވަނައެއް ނެތް ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ގުޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކޮމަންވެލްތަކީ މި ޒަމާނުގެ ބޭނުންތަކަށް ފުރިހަމައަށް އިޖާބަދޭ، ހަރުދަނާ އަދި ކުރިއަރާފައިވާ ވަރުގަދަ ޖަމާއަތަކަށް ވާންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަމަށް ގޮވާލެއްވީ، އެންޓީގާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި 2026 ނޮވެމްބަރު 1 ން 4 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 28 ވަނަ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ (ޗޮގަމް) ކުރިން ބޭއްވި، އެ ޖަމާއަތުގެ ޚާރިޖީ ވަޒީރުންގެ ޚާއްސަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މައިދާނުގައި އެންމެން ގުޅިގެން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަކިން ހާއްސަކޮށް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) އިގުތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސް) ކަށަވަރުކޮށްދިނުމަށް ވަކާލާތުކުރުމުގައި ކޮމަންވެލްތުން މުހިންމު އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަދަ ނާޒުކު ގައުމުތަކުގެ ކަންބޮޑުވުންތަކަށް އެދެވޭ އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި، މިހާރު އޮތް ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އަލުން މުރާޖައާކޮށް، އަވަސް އިސްލާހުތަކެއް ގެންނަންޖެހިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ގައުމެއްގެ ކުޑަބޮޑުމިނަށް ނުވަތަ ފޯރުންތެރިކަމަށް ބެލުމެއްނެތި، ކޮމަންވެލްތުގެ ނިންމުންތައް ނިންމުމުގައާއި އެ ޖަމާއަތުގެ އިސް މަގާމުތަކާއި ދައުރުތައް ހަވާލުކުރުމުގައި ހުރިހާ މެންބަރު ގައުމުތަކަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދިނުމަށް މިނިސްޓަރު އިރުތިޝާމް ވަކާލާތު ކުރެއްވިއެވެ. އަދި ކޮމަންވެލްތުގެ މުޅި އާއިލާގެ ކުރިއެރުމާއި ލާބައަށްޓަކައި މެންބަރު ގައުމުތަކާއެކު އަތުގުޅާލައިގެން މަސައްކަތްކުރުމުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.

ޗޮގަމް ސަމިޓުގެ ރަސްމީ އިފްތިތާހީ ހަރަކާތްތަކުގެ ކުރިން ބާއްވާ ކޮމަންވެލްތުގެ ޚާރިޖީ ވަޒީރުންގެ މި ބައްދަލުވުމަކީ، މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެންމެންގެ ފާގަތިކަމަށްޓަކައި އެއް އަމާޒަކަށް މަސައްކަތްކުރުމަށް މަޝްވަރާކުރެވޭ މުހިންމު މައިދާނެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް