ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް، ފޮޓޯ: މިނިސްޓްރީ
ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް، ފޮޓޯ: މިނިސްޓްރީ
ކުދި ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ދުރު ރާސްތާގެ، ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ކަށަވަރުކުރުމަށާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތުކުރުން ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ އެންޓީގުއާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި މިއަދު ކުރިއަށްދިޔަ ކޮމަންވެލްތުގެ ކުދި ޤައުމުތަކާ ބެހޭ ވަޒީރުންގެ ބައްދަލުވުމުގައެވެ.

ކޮމަންވެލްތުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގެ (ޗޮގަމް) ހަވާސާގައި ބޭއްވި މި ބައްދަލުވުމުގެ ކޯ-ޗެއަރގެ ހައިސިއްޔަތުން ރިޔާސަތު ބަލަހައްޓަވާފައިވަނީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އަދި އެންޓީގުއާ އެންޑް ބާބިއުޑާގެ ފޮރިން މިނިސްޓަރ އީ.ޕީ ޗެޓް ގްރީން އެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ "ކުދި ޤައުމުތަކުގެ ވިލުންތެރިކަމަށް ޕާޓްނަޝިޕްތަކާއި އިންވެސްޓްމަންޓްތައް ފުޅާކުރުން" މި ޝިޢާރުގެ ދަށުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވަނީ "އެންޓީގުއާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ އެސްއައިޑީއެސް" (އަބާސް) ފަދަ މިހާރުވެސް ޤާއިމުކުރެވިފައިވާ ނިޒާމުތައް ހަރުދަނާކޮށް، ކުދި ޤައުމުތަކުގެ ހައްޤުގައި ވަކާލާތުކުރުން ވަރުގަދަކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި، ހަކަތައިގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާއި، ވިޔަފާރިއާއި، ދަރަނި އަދާކުރެވޭނެ ދެމެހެއްޓެނިވި ގޮތްތައް ހޯދުމަށާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ބޭނުންވާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރާ އެކު އޮންނަ ގުޅުން ބަދަހިކުރަންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ވެފައިވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖެހެންޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތައް ފުޅާކުރުމަށާއި، ފަންނީ އެހީތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވަނީ ރާއްޖޭގެ "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތުގެ ދަށުން، އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރާނީ ޤައުމުގެ އިސްތިޤްލާލަށާއި އިސްކަންދޭ ކަންކަމަށް އިޙްތިރާމްކޮށްގެން ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކޮމަންވެލްތުގެ އެއްބާރުލުން އޮންނަންވާނީ ސާފު އަމާޒުތަކަކާއި، ވަޒަންކުރެވޭ ނަތީޖާތަކެއްގެ މައްޗަށް ބިނާވެގެން ކަމަށް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ނިންމާ ނިންމުންތަކުގައި ކުދި ޤައުމުތަކުގެ ތަމްސީލުވުން އޮތުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، 2028 އިން 2030 އަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް އަދި 2033 އިން 2034 އަށް އދ. ގެ ސެކިއުރިޓީ ކައުންސިލަށް ދިވެހިރާއްޖެއިން ކުރިމަތިލާފައިވާކަން މިނިސްޓަރ ހަނދާންކޮށްދެއްވިއެވެ.

ކުދި ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަޝްވަރާކުރުމަށް ބޭއްވި މި ބައްދަލުވުން ހުޅުވުމާއި ނިންމުމުގެ ބަސްދީގަތުން ކޯ-ޗެއަރުންގެ ހައިސިއްޔަތުން މިނިސްޓަރ އިރުތިޝާމް އަދި އެންޓީގުއާގެ ފޮރިން މިނިސްޓަރ ވަނީ ދެއްވާފައެވެ. މި ބައްދަލުވުމުގައި އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓަން ބްރައުން ޚާއްޞަ ޚިޠާބެއް ދެއްވި އިރު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާރލީ ބޮޗްވޭ ވެސް ވަނީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް