ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާތީ މުވައްޒަފުންގެ ޙައްގުތައް ނިގުޅައިގަނެ ނިކަމެތިކަން ލިބޭގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ނާއިބް ރައީސް ފައިސަލް މިހެން ވިދާޅުވީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި މަހިބަދޫ ފެނަކަ ބްރާންޗުގެ 11 މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އެރަށު ކައުންސިލުން ނެރުނު ނޫސްބަޔާނަކާއި ގުޅިގެންނެވެ.

ކުރީގެ ނާއިބް ރައީސް ފައިސަލް ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނުގައި މަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކުރުމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ކޮންމެފަދަ ބަދަލުތަކެއް ގެނައި ނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ އެކަން ކުރަންވާނީ ޤަވާއިދުތަކާ އެއްގޮތަށް އަދި މުވައްޒަފަށް ލިބެންޖެހޭ އެންމެހާ ޙައްގުތައް ކަށަވަރުކޮށްދިނުމަށްފަހު ކަމަށް ފައިސަލް ވިދާޅުވިއެވެ.

ވަޒީފާ އަދާކުރާ ފަރާތްތަކަށް ޤާނޫނުން ލިބިދީފައިވާ ރައްކާތެރިކަން ޤަބޫލުކޮށް، ހުރިހާ ފަރާތްތަކުންވެސް އެކަމަށް އިޙުތިރާމްކުރަންޖެހޭނެ ކަމަށް ފައިސަލް ނަސީމްގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު