މިއަހަރުގެ ރިވެލި އެވޯޑް ހާސިލު ކުރި ފަރާތްތައް
މިއަހަރުގެ ރިވެލި އެވޯޑް ހާސިލު ކުރި ފަރާތްތައް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދަމުން އަންނަ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރުމަށާއި، އެ ފަރާތްތަކުގެ ލާބައާއި މަންފާއަށްޓަކައި އަގުހުރި މަސައްކަތްތަކެއް ކުރަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، "ރިވެލި އެވޯޑު 2026" ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވުނު މި ކުލަގަދަ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި، އެވޯޑު ޙާޞިލުކުރި ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން އިންތިޒާމުކުރި މި އެވޯޑަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުންނާއި، އެފަދަ ފަރާތްތަކަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ބޭއްވި މުހިންމު ޤައުމީ ޙަރަކާތެކެވެ.

މިއަހަރުގެ ރިވެލި އެވޯޑު 6 ދާއިރާއަކުން 25 ފަރާތަކުން ނަން ހުށަހެޅިއިރު، އެވޯޑު ޙާޞިލުކޮށްފައިވަނީ ޖުމްލަ 8 ފަރާތަކުންނެވެ. އެވޯޑު ޙާޞިލުކުރި ފަރާތްތަކަކީ:

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ:

• ޢަލީ ސަމީމް، ހދ. ކުރިނބި، ރިހިވެލި

• މުޙައްމަދު ނާހިލް ސަލާމް، ސ. މަރަދޫ، އަސްރުމާގެ

• ޢާއިޝަތު ޝަފީޤު، ހ. ޝަފީޤުގެ

އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ:

• ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު، ށ. ބިލެތްފަހި، ހަވީރީނާޒް

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ:

• އަމީނިއްޔާ ސްކޫލް

ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ:

• ފާޠިމަތު މުޙައްމަދު، ހދ. ކުޅުދުއްފުށި، އަލްފާ

ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާ:

• ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާ:

• ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް

މީގެއިތުރުން، މި ރަސްމިއްޔާތުގައި ވަނީ ތާރީޚީ ކާމިޔާބީއެއް ފާހަގަކޮށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ. އެއީ ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކުރި، ށ. ކޮމަންޑޫ، އެންދެރިމާގޭ އިސްމާޢީލް ރާހިލްއެވެ.

މިފަދަ ޤައުމީ ފެންވަރުގެ އިނާމުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބި، މުޖުތަމަޢުގައި އެ ފަރާތްތައް ބާރުވެރިކުރުވައި، ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މި އެވޯޑާއެކު ސަރުކާރުން ޙާޞިލުކުރަން އެދޭ ދުރުރާސްތާ އަމާޒަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑު އިތުރަށް އުފުލި، މުޖުތަމަޢުގައި އެފަދަ ފަރާތްތަކުގެ ޙިއްޞާއާއި ބައިވެރިވުން ފުޅާވެ، އެންމެން ޝާމިލުވާ އޯގާތެރި މާޙައުލެއް ޤައުމުގައި ބިނާވެގެން ދިއުމެވެ.



ކިޔުންތެރިންގެ ހިޔާލު